Advertisement
ކ. މާލެ
|
4 މާރޗް 2017 | ހޮނިހިރު 07:16
އެމްޑީޕީން ފޯކައިދޫގައި ބޭއްވި ޖަލްސާގެ ތެރެއިން
އެމްޑީޕީން ފޯކައިދޫގައި ބޭއްވި ޖަލްސާގެ ތެރެއިން
ރާއްޖެއެމްވީ
ފ. އަތޮޅު ވިއްކާލުން
ފ. އަތޮޅު މައްސަލައިގާ ޔާމީނަށް އިތުބާރު ކުރެވޭކަށް ނެތް: ޝިފާޒް
ފ އަތޮޅުގައި ހިންގާނީ ކޮން ޤާނޫން އަސާސީއެއް ކަމެއްވެސް ނޭނގޭ

ފ އަތޮޅު ވިއްކާލުމާ ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީނަށް އިތުބާރު ކުރަން ކިތައްމެ ވަރަކަށް ބުނިކަމުގައި ވިއަސް، މާޒީގައި ކަންކަން ކޮށްފައިވާ ގޮތުން އެއްވެސް ވަރެއްގެ އިތުބާރެއް ކުރެވެން ނެތް ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން ށ އަތޮޅު ފޯކައިދޫގައި ހުކުރު ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ ފ. އަތޮޅާ ގުޅޭ ގޮތުން ހަޤީގަތް ހާމަކޮށްދިނުން އެދި ނޫސްވެރިއަކު ސުވާލު ދެންނެވުމުން ވަޒީރަކު އެއަށް ޖަވާބެއް ދިނުމުގެ ބަދަލުގައި ވިދާޅުވީ ރައީސް ޔާމީނަށް އިތުބާރު ކުރެއްވުމަށް ކަމަށެވެ. އަދި ގޯސްކޮށް ކަމެއް ނުކުރައްވާނެ ކަމަށެވެ.

އެކަމަށް ރައްދު ދެއްވާ ޝިފާޒް ވިދާޅުވީ ރައީސް ޔާމީނަށް އިތުބާރު ކުރެވޭކަށް ނެތް ކަމަށާއި ކަންކަން ވެފައިހުރި ގޮތުން އެއްގޮތަކަށްވެސް އިތުބާރު ކުރެވެން ނެތްކަމަށެވެ. އޭގެ ހެއްކެއްގެ ގޮތުގައި ޝިފާޒް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދެންވެސް ސިޔާސީ ލީޑަރުންގެ ޝަރީޢަތް ދިޔަގޮތް އެނގޭ ކަމަށެވެ. ސުޕްރީމް ކޯޓާއި އުއްތަމަ ފަނޑިޔާރަށް ވީގޮތް އެނގޭ ކަމަށާއި އޮޑިޓަރ ޖެނެރަލް އާއި ނައިބު ރައީސުންނަށް ވީގޮތް އެނގޭ ކަމަށެވެ

"ނޫސްވެރިއަކު މިވާހަކަ އެހީމާ ބުނާނެ އެއްޗެއް ނެތި ވަޒީރަކު ވިދާޅުވީ ރައީސް ޔާމީނަށް އިތުބާރު ކުރާށޭ. ދެން ކިހިނެއްތޯ އިތުބާރު ކުރާނީ." ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް އެއަތޮޅު ރައްޔިތުން ކުރާ ހިތްވަރަށް ސަބަސްދޭ ކަމަށާއި އެމްޑީޕީ އޮތީ އެ ރައްޔިތުންނާ އެކުގައި ކަމަށެވެ. މުޒާހަރާވެސް ކުރަންވީ ކަމަށާއި އދ އެމީހުންނާ ބައިވެރިވާން ދާނަން ކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ.

ކޮންމެ ކަމެއް ކުރިއަސް އޭގައި އޮންނަނީ ކޮރަޕްޝަން ކަމަށާއި އެންމެ މަޝްރޫޢެއްވެސް އޭގައި ކޮރަޕްޝަން ނެތިި ނުހިނގާ ކަމަށެވެ. ތަނެއް އެޅިއަސް، ރަށެއް ކުއްޔަށް ދިނަސް އޭގައި ކޮރަޕްޝަން ނުހިނގާ އެއްވެސް ކަމެއް ނުކުރާ ކަމަށާއި އެހެންކަމުން ފ. އަތޮޅު ވިއްކަނީ އޭގައި ކިހާ ބޮޑު ކޮރަޕްޝަން އެކުލެވޭކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

ޝިފާޒް ވިދާޅުވީ މިއަދުގެ ސަރުކާރުގެ ކެންޑިޑޭޓުންނަށް ލޯކަލް ކައުންސިލް އިނތިޚާބުގައި ވޯޓް ލާކަށް ނުޖެހޭ ކަމަށެވެ.

"ކައުންސިލްތައް ކޮށާލީ މުސާރަ ކުޑަކުރީ. ދެން އިންތިޚާބު ފަސްކުރަނީ. " ޝިފާޒް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމްގެ ވާހަކަ ދައްކަންގޮސް ވިއްކާލަނީ ފ.އަތޮޅު ކަމަށާއި އެތަނުގައި ހިންގާނީ ކޮން ޤާނޫން އަސާސީއެއްކަމެއްވެސް ނޭނގޭ ކަމަށެވެ.

ޝިފާޒް ވިދާޅުވީ  ކޮންމެފަދަ މަހުޖަނެއް އަޔަސް އަޅުގަނޑުމެންގެ ނަފްސުގެ މުއްސަނދިކަން މާބޮޑު ކަމަށާއި އަޅުގަނޑުމެން ވަޒަން ދެކެވާ ލޯބި މާބޮޑު ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް