އެޓްލެޓިކޯ މެޑްރިޑުން ރެކޯޑު އަގަކަށް ބެންފީކާއަށް ކުޅެމުން އައި ޖޮއާއޯ ފެލިކްސްގެ ސޮއި ހޯދައިފިއެވެ.
އެޓްލެޓިކޯއިން ފެލިކްސްގެ ސޮއި ހޯދާފައިވަނީ 126 މިލިއަން ޔޫރޯއަށެވެ. މިކަން އެޓްލެޓިކޯއިން ކަށަވަރުކޮށްދީފައިވާއިރު، މިއީ އެ ކްލަބުގެ ޓްރާންސްފާ ރެކޯޑެކެވެ.
އުމުރުން 19 އަހަރުގެ ފެލިކްސްގެ ރިލީޒް ފީއަކަށް ބެންފީކާއިން ކަނޑައެޅީ 120 މިލިއަން ޔޫރޯއެވެ. ނަމަވެސް އޭނާ އެޓްލެޓިކޯއަށް ގެނައީ ރިލީޒް ފީއަށްވުރެވެސް ހަ މިލިއަން ޔޫރޯ އިތުރަށް ދިނުމަށްފަހު، 126 މިލިއަން ޔޫރޯއަށެވެ.
ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް ފެލިކްސް ހޯދުމަށް ގިނަ ކްލަބްތަކުން މަސައްކަތް ކުރިއެވެ. އޭގެ ތެރޭގައި އިނގިރޭސި ކްލަބްތަކުގެ އިތުރުން އިޓަލީގެ ކްލަބްތައްވެސް ހިމެނެއެވެ.
ފެލިކްސް އެޓްލެޓިކޯއަށް ގެނައީ އެ ކްލަބުގެ ކޯޗު ޑިއެގޯ ސިމިއޯނީގެ އެދުމުގެ މަތިން ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އޭނާ ކްލަބަށް ގެނައުމުގައި ސިމިއޯނީ ބޮޑު ރޯލެއް އަދާކުރި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ބެންފީކާގެ ޒުވާން ޓީމަށް ދެ ސީޒަން ކުޅެފައިވާ ފެލިކްސް އޭނާގެ ސީނިއަރ ކެރިޔަރު ފެށީ މިދިޔަ ސީޒަނުގައި ބެންފީކާގެ ސީނިއާ ޓީމުންނެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 43 މެޗުގައި 20 ލަނޑު ކާމިޔާބު ކޮށްފައެވެ.
މީގެއިތުރުން ފެލިކްސް ވަނީ ބެންފީކާއާއެކު ލީގު ހޯދުމުގެ އިތުރުން ޔުއެފާ ޔޫތު ލީގުގެ ދެވަނަ ވެސް ހޯދާފައެވެ. އަދި ޕޯޗުގަލް ގައުމީ ޓީމަށް މެޗެއް ކުޅެފައިވާ ފެލިކްސް ވަނީ ޕޯޗުގަލް ޓީމާއެކު ޔުއެފާ ނޭޝަންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ.