ވާރޭ ވެހުންލަސްވުމުގެ ސަބަބުން ޖޫން މަހު އިންޑިޔާއަށް އައި ހަނަފަސް ކަމާއި އެކު ގޮވާން ގަސްތައް މަރުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އިންޑިޔާގެ މޫސުމާބެހޭ އިދާރާއިން ބުނެފިއެވެ.
ޖުމުލަކޮށް އެހެން އަހަރުތަކާ އަޅާ ބަލާއިރު މިއަހަރުގެ ޖޫން މަހު ވެހުނު ވާރޭގެ އިންސައްތަ ތިންގުނަ ދަށް ކަމަށާއި އަދި އުއްދަނޑި އުފައްދާ އުތުރު އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި 61 އިންސައްތަ އުފެއްދުންތެރިކަން ދަށްވެފައިވާ ކަމަށް ވެސް އިންޑިޔާގެ މޫސުމާބެހޭ އިދާރާއިން ހާމަކުރެއެވެ.
އިންޑިއާގައި ދަނޑު ގޮވާން ކުރާ ބިންތަކުގެ 55 އިންސައްތަ އަކީ ވާރޭފެނުން ފެންދީގެން ހައްދާ ގަސް ހިމެނޭ ބިންތަކެކެވެ. ދަނޑުވެރިކަމަކީ އޭޝިއާގެ އިގްތިސާދުގެ 15 އިންސައްތައެވެ. ނަމަވެސް ވާރޭނުވެހި ގިނަދުވަސްވުމުގެ ސަބަބުން އިގްދިސާދަށް އެކަމުގެ އަސަރު ކުރާނެ ކަމަށް އޮފިޝަލުން މައުލޫމާތުދެއެވެ.
ކުރިއަށްއޮތް ދެތިން ހަފްތާތެރޭގައި ވާރޭނުވެހިއްޖެނަމަ މިހާރު އިންދާފައިހުރި ގޮވާންތައް މަރުވެ ޑިމާންޑާ އެއްވަރަށް ގޮވާންތައް ސަޕްލައި ނުކުރެވިދާނެ ކަމުގެ ބިރު މިހާރުވަނީ ހީވެފައެވެ.
ޖޫން މަހުގެ 28 އާ ހިސާބަށް އައިއިރު 14.7 މިލިއަން ހެކްޓަރުގައި ގޮވާންތައް އިންދާފައިވާއިރު އެއީ މިދިޔަ އަހަރާއަޅައި ބަލާއިރު 10 އިންސައްތަ ދަށް އަދަދެއް ކަމަށް އިންޑިއާގެ ދަނޑުވެރިކަމާބެހޭ އިދާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.