ނޫހުގެ ފާނުގެ ނައުކޮޅާއި ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީން އިންޒާރުދެއްވާފައި ވަނީ އަމިއްލަފުޅު އަނބިކަނބަލުންނަށް ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ފޯކައިދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ސަމާސާ ރާގެއްގައި ވިދާޅުވީ ނޫހުގެފާނުގެ ނައުކޮޅުގެ ވާހަކަ ރައީސް ޔާމީން ދެއްކެވިއިރު، އެ ވާހަކައަކީ، ފާތިމަތު އިބްރާހިމްގެ ހަރަކާތްތެރިކަމުގެ ސަބަބުން، އަނބިކަނބަލުން ދޫކޮށް، ރައީސް ޔާމީން ރައްކާވާނެ ކަމަށާއި، ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުންވެސް މަސައްކަތްކުރައްވާނީ އެދުވަހަކުން އެމްޑީޕީއާއެކުގައި ކަމަށެވެ.
"އެބެފުޅާ ވިދާޅުވެއްޖެ ނޫހުގެ ފާނުގެ ނައުކޮޅުގެ ވާހަކަ. އަޅުގަނޑަށް އެ ވާހަކައިން ދޭހަވާ އެއްޗަކީ، ރެހެންދި ހަދީޖާވެސް އޭނާގެ ތިން ފިރިން މަރާ ވެރިކަމަށް އެރިކަމަށް ހަބަރުލިބޭ. ތާރީހުގައި ލިޔެފައިވޭ. އެމަނިކުފާނަށް ފެނިވަޑައިގަންނަވާ އެމަނިކުފާނުގެ އަނބިކަނބަލުން ކެމްޕޭންކުރާލެއް ވަރުގަދަކަން. އެއީ އެކަމުގެ ސަބަބުން އަނބިކަނބަލުންނަށްދިން އިންޒާރު. ތިޔަ ބޭފުޅުން ބައްލަވާ އަޅުގަނޑު މި ބުނަނީ ދޮގު ވާހަކައެއް ނޫން. އަޅުގަނޑު ހަމަ ސާބިތުކަމާއެކު މި ބުނަނީ. ނޫހުގެ ފާނުގެ ނައުކޮޅަށް އެބޭފުޅާގެ އަނބިކަނަބަލުންނަށް (ނޫހުގެ ފާނުގެ އަނބިކަނަބަލުންނަށް) ނޭރޭ. ޤަރަޤުވެގެންދިޔައީ. އެހެންވީމަ ފާތުމަ ދޫކޮށްފަ ތިމަންނަ ތިމަންނަގެ މީހުންނާއެކު ފިލާ ރައްކާވާނަމޭ އެ ބުނަނީ. އެއީ އެ ބުނާ އެއްޗަކީ. ފާތުމައަށް ދިން އިންޒާރެއް އެ އިންޒާރަކީ. އަޅުގަނޑު މި ދައްކަނީ އެ ވާހަކަ. އިރާދަކުރެއްވިޔާ ފާތުމައާއި އަޅުގަނޑުމެންނާއެއްކޮށް ކުރިއަށް އޮތްތަނުގައި ޔާމީން ބަލިކުރާނީ" އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރުކަންވެސް ކުރައްވާ މުހައްމަދު ނާޒިމް ވިދާޅުވި އެވެ.
މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ، ކައުންސިލް އިންތިހާބު ކާމިޔާބުކުރަންޖެހެނީ، ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ކަމަށާއި، ކައުންސިލް އިންތިހާބު ކާމިޔާބުކުރެވިއްޖެނަމަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވުނީކަމަށެވެ. އަދި ކައުންސިލް އިންތިހާބަކީ، ރިޔާސީ އިންތިހާބާއި، އާންމު އިންތިހާބު ކާމިޔާބުކުރުމަށް އެޅޭ ފާލަމެއް ކަމަށާއި، އެހެންކަމުން މި އިންތިހާބަކީ ވަރަށް މުހިންމު އިންތިހާބަކަށްވެގެންދާކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ، ޕީޕީއެމްގެ ރިޔާސީ ޓިކެޓުގައި ރައީސް އަބްދުﷲ ޔާމީންގެ ނަން އޮންނާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން އެ ޓިކެޓުގެ ހައްޤުވެރި ފަރާތަކީ، ރައީސް އަބްދުﷲ ޔާމިން ނޫން ކަމަށާއި، އެ ޓިކެޓުގެ ހައްޤުވެރި ފަރާތަކީ އެހެން މީހެއްކަމަށް ނާޒިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި ރިޔާސީ ޓިކެތުގެ ވެރިފަރާތުން އެ ޓިކެޓް ހޯދުމަށް ދާނެ އެވެ.
"އެބެފުޅާ ގެންގުޅޭ ރިޔާސީ ޓިކެޓަކީ ވަގަށް ނަގާފައިވާ އެއްޗެއް. ޖަހައިގަނެފައިވާ އެއްޗެއް. ފޭރިގެންފައިވާ އެއްޗެއް. އެއީ އެހެންމީހެއްގެ އެއްޗަކަށްވީމަ ބުނާ އެއްޗެއްމިއީ. އޭގެ ހައްޤުވެރިޔާ ދާނެ އަދި. އަދި އެ ދުވަސް އެބައޮތް. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ އެކަން ސާބިތުކުރުމަށް ކުރާ މަސައްކަތް. އެކަން އަޅުގަނޑުމެން ކުރާނަން. ރައީސް ޔާމީން، އަޅުގަނޑުމެން މި ބުނާ އިންތިހާބުގެ ކުރިން ބަނޑު ބިންމަތީގައި ކާތާ، ބަނޑު ހަންދިޔާމަ ނޫނީ ކޮޅަށްވެސް ނުނަގާނަން އަޅުގަނޑުމެންނެއް. އެވަރަށް އަޅުގަނޑުމެން މިތީ ޖައްސާފަ. އިރާދަކުރެއްވިޔާ މިކަން ކާމިޔާބުވާނެ" ނާޒިމް ވިދާޅުވި އެވެ.