ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުތަކުގެ ރަސްމީ ސްޕޮންސަރުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއެކު ވެފައިވާ އެއްބަސްވުންް 2 އަހަރުގެ މުއްދަތަކަށް އިތުރު ކޮށްފިއެވެ.
ހޯމަ ދުވަހު ހެނދުނު ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީހުގައި ބީއެމްއެލް އަދި އެފްއޭއެމް އާއެކު ވަނީ މި އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިޔަށް އޮތް ދެއަހަރު ފިރިހެން ސީނިއަރ ގައުމީ ޓީމާ، އަންހެން ސީނިއަރ ޓީމާ އަދި ޒުވާން ޓީމުތަކުގެ ރަސްމީ ސްޕޮންސަރުގެ ގޮތުގައި ބީއެމްއެލް ހަމަޖެހިގެންދާނެއެވެ.
މިގޮތުން މި ޓީމުތަކުން ކުޅޭ މެޗްތަކުގައާއި ތަމްރީންތަކުގައި އަދި ޓްރެވަލް ކިޓްގައި ބީއެމްއެލްގެ ބްރޭންޑިންގ ހިމެނިގެންދާނެއެވެ.
މި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއި ކުރެެއްވީ ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފްއެވެ.
އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް ޢަދީލް ޖަލީލްއެވެ. މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނުޓީ އެމްޕަވަރމަންޓް އަހުމަދު މަހުލޫފް ބައިވެރި ވަޑައިގެންނެވިއެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ ބޭންކާއި އެފްއޭއެމާއި ދެމެދު އޮތް މި ހާއްސަ ގުޅުން ދެމިގެންދިއުން މިއީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ޤައުމީ ޓީމުތަކުން ގިނަގުނަ ކާމިޔާބުތަކެއް ހޯދުމަކީ ހުރިހާ ދިވެހިންވެސް ކުޅިވަރުގެ މައިދާނުގައި އެންމެ ބޮޑަށް ދެކެން ބޭނުންވާ އެއްކަންތައް ކަމަށެވެ.
"އަދި ބައިނަލްއަގްވާމީ ފެންވަރުގެ މި ކާމިޔާބީތައް ހޯދައިދިނުމަށް ބީއެމްއެލްއަށް އަދާކުރެވޭނެ ދައުރު އެންމެ ފުރިހަމައަށް އަދާކޮށްދިނުމަށް މި ބޭންކުން ބޭނުންވޭ. މުޅި ރާއްޖެ ހިމެނޭ ގޮތަށް ހުނަރުވެރި އަންހެން އަދި ފިރިހެން ފުޓުބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމަށް އެހީތެރިކަންފޯރުކޮށްދިނުމަކީވެސް އަޅުގަނޑުމެންގެ މުހިންމު އެއް ބޭނުން." ޝަރީފް ވިދާޅުވިއެވެ.