Advertisement
ކ. މާލެ
|
4 މާރޗް 2017 | ހޮނިހިރު 18:11
ބިދޭސީ ކޭޝީއަރުން މަނާ ކުރުން
ބިދޭސީ ކޭޝީއަރުން މަނާ ކުރުން
ގޫގުލް
ބިދޭސީ ކޭޝީއަރުންގެ މައްސަލަ
ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ
އަމީނީ މަގުގައި ގާކޮށި ފްލެޓް ކައިރީގައި ހަދާފައިވާ މާރުކޭޓުގައި މުޅިން ކަހަލަ ގޮތަކަށް ތިބެނީ ބިދޭސީން
ލޯކަލް މާރުކޭޓު ގޮޅިތަކާއި ފިހާރަތަކުގައި ވެސް އަދިވެސް ބިދޭސީ ސޭޓުން ތިބޭ

އަދިވެސް ކޭޝިއަރުންގެ ގޮތުގައި ބިދޭސީ މީހުން ހަރަކާތްތެރިވަމުންދާ ކަމަށާއި މިކަން ހައްލު ކުރުމަށް ވިޔަފާރިވެރިންނާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން، އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީގު  ވިދާޅުވީ، ދިވެހިންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން، ކޭޝިއަރުންގެ ގޮތުގައި ބިދޭސީންނަށް ނުތިބެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެކަމުގައި އެ މިނިސްޓްރީން ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށް ވެސް ތައުފީގު ވިދާޅުވި އެވެ.

ވަރަށް ޒަމާންތަކެއް ވަންދެން ބިދޭސީން ކޭޝިއަރުންގެ ގޮތުގައި މަސައްކަތް ކުރި ނަމަވެސް، ގިނަ ވިޔަފާރިކުރާ ތަންތަނުގައި ތިބެނީ ދިވެހިން ކަމަށް ވެސް ތައުފީގު ވިދާޅުވި އެވެ. އަދި އެކަން އެގޮތަށް ހިނގާތޯ ބެލުމަށް އިކޮނޮމިކް މިނިސްޓްރީގެ ޓީމްތައް ހަރަކާތްތެރިވަމުންދާ ކަމަށާއި ގަވައިދާ ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު ވެސް އަޅަމުންގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ތައުފީގު މިހެން ވިދާޅުވި ނަމަވެސް ގިނަ ފިހާރަތަކާއި ލޯކަލް މާރުކޭޓުގެ ގޮޅިތަކާއި އަމީނީ މާރުކޭޓުގެ ހުރިހާ ގޮޅިއެއްގައި ކަހަލަ ގޮތަކަށް ސޭޓުންނަށް ތިބެނީ ބިދޭސީންނެވެ. އަދި މި ގޮތަށް ގޮޅިތަކުގައި އުޅޭ ގިނަ ބިދޭސީންނަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންކަން ފާހަގަކުރެވެއެވެ. އެކަން އެނގެނީ މާރުކޭޓުގެ ގޮޅިތަކުގައި ވަޒީފާ އަދާކުރަން ކޯޓާ ދޫނުކާތީއެވެ.

ތައުފީގު ވިދާޅުވީ، އެފަރާތުން ބަލާ ފާސްކުރުމުގައި ލޯކަލް މާރުކޭޓްގައި އަދިވެސް ބިދޭސީން ތިބޭ މަންޒަރު ފެންނަ ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ފަށާއިފައިވާ ކަމަށެވެ.

"ވިޔަފާރިވެރިންނަށް ފުޅާދައިރާއެއްގައި އެ ވިޔަފާރިތައް ކުރެވޭނެ މަގު ތަނަސްކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދަނީ. އެގޮތުން ލޯކަލް މާރުކޭޓްގައި ތަކެތި ވިއްކުމަށް ތިބޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އެތަނުގައި ވިޔަފާރިކުރާ ފަރާތްތަކާ، ވަކި ހާއްސަ ކޮމިޓީއެއް ހަދައިގެން އެ މަސައްކުރަމުންދަނީ،" ތައުފީގު ވިދާޅުވި އެވެ.

ސަރުކާރުން މަސައްކަތް ކުރަނީ ވިޔަފާރިވެރިންނަށް އަދަބެއް ދިނުމަށް ވުރެ ވިޔަފާރިތަކަށް ފަސޭހަ މާހައުލެއް ގާއިމް ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ބިދޭސީ ކޭޝީއަރުން ނުތިބެވޭ ގޮތަށް، ހަމައެކަނި ދިވެހިންނަށް އަދާ ކުރެވޭ ވަޒީފާއަކަށް ބަދަލު ކުރި ނަމަވެސް އަދިވެސް ގިނަ އަދަދެއްގެ ބިދޭސީ ކޭޝިއަރުންގެ ގޮތުގައި ތިބެ އެވެ. މިގޮތަށް އާއްމުކޮށް ބިދޭސީން ތިބޭތަން ފެންނަނީ، ކުދި ކަންމަތީ ފިހާރަތަކާއި ލޯކަލް މާރުކޭޓްގަ އެވެ. މިފަދަ ވިޔަފާރިތަކަކީ މާ ބޮޑު ވިޔަފާރީގެ ފައިދާއެއް ލިބޭ ތަންތަނަށް ނުވުމުގެ ސަބަބުން ދިވެއްސަކަށްވުރެ ބިދޭސީ މުވައްޒަފަކަށް ކުޑަ މުސާރަދީގެން ގެންގުޅެން ފަސޭހަ ކަމަށް މިފަދަ ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ. އަދި އިއުލާނުކޮށްގެން ގެންނަ ދިވެހި ކުދިން ވަޒީފާގައި ހަރުނުވާ ވާހަކަ އަކީވެސް މަދުން ނަމަވެސް އަޑުއިވެމުންދާ ވާހަކައެކެވެ. އާއްމުގޮތެއްގައި ކޭޝިއަރުންގެ ގޮތުގައި ދިވެއްސެއް ނަމަ 4،000ރ. ދޭ އިރު ބިދޭސީއެއް ނަމަ މުސާރައިގެ ގޮތުގައި ދޭންޖޭހޭ މިންވަރު އެދަދު ޑަބަލް ކުޑަވެ އެވެ.

ސަރުކާރުން ދިވެހިންނަށް ވަޒީފާގެ ފުރުސަތު އިތުރުކުރުމަށް ކަމަށް ބުނެ ކޭޝިއަރުންގެ އިތުރުން ފްޓޯގްރަފަރުންނަކީ ވެސް ހަމައެކަނި ދިވެހިން އަދާކުރާ ވަޒީފާތަކުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ އެއްހާސް ފޮޓޯގުރާފަރުންނާއި އެއްހާސް ކޭޝިއަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ވެސް މިކަމާ ގުޅުވައިގެން ފަށާފަ އެވެ. ނަމަވެސް ރިސޯޓު ފޮޓޯގްރަފީގައި އަދިވެސް ގިނައިން ހަރަކާތްތެރިވަމުން ގެންދަނީ ބިދޭސީންކަން ފާހަގަކޮށްލެވެއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް