ކ. މާލެ
|
1 ޖުލައި 2019 | ހޯމަ 01:00
ޖޭއެސްސީ މެމްބަރުތަކެއް
ޖޭއެސްސީ މެމްބަރުތަކެއް
ޝުއައިބް މުހައްމަދު އިގްބާލް
ޖުޑީޝަލް ސަރވިސް ކޮމިޝަން
ޖޭއެސްސީން ގޮނޑިކޮއްކޮ ކަން ކެނޑިއްޖެ!
މީގެ ކުރިން ޖޭއެސްސީ އަކީ މަރުވެ، ވާވެފައި އޮތް ކޮމިޝަނެއް
ރައީސް ނަޝީދު އެންމެ ފުރަތަމަ ހުށައެޅުއްވީ ފަނޑިޔާރު ދީދީގެ މައްސަލަ
ސުުޕްރީމް ކޯޓުން ބަޔާން ނެރުނީ ދެއިރުކާ ބޭސް ގުޅައެއްހެން

މީގެ ކުރިން ޖޭއެސްސީ އަކީ ކީއްކުރާތަނެއްކަން އެނގޭ ރައްޔިތަކުވެސް މަދު އެވެ. އެ ކޮމިޝަންގެ ހަބަރެއްވަނީވެސް ކޮމިޝަނަށް މެމްބަރުން އައްޔަންކުރުމާއި، ވަކިކުރާކަމަށް ކުރެވޭ އިއުލާންތަކާއެކު އެވެ. ނުވަތަ އެ ކޮމިޝަންގެ މެމްބަރުކަމަށް ބޭފުޅަކު ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތަކާއެކުގަ އެވެ.

އެ ކޮމިޝަންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ބަދަލުގައި، ކޮމިޝަން އޮތީ ނިދާފައެވެ. ފަނޑިޔާރުންނާއި ގުޅޭ އެތަކެއް މައްސަލަތަކެއް ހުށަހެޅުނުއިރުވެސް އެ ކޮމިޝަނަށް ކަމެއްވާހެންވެސް ހިޔެއް ނުވެއެވެ.

ކުރުގޮތަކަށް ބުނާނަމަ ނިމުނު އަހަރުތަކުގައި ޖުޑީޝަލް ސާރވިސް ކޮމިޝަނަކީ، މަރުވެ، ވާވެފައި އޮތް ކޮމިޝަނެކެވެ. ނަމަވެސް މަރުވެފައި އޮތް އެ ކޮމިޝަނަށް ވަނީ ކުއްލި ދިރުމެއް ލިބިފަ އެވެ. އެ ދިރުމާއެކު އަދުލުވެރި ފަނޑިޔާރު ގެޔަކަށް ކުރެވޭ އުއްމީދުތައް ވަނީ ބޮޑުވެގެން ގޮސްފައެވެ.

ޖޭއެސްސީން ކުރިޔަށް ގެންދިޔަ ފަނޑިޔާރު ދީދީގެ ތަހުގީގަށް ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން، ޖޭއެސްސީ އަށް އެމަނިކުފާނުގެ ފަރާތްޕުޅުން އައްޔަންކުރެއްވި މަސްތޫރު ހުސްނީ އާއި، ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތު އާއެކު ޖޭއެސްސީގެ ބަދަލު ފެންނަން ފެށި އެވެ.

އަދި އެއަށްފަހު މަޖިލީހުގެ ފުރިހަމަ އަޤުލަބިއްޔަތު އެމްޑީޕީއަށް ލިބި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ޖޭއެސްސީއަށް އައްޔަންކުރުމާއެކު އެ ކޮމިޝަނަށް ފުރިހަމަ ދިރުމެއް ލިބި ވަނީ ހިނގައިގަންނަން ފަށައިފަ އެވެ. އެކަން ނިމުނު ދެތިން ހަފްތާއެއްގެ ހަބަރުތަކުގެ ސުރުހީތަކަށް އެކަނި ބަލާލުމުންވެސް އޮތީ ފެނަންނާށެވެ.

ޖޭއެސްސީގެ މެމްބަރު ހިސާން ހުަސައިން އަދި މަސްތޫރު ހުސްނީ މަގާމުގެ ފަތްކޮޅާއި ހަވާލުވެވަޑައިގަންނަވަނީ

ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާކުރެއްވުމަށްފަހު ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ބައްދަލުވުމަށްވެސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ހުށަހެޅި އެވެ. އެގޮތުން އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލަތަކެއް ހުށަހަޅައި، ޖޭއެސްސީން ބަލަން ފަށާފައިވެއެވެ.

އެ މައްސަލަ ހުށައެޅުމާއި އެކު އެއީ ބެލޭނެ މައްސަލައެއް ނޫން ކަމަށް ބުނެ ސުޕްރީމް ކޯޓުން ދެ އިރުކާބޭސް ގުޅައެއްހެން ބަޔާންނެރެން ފެށިއެވެ. ފަނޑިޔާރުންނާއި ދެކޮޅަށް ބަސްބުނާ ކޮންމެ ބަޔެއްގެ ބާރު ކަނޑުވާލުމަށް ތިބީ ފުޅާގައިގެންފަ އެވެ.

ރައީސް ނަޝީދު ޖޭއެސްސީ މެމްބަރު ކަމުގެ ހުވާކުރެއްވި ކުރެއްވި ދުވަހު

ކޮންމެގޮތަކުންވެސް އަމިއްލަ މަސްލަހަތުތައް ހިމާޔަތްކުރުމުގެ މަސައްކަތްތައް އެ ކޯޓުން ކުރަމުންގެންދިޔަ އެވެ. އެބޭފުޅުން ހީކޮށްގެން ތިބީ މީގެ ކުރިންވެސް ކަން ހިނގިގޮތަށް އެބޭފުޅުން ނެރޭ އަމުރަކާއެކު ޖޭއެސްސީގެ ބާރުތައް ކެނޑޭނެކަމަށެވެ.

ނަމަވެސް ޖޭއެސްސީއަށް ޤާނޫނު އަސާސީން ދީފައިވާ ބާރުތަކަކީ ސުޕްރީމް ކޯޓަށްވެސް ހަމަކުރެވޭނެ ބާރުތަކެއް ނޫނެވެ. އަދި އެ ކޮމިޝަންގެ މިނިވަންކަމާއި މުސްތަޤިލްކަން ގެއްލޭގޮތަށް އެއްވެސް ކަމެއް ނުކުރެވޭނެކަން ޤާނޫނު އަސާސީ ކަށަވަރުކޮށްދީފައިވެ އެވެ.

ގާނޫނު އަސާސީގެ 157 ވަނަ މާއްދާގެ (ށ) ގައި ބުނާ ގޮތުން، ޖޭއެސްސީ އަކީ އެއްވެސް ފަރާތަކަށް ބުރަނުވެ އޮންނަން ޖެހޭ މުސްތަގިއްލު މުއައްސަސާއެކެވެ.

އަދުލު އިންސާފު ޤާއިމްކުރުމުގެ ބާރުގައި ހިމެނޭ އެންމެހައި މީހުންނާއި، ރައްޔިތުންގެ މަޖިލީހުގެ ކަނޑައަޅާ ކޮންމެ ފަރާތަކަށް ޖޭއެސްސީގެ އިހްތިސާސް ހިނގާނެއެވެ. އަދި ހަމަ 159 ވަނަ މާއްދާގެ (ށ) ގައި ބުނާގޮތުން ފަނޑިޔާރުންނާއި ބެހޭ ގޮތުން ހުށައެޅޭ ޝަކުވާ ބެލުމާއި ފިޔަވަޅު އެޅުމަކީ ޖޭއެސްސީގެ އަށް މަތިކޮށްފައިވާ ޒިންމާއެކެވެ.

ސުުޕްރީމް ކޯޓުގެ ފަނޑިޔާރުން ތަކެއް

ގާނޫނުގައި އެހެން ބުނެފައި އޮތަސް މީގެ ކުރިޔަށް ނަޒަރު ހިންގާލާއިރު ޖޭއެސްސީ އަށް ބާރުފޯރުވަމުން ދިޔައީ ފަނޑިޔާރުންނެވެ. އެއީ ފަނޑިޔާރުން ޖަހާނެ ސަކާރާތެއް ޖަހައި އެބޭފުޅުން ބޭނުންވާ ގޮތަކަށް ކަންތައް ނިންމަން އޮތް ތަނެވެ. ޖޭއެސްސީގެ މެމްބަރުންވެސް ތިބީ ހަމަ އެމީހުން ކިޔާހާ އެއްޗަކަށް އެއްވާނަކަށް އަތްތިލަބަޑިޖަހައި ޖަހައެވެ.

ޖޭއެސްސީ ހާމަކަން ބޮޑު ގޮތެއްގައި ހިނގައިގަންނަން ފެށުމާއެކު އެ މުއައްސަސާއަށް އޮތް އިތުބާރު އެތަށް ގުނައެއް އިތުރުވެގެންދިޔަކަން ހުށަހެޅޭ މައްސަލަތަކަށް އެކަނި ބަލައިލި ނަމަވެސް އޮތީ އެނގެންށެވެ. ކޮންމެ ދުވަހަކު ކަހަލަގޮތަކަށް ކޮމިޝަނަށް މައްސަލަތައް ހުށަހެޅޭއިރު، ކޮމިޝަންގެ މެމްބަރުންނަށް އޮތީ ހުސް ވަގުތެއް ނެތި މަސައްކަތް ކުރަންޖެހިފަ އެވެ. ޖިންސީ ގޯނާ ކުރުމާއި، ސިހުރު ހެދުމާއި، މިހެން ގޮސް ފިތްކަނޑައިގެންދާ ވަރުގެ މައްސަލަތައް އެ ފަނޑިޔާރުންނާއި ބެހޭ ގޮތުން ވަނީ ހުށައެޅިފައެވެ. ހުރިހާވެސް ސަބަބަކީ ކޮމިޝަންގެ މަސައްކަތްތައް ހިނގައިގަތުންމެވެ. ހާމަކަން ބޮޑުވުމެވެ.

އާއްމުކޮށް ހުޅުވާލައިގެން ބޭއްވި ފަނޑިޔާރު ދީދީގެ ތަހުގީގުގައި ޖޭއެސްސީގެ މެމްބަރުންތަކެއް

ކުރިން ނަމެއްގައި އޮތް ޖޭއެސްސީ އަޑު މިހާރު ވަނީ ގަދަވާން ފަށައިފައެވެ. ނުބެލި ހުރި އެތަކެއް މައްސަލަތަކެއް ހާމަކަން ބޮޑު ގޮތެއްގައި ވަކި ފަރާތަކަށް ނުޖެހި ބަލަންފަށައި، ފިޔަވަޅުވެސް އަޅަން ފަށައިފިއެވެ. ޖޭއެސްސީއަށް ހުށައެޅޭ ސުލޫކީ މައްސަލައަކާއި ގުޅިގެން އެ މައްސަލަ މަޖިލީހަށް ފޮނުވައި މެޖިސްޓްރޭޓަކު ވަނީ މަގާމުން ވަކިކޮށްފައެވެ.

އެއީ މި ފަހުން ޖޭއެސްސީން ހުށައަޅައިގެން ފަނޑިޔާރަކު މަގާމުން ވަކިކުރި ފުރަތަމަ ފަހަރެވެ. ކޯޓުތަކުގައި ހުރި މައްސަލަތައް ލަސްވާ ސަބަބު ހޯދަން ޖޭއެސްސީން ތިބީ ފޫގަޅައިލާއިގެންނެވެ. ރާއްޖޭގެ ހުރިހާ ފަނޑިޔާރުންގެ ޕާފޯމެންސް ހަދަންވެސް ޖޭއެސްސީން ވަނީ ނިންމާފައެވެ.

މީއީ ހައްތަހާވެސް އިންސާފު ލިބި ރާއްޖޭގެ ޝަރުއީ ދާއިރާ ހަރުދާނާ ކުރުމަށް އެޅުނު ރަނގަޅު ފިޔަވަޅުތަކެވެ. މިހާރު އެދާ ބާރު މިނުގައި ޖޭއެސްސީ މަސައްކަތް ކުރިޔަށްދާނަމަ ފަނޑިޔާރުގެވެސް ތާހިރުވެ، އިންސާފު ލިބޭތަން ކައިރި މުސްތަގުބަލެއްގައި ރައްޔިތުންނަށް ފެންނަން ފަށާނެކަން ކަށަވަރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް