ކ. މާލެ
|
7 ޖުލައި 2019 | އާދީއްތަ 02:50
ލިއޮނެލް މެސީއަށް ރެފްރީ ރަތް ކާޑު ދައްކަނީ
ލިއޮނެލް މެސީއަށް ރެފްރީ ރަތް ކާޑު ދައްކަނީ
ޓްވިޓަރ
ކޮޕާ އެމެރިކާ
ކޮޕާ އެމެރިކާ: ޗިލީ ބަލިކޮށް އާޖެންޓީނާ ތިންވަނަ ހޯދިއިރު، މެސީއަށް ރަތެއް
ޗިލީގެ މައްޗަށް އާޖެންޓީނާ ކުރިހޯދީ 1-2 ގެ ނަތީޖާއަކުން

ކޮޕަ އެމެރިކާގައި ޗިލީ ބަލިކޮށް އާޖެންޓީނާ ތިންވަނަ ހޯދިއިރު، ލިއޮނެލް މެސީއަށް ރަތް ކާޑެއް ދައްކައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ތިންވަނަ ހޮވި މެޗު ޗިލީއާ ވާދަކޮށް އާޖެންޓީނާއިން މެޗު ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

ބްރެޒިލްގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އާޖެންޓީނާއިންނެވެ. އެގޮތުން އެޓީމުން ވަނީ 12 ވަނަ މިނެޓުގައި މެސީގެ އެހީތެރިކަމާއެކު ސާޖިއޯ އަގުއެރޯ ކާމިޔާބުކުރި ލަނޑުން ލީޑު ނަގައިފައެވެ.

މި ލަނޑަށްފަހުވެސް އާޖެންޓީނާއިން ދިޔައީ ޗިލީގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސް ކުރަމުންނެވެ. އެގޮތުން 22 ވަނަ މިނެޓުގައި ޕައުލޯ ޑިބާލާގެ ލަނޑުން އާޖެންޓީނާ ވަނީ ލީޑު ފުޅާކޮށްފައެވެ.

މެޗުގެ 37 ވަނަ މިނެޓުގައި އާޖެންޓީނާގެ މެސީ އާއި ޗިލީގެ މެޑެލްއާ ދެމެދު ހިނގި ހަމަނުޖެހުމާއެކު ދެ ކުޅުންތެރިންނަށް ވެސް ރެފްރީ ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ.

ދެވަނަ ހާފް ފެށިގެން ޗިލީން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން އާޖެންޓީނާގެ ހާފަށް ބާރުބޮޑުކޮށް އެޓީމުން ވަނީ ލަނޑު ޖެހުމަށް ފުރުސަތު ހޯދާފައެވެ.

ޗިލީން މެޗުގެ ނަތީޖާގެ ފަރަގު ކުޑަކުރީ 59 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ޗިލީއަށް ކާމިޔާބުކޮށްދިނީ އާޓޫރޯ ވިޑާލްއެވެ. އޭގެ ފަހުން ނަތީޖާ ހަމަހަމަކުރަން ވެސް ޗިލީއަށް ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.

ޗިލީން ވަނީ މިދިޔަ ފަހަރު ބޭއްވި ކޮޕާ އެމެރިކާ މުބާރާތް ކާމިޔާބުކޮށްފައެވެ. ނަމަވެސް އެޓީމަށް މިފަހަރު ލިބުނީ ހަތަރުވަނައެވެ. ސެމީގައި ޕެރޫ އަތުން ބަލިވެ ޗިލީ ކެޓީއިރު، އާޖެންޓީނާ ކެޓީ ބްރެޒިލްއާ ވާދަކޮށް ބަލިވެގެންނެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 1 ޖަހާއިރެވެ. ފައިނަލުގައި ވާދަކުރާނީ ޕެރޫ އަދި މުބާރާތް ބާއްވާ ގައުމު ބްރެޒިލްއެވެ.

- ކޮމެންޓް