އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ ބިޑް ރާއްޖެ އަށް ކާމިޔާބުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް، އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް ކައުންސިލްގެ ރައީސް އެންޓޯނިއޯ ގޯޕާލް ވިދާޅުވެއްޖެއެވެ.
އިންޑިއަން އޯޝަން އައިލޭންޑްސް ގޭމްސް 2023 ވަނަ އަހަރު ބޭއްވުމަށް ރާއްޖެއިން ބިޑު ކޮށްފައިވާއިރު، ގޭމްސް ކައުންސިލްގެ ފަރާތުން ވަނީ ދިވެހި ސަރުކާރާއި އޮލިމްޕިކް ކޮމެޓީއާ ބައްދަލުކޮށްފަ އެވެ.
ހުކުރު ދުވަހު ޔޫތް މިނިސްޓްރީގައި ބޭއްވި ނޫސް ކޮންފަރެންސްގައި، އެންޓީނިއޯ ގޯޕާލް ވިދާޅުވީ ސަރުކާރުން މި މުބާރާތް ބޭއްވުމުގައި ރަނގަޅު ޕްލޭންއެއް ގެން ގުޅޭ ކަމަށާއި، މި ވަގުތު ރާއްޖޭގައި ލިބެން ހުރި ހިދުމަތްތައް ފެނިގެން ގޮސްފި ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި އިންޓަނޭޝަނަލް މުބާރާތްތައް ބާއްވައިފައި ވާތީ ރާއްޖެއަކީ މިފަދަ މުބާރާތްތައް އިންތިޒާމުކުރުމަށް އެކަށީގެންވާ ގައުމެއްކަމަށެވެ.
މީގެ ކުރިންވެސް ރާއްޖެ ޒިޔާރަތް ކޮށްފައިވާ ގޯޕާލް ވިދާޅުވީ އޭނާ އަށް ރާއްޖެއިން ތަރައްގީއަށްޓަކައި ކުރާ މަސައްކަތްތައް ފެނިވަޑައިގެންފައިވާ ކަމަށެވެ.
މިނިސްޓަރ މަހުލޫފާއި، ނައިބު ރައީސް ފައިސަލް ނަސީމާއި، ބައްދަލު ވެވުމުން އެއިން އަންގައި ދެނީ ސަރުކާރުން މި ބިޑް ކާމިޔާބު ކުރުމަށާއި ކުޅިވަރަށް ދޭ އަހަމިއްޔަތު ކަމަށް ގޯޕާލް ވިދާޅުވި އެވެ.
ރާއްޖޭގައި ކުޅިވަރު ތައްރައްގީ ކުރަން ސަރުކާރުން ނިންމައިފައި ވަނީ ރާއްޖޭގެ ހަ ސަރަހައްދުގައިކަން ފާހަގަކޮށް ގޯޕާލް ވިދާޅުވީ މި ފަދަ ޕްލޭނެއް އިންޑިއާ ކަނޑުގެ އެހެން ގައުމަކުން ކުރާ ތަން އޭނާއަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ ބިޑް ރާއްޖެއިން ކާމިޔާބު ކުރާނެ ކަމަށް އުންމީދު ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ އައިއޯއައިޖީގެ ކައުންސިލް މެމްބަރުން ރާއްޖެއަށް މިކުރި ދަތުރަކީ ކާމިޔާބު ދަތުރެއް ކަމަށެވެ.
މިބިޑް ކާމިޔާބުކުރުމަށް ރާއްޖެއިން ބޭނުންވާ މިންވަރާއި، މުބާރާތް ބޭއްވުމަށް ރާއްޖެއިންވަމުން އަންނަ ތައްޔާރީތައް މަހުލޫފު ވަނީ ހިއްސާ ކުރައްވާފައެވެ.
ބިޑްގެ ކަންތައްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ މަތިން ކުރިޔައްދާ ކަމެއްކަން މަހުލޫފް ފާހަގަ ކުރެއްވެވި އެވެ.
މި ބިޑް ރާއްޖެއަށް ކާމިޔާބު ކުރެވިއްޖެ ނަމަ، 2023 ވަނަ އަހަރުގައި ބޭއްވޭ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް އަކީ މިހާތަނަށް ބޭއްވޭނެ އެންމެ ފެންވަރު ރަނގަޅު މުބާރާތް ކަމުގައި ވާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.