Advertisement
ކ. މާލެ
|
4 މާރޗް 2017 | ހޮނިހިރު 06:26
އެމްޑީޕީގެ ޖަލްސާއެއްގައި އިމްތިޔާޒް ފަހުމީ ވާހަކަދައްކަވނީ
އެމްޑީޕީގެ ޖަލްސާއެއްގައި އިމްތިޔާޒް ފަހުމީ ވާހަކަދައްކަވނީ
ފާތިމަތު ޝަނާ މުހައްމަދު
ސައިންނަށް ވޯޓްނުލެވުން
ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި
އިދާރާތަކުގެ ވޯޓު ލިބޭނީ އެމްޑީޕީއަށް
ސަރުކާރުން ކޮންމެ ބިލެއް ހުށައަޅަނީ ރައްޔިތުން ފެލާލުމަށް
ފ. އަތޮޅު ވިއްކާލުމަށް ފުރުސަތެއް ނުދޭނަން

ސިފައިންނަށް ވޯޓުނުލެވޭ ގޮތަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން ކިތަންމެ މަސައްކަތެއްކުރި ނަމަވެސް އެކަން ނާކާމިޔާބުކޮށްލާނެ ކަމަށާއި، އެކަން ކުރުމަށް އުޅެނީ ސިފައިންގެ ތާއީދު ސަރުކާރަށް ގެއްލުމުގެ ސަބަބުން ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ނައިބް ލީޑަރު އިމްތިޔާޒް ފަހުމި ވިދާޅުވެއްޖެ އެވެ.

 

ށ. ފޯކައިދޫގައި އިދިކޮޅު އެމްޑީޕީން ބޭއްވި ކައުންސިލް އިންތިހާބުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން އިމްތިޔާޒް ފަހުމީ ވިދާޅުވީ، ސިފައިންނަށް ވޯޓު ނުލެވޭ ގޮތަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މަސައްކަތްކުރަނީ، ސިފައިންގެ ތާއީދާއި، އިތުބާރުވެސް ވެރިކަން ކުރާ ޕީޕީއެމްއަށް ނެތުމުން ކަމަށެވެ. އަދި އެ ތާއީދު ގެއްލިފައި ވާއިރު ކުރިއަށް އޮތްތަނުގައި އެ އިދާރާތަކުގެ ހުރިހާ ވޯޓެއް ލިބޭނީ އެމްޑީޕީއަށް ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ސަރުކާރުން މަސައްކަތްކުރިކަމުގައިވީ ނަމަވެސް އެކަން ކާމިޔާބުވުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

 

"އެ މުއްސަސާގެ އިތުބާރު ގެއްލިއްޖެ. އެ މުއައްސަސާގެ 100 އިންސަތަ ވޯޓް ލިބިގެންދާނީ އަޅުގަނޑުމެންނަށް." އިމްތިޔާޒް ވިދާޅުވި އެވެ. 

 

އިމްތިޔާޒް ފަހުމީ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން މި ސަރުކާރަށް ބޮޑު ބަޖެޓެއްދީފައިވާ ކަމަށެވެ. އަދި އެއީ ރާއްޖޭގެ ތާރީހުގައިވެސްދީފައިވާ އެންމެ ބޮޑު ބަޖެޓުކަމަށް އިމްތިޔާޒް ވިދާޅުވި އެވެ. ނަމަވެސް ބޮޑު ބަޖެޓެއް ސަރުކާރަށްދިންކަމުގައިވިޔަސް އެކަމުގެ ނަތީޖާ ނުފެންނަކަން ފާހަގަކުރައްވާ އިމްތިޔާޒް ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ ރަށްތަކާއި، ފަރުތައް ވިއްކި އަދަދު ގުނާ އަދަދުކުރަންވެސް ނޭނގޭ ކަމަށެވެ. އަދި ސަރުކާރުން ހުރިހާ ކަމެއްވެސް ކުރަނީ އިދިރިކަމުގެ ތެރެއިން ކަމަށާއި، އެހެންވެ ރަށްތައް ވިއްކުމުގައި ހިންގާފައިވާ ޒަރީމާތައްވެސް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

 

"އެ ނޫން ކިތައް ފަރު ރަށްތައްތޯ ވިއްކަން އެ އޮތީ އިއުލާންކޮށްފައި. ބިޑަކަށްލުމެއް ނެތި ވިއްކާލުމަށްޓަކައި އިއުލާންކޮށްފައިނުވޭތޯ. މިކަމުގެ ހަޤީޤަތް އެނގޭ ރައްޔިތަކުވެސް އެބަހުރިތޯ. މި ރާއްޖޭގައި ވިއްކީ ކޮންރަށެއްކަން، ކޮން ފަޅެއްކަންކޮން ޖަޒީރާއެއްކަން ރަނގަޅަށް އެނގޭ ރައްޔިތަކުން މިވަގުތު އެބަހުރިތޯ. މި ހިންގާ ޒަރީމާތައް މި ހިނގާލެއް އަނދިރިކާއި، ދެފުށްފެންނަ ގޮތަށް ނުހިންގާ ކަމާއި، އޭގައި ވައްކަމާއި ފަސާދަ އެކުލެވިފައިވާލެއް މަތިކަން. މިކަމުގެ ހަޤީޤަތް އެބަ ރަނގަޅަށް ސާފުވޭތޯ." މާފަންނު އުތުރު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ އިމްތިޔާޒް ފަހުމީ ވިދާޅުވި އެވެ.

 

ށ. ފޯކައިދޫގައި އެމްޑީޕީން ބޭއްވި  ޖަލްސާގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

 

ސަރުކާރުން ފާސްކުރާ ޓެކްސް ބިލްތަކަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން އިމްތިޔާޒް ވިދާޅުވީ، އެކި ނަންނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ކޮންމެ ޓެކްސް ބިލަކީ މި ސަރުކާރުން ރައްޔިތުން "ފޭލުމަށްޓަކައި" ހުށައަޅާ ބިލްތަކެއް ކަމަށެވެ. އެގޮތުން އިމްތިޔާޒް ވިދާޅުވީ، ލޮލުފިޔަ ޖަހާލި ނަމަވެސް ޓެކްސް ނަގާ ހިސާބަށް ކަންތައްތައް ގޮސްފައިވާކަމަށެވެ. އަދި މިއަދު ޓެކްސް ނުނަގާ އެއްވެސް ހިދުމަތެއް، އެއްވެސް މުދަލެއް ނެތްކަން އިމްތިޔާޒް ފާހަގަކުރެއްވި އެވެ.

 

"ރައްޔިތުންގެ މަޖިލީހަށް ތިން ކިޔުން އެއްކޮށްލާފައި، ނުގަޑީގައި ވައްދާ ކޮށްމެ ބިލަކީ ރައްޔިތުން ފޭލާލާ ބިލެއް. ޓެކްސްގެ މިންވަރު މަތިކުރުމަށް ހުށައަޅާ ބިލެއް. ރައްޔިތުން ފެލާލާ ބިލެއް. ޑަބަލް ޓެކްސް ނަގަމުންދަނީ. އިމްޕޯޓް ޑިއުޓީ ނަގަމުންދަނީ. އެ ނޫން ޓެކްސްތައް ނަގަމުންގެންދަނީ. މަތިމަތިން އެކި ޓެކްސްތައް ނަގަމުންދަނީ" އިމްތިޔާޒް ވިދާޅުވި އެވެ.

 

އިމްތިޔާޒް ވިދާޅުވީ، މި ސަރުކާރުގެ ތެރެއިން ފެނިގެންދަނީ، އަނިޔާވެރި ހުދުމުތާރު ވެރިކަމެއްގެ ސިފަތައް ކަމަށެވެ. އެހެންކަމުން އެފަދަ ވެރިކަމެއް ބަދަލުކުރުމަކީ ވާޖިބެއް ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ. އަދި މި ވެރިކަން ބަދަލުކުރާނެ ކަމަށާއި، ވެރިކަން ބަދަލުކުރާނީ "ވޯޓުން ތަޅާ ބަލިކޮށްގެންކަމަށް" އިމްތިޔާޒް ވިދާޅުވި އެވެ.

 

ފ. އަތޮޅު މައްސަލަ އާއި ގުޅޭގޮތުން އިމްތިޔާޒް ވިދާޅުވީ، ފ. އަތޮޅު ވިއްކާ ނުލާކަމަށް ސަރުކަރުން ބުނަމުންގެންދާއިރު، އެކަން ނޫސްވެރިންނަށާއި، އާންމުންނަށް ފޮރުވަމުންގެންދާދިއުމުންވެސް ސަރުކަރުން ކޮންމެވެސް ކަމެއް ސިއްރުކުރަން އުޅޭކަން ހާމަވާ ކަމަށެވެ. އިމްތިޔާޒް ވަނީ ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުން އެއްބަސްވެފައިވާ އެއްބަސްވުމުގެ ތަފްސީލްތައް ހާމަކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް