މާލޭ ސިޓީގެ ކައުންސިލް މެންބަރު ޒައިދުލް އަމީން "ސިޔާސީ ހަތިޔާރެއް"ގެ ގޮތުގައި ސަރުކާރުން ބޭނުންކުރަމުންދާ ކަމަށް ބުނެ އޭނާއަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށ އެދި އާއިލާއިން ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅި މައްސަލަ ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ބުރާސްފަތި ދުވަހު ބުނެފިއެވެ.
ވީޑިއޯއެއް ބޭނުންކޮށްގެން ބަޔަކު ބްލެކް މެއިލް ކުރަން އުޅުނުކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. އެ ތުހުމަތު އޭނާ ދޮގު ކުރައްވައެވެ.
ޒައިދުގެ އަނބިކަނބަލުން ޝިޔާމާ މުހައްމަދު ފެބުރުއަރީ މަހުގެ 23 ވަނަ ދުވަހު ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ޒައިދުގެ މައްޗަށް ތުހުމަތު ކުރާ ވީޑިއޯއަކީ ކޮން ވީޑިއޯއެއް ކަމަށް ވެސް އެނގިފައި ނުވާ ކަމަށާއި އެތުހުމަތުތަކަށް އިންކާރު ކުރައްވާ ކަމަށް ވެސް ޒައިދު ވިދާޅުވެފައިވާއިރު މިހާރު އެމައްސަލައިގެ ބާވަތަށް ބަދަލުތަކެއް ގެނެސް ސިޔާސީ ކަންތައްތަކެއް ކުރުމަށް ޒައިދު ގާތުގައި ފުލުހުން ބުނަމުންދާ ކަމަށެވެ.
ހިއުމަންރައިޓްސް ކޮމިޝަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި މީޑިއާއަށް މައުލޫމާތުދެއްވަނީ ކޮމިޝަނުގެ ނައިބު ރައީސް ކަމަށާއި "މިއީ ބަލަމުން ދާ މައްސަލައަކަށް ވާތީ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް" ވިދާޅުވި ކަމަށެވެ.
މީގެ އިތުރުން ޖަލުގައި ގައިދީންނަށް އަނިޔާ ކުރާ ކަމާއި ކެއިން ބުއިމާއި އެހެނިހެން ކަންކަން ޖަލުގައި ހުރީ ވަރަށް ދަށް ހާލަތެއްގައި ކަމަށް ވިދާޅުވެ ޖަލު ބަންދުގައި ހުންނެވި ގަލޮޅު ދެކުނުދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ކުރައްވާފައިވާ ތުހުމަތުތައް ވެސް ބަލަމުން ދާކަމަށް ބުނުމަށް ކޮމިޝަނުގެ ނައިބް ރައީސް އެދިވަޑައިގެންނެވި ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު މަހުލޫފް ނެރުއްވާފައިވާ ބަޔާނެއްގައި އޭނާ ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް ހިމެނޭ ގޮތުން ޖަލުގައި އެތައް ގައިދީންނަކަށް އަނިޔާ ކުރާ ކަމަށް ވިދާޅުވެފައެވެ. އެ ކަމާ ގުޅިގެން މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ހިއުމަންރައިޓްސް ކޮމިޝަނުގެ ނައިބު ރައީސަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.