ފަރެންސޭސިވިލާތުގައި މިހާރު ކުރިޔަށްދާ ފީފާ ވޯލްޑްކަޕްގައި ސްވިޑެން ބަލިކޮށް ނެދެލޭންޑްސް ފައިނަލަށް ދަތުރު ކޮށްފިއެވެ.
ފަރަންސޭސިވިލާތުގެ ސްޓޭޑް ދި ލިޔޯން ސްޓޭޑިއަމްގައި ކުޅެވުނު މި މެޗް ނެދެލޭންޑްސް އިން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެން ނެދެލޭންޑްސް އިން ބޯޅަ ކޮންޓްރޯލް ކޮށް ގިނަ ހަމަލާތަކެއް ސްވިޑެންގެ ގޯލަށް ފޮނުވާލައިފައިވެއެވެ. އެގޮތުން ނެދެލޭންޑްސް އިން ވަނީ ސްވިޑެންގެ ގޯލަށް 15 ހަމަލާ ފޮނުވާލައިފައެވެ. ނަމަވެސް ސްވިޑެންގެ ޑިފެންޑަރުން އަދި ކީޕަރުވަނީ ނެދެލޭންޑްސް ގެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މެޗުގެ 90 މިނެޓުހަމަވީ ދެޓީމުންކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި އެއްވަރުވެގެންނެވެ.
ނަތީޖާ ނެރުމަށް ކުޅެވުނު އިތުރު ވަގުތުގެ ކުރީ ކޮޅު ނެދެލޭންޑްސް އިން ވަނީ ލަނޑެއް ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖެކީ ގުރޯނެންއެވެ.
މިއީ އަންހެނުންގެ ވޯލްޑްކަޕްގެ ތާރީހުގައި އިތުރު ވަގުތު ކުޅެ ނަތީޖާ ނެރެން ޖެހުނު ފުރަތަމަ މެޗެވެ.
މި މެޗުން ސްވިޑެން ބަލިވުމާއެކު އެޓީމު ވެފައި ވަނީ އަންހެނުންގެ ވޯލްޑްކަޕުގައި ސެމީ ފައިނަލުން އެންމެ ގިނައިން ބަލިވެފައިވާ ޓީމަށެވެ.
މި ނަތީޖާ އާއެކު ނެދެލޭންޑްސް ފައިނަލުގައި ވާދަ ކުރަންޖެހޭނީ އިންގްލޭންޑް ބަލިކޮށް ފައިނަލަށް ދިޔަ އެމެރިކާއާއެވެ.
އެމެރިކާއަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ.