ކ. މާލެ
|
7 ޖުލައި 2019 | އާދީއްތަ 06:50
އަލްވަރާ މޮރާޓާ
އަލްވަރާ މޮރާޓާ
ގެޓީ އިމޭޖަސް
އަލްވަރާ މޮރާޓާ
ޗެލްސީ ދޫކޮށް، ދާއިމީ އެއްބަސްވުމެއްގައި މޮރާޓާ އެޓްލެޓިކޯއަށް
ދާއިމީ އެއްބަސްވުމުގެ ދަށުން މޮރާޓާ އެޓްލެޓިކޯއަށް ބަދަލުވާނީ އަންނަ އަހަރު

ޗެލްސީ ދޫކޮށް، ދާއިމީ އެއްބަސްވުމެއްގެ ދަށުން ސްޕެއިންގެ ފޯވާޑް އަލްވަރާ މޮރާޓާ އެޓްލެޓިކޯ މެޑްރިޑަށް ސޮއިކޮށްފިއެވެ.

މިދިޔަ ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން މޮރާޓާ އެޓްލެޓިކޯއަށް ބަދަލުވިއިރު، އޭނާގެ ލޯން އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖުލައި މަހުއެވެ.

އެގޮތުން އެޓްލެޓިކޯއަށް މޮރާޓާ ދާއިމީ އެއްބަސްވުމެއްގެ ދަށުން ކުޅެން ފަށާނީ އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން، އެއް އަހަރުގެ ނިޔަލަށެވެ. އޭނާ އެޓްލެޓިކޯއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރެވެ.

އެޓްލެޓިކޯއިން ބުނީ، ކުރިޔަށް އޮތް ސީޒަނުގައި މޮރާޓާ ލާނީ ނުވަ ނަމްބަރު ޖޯޒީ ކަމަށެވެ. އޭނާ މިދިޔަ ސީޒަނުގައި ބޭނުންކުރީ 22 ނަމްބަރު ޖޯޒީއެވެ.

ރެއާލް މެޑްރިޑް ކަސްޓީލާއިން 2010 ވަނަ އަހަރު ފުޓުބޯޅަ ކެރިޔަރު ފެށި މޮރާޓާ ވަނީ ރެއާލް މެޑްރިޑަށް ހަތަރު ސީޒަން ކުޅެފައެވެ. އޭނާ ވަނީ އެ ކްލަބަށް ކުޅުނު 52 މެޗުގައި 11 ލަނޑު ކާމިޔާބުކޮށްފައެވެ.

ރެއާލް ދޫކޮށް މޮރާޓާ ދެން ބަދަލުވީ 2014 ވަނަ އަހަރުގެ ސީޒަނުގައި ޔުވެންޓަސްއަށެވެ. އޭނާ ވަނީ ޔުވެންޓަސްއާއެކު 93 މެޗު ކުޅެ، 27 ލަނޑު ކާމިޔާބުކޮށްފައެވެ.

ޗެލްސީއަށް ކުޅުނު ދެ ސީޒަނުގައި 72 މެޗުގައި 24 ލަނޑު ކާމިޔާބުކޮށްފައިވާ މޮރާޓާ ވަނީ މިދިޔަ ސީޒަނުގައި އެޓްލެޓިކޯއަށް ކުޅުނު 17 މެޗުގައި ހަ ލަނޑު ކާމިޔާބުކޮށްފައެވެ.

ރެއާލްއާއެކު ލަލީގާ ދެފަހަރު ކާމިޔާބުކޮށްފައިވާ މޮރާޓާ ވަނީ އެޓީމާއެކު ދެފަހަރު ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ އެޓީމާއެކު ދެ ކޮޕަ ޑެލްރޭ އާއި ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައެވެ.

ޔުވެންޓަސްއާއެކު ދެ ލީގު ތަށި ކާމިޔާބުކޮށްފައިވާ މޮރާޓާ ވަނީ އެޓީމާއެކު އިޓާލިއަން ކަޕް ދެފަހަރު ހޯދައިފައެވެ. އަދި އޭނާ ވަނީ ޗެލްސީއާއެކު އެފްއޭ ކަޕްވެސް ކާމިޔާބުކޮށްފައެވެ.

ސްޕެއިން ގައުމީ ޓީމަށް ކުޅުނު 31 މެޗުގައި 16 ލަނޑު ކާމިޔާބުކޮށްފައިވާ މޮރާޓާ ވަނީ ސްޕެއިން 19 އަހަރުން ދަށް އަދި 21 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯ ކާމިޔާބުކޮށްފައެވެ.

- ކޮމެންޓް