ކ. މާލެ
|
6 ޖުލައި 2019 | ހޮނިހިރު 16:28
ވީއޭއެމްގެ އިންޓަރިމް ކޮމިޓީގެ ރައީސް އަބްދުﷲ އާމިރު (އައްލޯ)
ވީއޭއެމްގެ އިންޓަރިމް ކޮމިޓީގެ ރައީސް އަބްދުﷲ އާމިރު (އައްލޯ)
މިހާރު
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބައިނަލްއަގުވާމީ ވޮލީ ފެޑެރޭޝަނުން ވީއޭއެމްގެ އިންޓަރިމް ކޮމިޓީ ބަލައެއް ނުގަތް!
ވީއޭއެމްގެ އޮފީސް ހިސޯރުކޮށްފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައި

ބައިނަލްއަގުވާމީ ވޮލީ ފެޑެރޭޝަން (އެފްއައިވީބީ) ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންޓަރިމް ކޮމިޓީ ބަލައި ނުގަތެވެ.

ބުރާސްފަތި ދުވަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށް ފޮނުވި ސިޓީއެއްގައި އެފްއައިވީބީން ބުނީ، ވީއޭއެމްގެ އިންތިހާބީ ލީޑާޝިޕް މަގާމުގެ މަސްއޫލިޔަތުން ދުރުކުރަން ރާއްޖޭގެ ކޮމިޝަނަރ އޮފް ސްޕޯޓްސް ނިންމާ، އިންޓަރިމް ކޮމިޓީއަކާ އެސޯސިއޭޝަން ހަވާލުކޮށްފައިވާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އިތުރަށް ސިޓީގައި ބުނެފައިވަނީ، ވީއޭއެމްގެ އޮފީސްވެސް ހިސޯރުކޮށްފައިވާކަމުގެ މައުލޫމާތުވެސް ލިބިފައިވާ ކަމަށާއި، ވީއޭއެމް މިހާރު އޮތް ހާލަތު ދެނެގަންނަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ވީއޭއެމްއަށް ދިމާވެފައިވާ މައްސަލައިގައި މައުލޫމާތު ހިއްސާކުރުމަށް އެފްއައިވީބީން ވަނީ އެދިފައެވެ.

ވީއޭއެމްއަކީ އެފްއައިވީބީގެ ފުރިހަމަ މެމްބަރެއްކަން ފާހަގަކުރަމުން އެފްއައިވީބީން ބުނީ، ފުރިހަމަ މެމްބަރަކަށް ވުމުން ވީއޭއެމްއަށް ލިބެންޖެހޭ އެންމެހާ ހައްގުތަށް ވީއޭއެމްއަށް ލިބޭނެ ކަމަށެވެ.

މީގެއިތުރުން ވީއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއަކީ އެ ޖަމިއްޔާއިން ބަޔާންކޮށްފައިވާ އުސޫލްތަކާއި އެއްގޮތަށް އިންތިހާބުކުރެވިފައިވާ އެކްސްކޯއަކަށްވާއިރު، މިހާތަނަށް އެކްސްކޯގެ މެމްބަރުން ވަކިކުރަން ޖެހޭކަމުގެ އެއްވެސް ކަހަލަ ހެއްކެއް އެފްއައިވީބީއަށް ފޯރުކޮށްދީފައިނުވާ ކަމަށެވެ. އަދި އެފްއައިވީބީން ކުރަމުންދާ ތަހުގީގު ނިމެންދެން މިހާރު ވީއޭއެމްގައި އޮތް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންގެ ރަސްމީ ހައިސިއްޔަތު ދެމިއޮންނާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މިކަމުގައި މޯލްޑިވްސް އޮލިމްޕިކް ކޮމީޓީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ އުންމީދު ކުރާ ކަމަށް ބަޔާންކޮށް އެފްއައިވީބީން ވަނީ ވީހާވެސް އަވަހަށް މި މައްސަލައިގައި ޖަވާބުދާރީވުމަށް ބާރު އަޅައިފައެވެ.

ވީއޭއެމްއާ ގުޅޭގޮތުން ހުށަހެޅުނު ގިނަ ޝަކުވާތަކެއްގެ މައްސަލަ ކޮމިޓީއެއް މެދުވެރިކޮށް މެއި މަހު 21 ވަނަ ދުވަހުން ފެށިގެން ބެލުމަށް ފަހު އެ، އިދާރާގެ ހިންގުން ރަނގަޅުކުރުމުގެ ގޮތުން ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް (ބޮޑު ހީނާ) ވަނީ އިންޓަރިމް ކޮމިޓީއަކާ ހަވާލުކޮށްފައެވެ.

އިންޓަރިމް ކޮމިޓީގެ ރައީސަކަށް ހަމަޖައްސާފައިވަނީ ބާސްކެޓްބޯލް އެސޯސިއޭޝަންގެ ކުރީގެ ނައިބްރައީސް އަބްދުﷲ އާމިރު (އައްލޯ) އެވެ. ނައިބު ރައީސަކަށް އޮލިމްޕިކް ކޮމިޓީގެ އެކްސްކޯ މެމްބަރު އަދި ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު އިސްމާއީލް ހަމަޖެއްސިއިރު، ދެން ހިމެނޭ ތިން މެމްބަރުންނަކީ ވީއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ހުސެއިން މުހައްމަދުގެ އިތުރުން ޔޫތު މިނިސްޓްރީގެ އަހުމަދު އިބްރާހިމް އާއި މަރިޔަމް ޖުމާނާ އެވެ.

- ކޮމެންޓް