ފ. އަތޮޅާ މެދު ސަރުކާރުން ހަދާނެ ގޮތް ނޭންގޭ ކަމަށް ބުނެ ކުރަމުންދާ އިހްތިޖާޖުގާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި އެވެ.
ފ. ބިލެތްދޫގައި ކުރިއަށް ގެންދިޔަ އިހްތިޖާޖުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ފަސް ވަރަކަށް މީހުން ގެންދިޔަ ކަމަށް އެ ރަށު ކައުންސިލް މެންބަރު ހަސަން މައުމޫނު ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން ދެ މީހަކު ފުލުހުންގެ ލޯންޗްގައި އެ އަތޮޅު މަގޫދޫ އަށް ގެންދިޔަ މަންޒަރު ވެސް ނޫސްވެރިންނަށް ފެނިފައި ވެއެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ ބިލެތްދޫގައި ކުރިއަށްދިޔަ އިހްތިޖާޖުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އެހެން ނަމަވެސް ބައެއް ފަރާތްތަކަށް ނަސޭހަތްތެރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ބިލެތްދޫ ކައުންސިލްގެ މެންބަރު ހަސަން މައުމޫން ވިދާޅުވީ ގިނަ އަދަދެއްގެ މީހުން އިޚްތިޖާޖު ކުރަމުންދާއިރު މިހަރަކާތް ހުއްޓުވުމަށް 100 އެއްހާ ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމަށެވެ. އަދި އެރަށުގެ ގިނަ އަދަދެއްގެ މަސް ދޯނިފަހަރު ވެސް ހުއްޓުވައި، ބަލާ ފާސްކުރަމުންދާ ކަމަށާއި އެއްވެސް ބާވަތެއްގެ ފޮތި ރަށަށް އެރުވުން މަނާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފޮތި އެރުވުން މަނާކޮށްފައިވީ ނަމަވެސް އަރަބި ބަހުން ޝުއޫރުތައް ލިޔެފައިވާ ބެނާތައް ހިފައިގެން ރައްޔިތުން އިޚްތިޖާޖު ކުރަން ފެށުމުން ފުލުހުން ވަނީ ބެނާތައް އަތުލާފައެވެ.
މައުމޫން ވިދާޅުވީ ކުރިން ރާވަފައި އޮތީ އަތޮޅުގެ ރައްޔިތުން ކަނޑުމަތީގައި އިޚްތިޖާޖު ކުރަން ކަމަށާއި ނަމަވެސް އެކަން ކުރިއަށް ގެންދެވޭ ގޮތް ނުވީ ކަމަށެވެ.
ފ. އަތޮޅުވިއްކާލުމުގެ ވާހަކަ ފެތުރިފައިވާ އިރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ އެ އަތޮޅުގާ 10 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއުއެއް ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު ރާއްޖެވަޑާއިގަންނަވާތީ، ސަރުކާރުންދަނީ ސަލާމަތީކަންކަން ވަރުގަދަ ކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް މިހާރުވެސް ކުރަމުންނެވެ.