ކޮޕާ އެމެރިކާގައި ފަހުގެ ޗެމްޕިއަން ޗިލީ ކަޓުވާލައި 44 އަހަރަށްފަހު ޕެރޫ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ބުރާސްފަތި ދުވަހު ހެނދުނު ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅެމުންދިޔައީ ޕެރޫއިންނެވެ. އެގޮތުން އެޓީމުން ދިޔައީ ޗިލީގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފައްދަމުންނެވެ.
ޕެރޫއިން މެޗުގެ ލީޑު ނެގީ 21 ވަނަ މިނެޓުގައެވެ. މި ލަނޑު ކެރީލޯގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ފްލޯރެސްއެވެ. މި ލަނޑަށްފަހުވެސް ޕެރޫއަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.
ޕެރޫއިން މެޗުގެ ލީޑު ފުޅާކުރީ 38 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެރީލޯގެ އެހީތެރިކަމާއެކު ޔޮޓުންއެވެ. މިއާއެކު ޗިލީން ވަނީ ކުޅުން ރަނގަޅުކޮށް، ޕެރޫގެ ހާފަށް ބާރުބޮޑުކޮށްފައެވެ.
ނަމަވެސް ފުރަތަމަ ހާފް ނިމުނީ ޗިލީއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި، 0-2 ގެ ނަތީޖާއިން އެޓީމުގެ މައްޗަށް ޕެރޫ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ޗިލީން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން ފުލުފުލުގައި އެޓީމުން ވަނީ ޕެރޫގެ ގޯލަށް ނުރައްކާތެރި ހަމަލާތައް ފޮނުވާލައިފައެވެ.
މި ހާފްގައިވެސް ޕެރޫގެ ފަރާތުން ގިނަ ހަމަލާތައް ފެނުނެވެ. އެގޮތުން މެޗުގެ އިތުރުވަގުތުގައި އެޓީމުން ވަނީ ތިންވަނަ ލަނޑު ޖަހައިފައެވެ. މި ލަނޑު ޓަޕިއާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ގުއެރޯއެވެ.
އިތުރު ވަގުތުގެ ތެރޭގައި ޗިލީއަށް ވަނީ ޕެނަލްޓީއެއް ލިބި ބޭކާރުވެފައެވެ. ޗިލީގެ ވާގަސް ފޮނުވާލި ޕެނަލްޓީ ޕެރޫގެ ކީޕަރު ގަލޭސީ ވަނީ ހުށިއާރު ކަމާއެކީ ދިފާއު ކޮށްފައެވެ.
މިއީ މުބާރާތުގެ ފައިނަލުން 1975 ވަނަ އަހަރަށްފަހު ޕެރޫ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އަދި މިއީ އެޓީމު މުބާރާތުގެ ފައިނަލް ކުޅޭ ތިންވަނަ ފަހަރެވެ.
މުބާރާތުގެ ފައިނަލުގައި ޕެރޫ ބައްދަލުކުރަން ޖެހޭނީ އާޖެންޓީނާ ކަޓުވާލައި ފައިނަލުން ޖާގަ ހޯދި މުބާރާތް ބާއްވާ ގައުމު ބްރެޒިލްއާއެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 1 ޖަހާއިރެވެ.
މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ބައްދަލުކުރާނީ ޗިލީ އަދި އާޖެންޓީނާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 12 ޖަހާއިރެވެ.