ބާސެލޯނާއަށް ބަދަލުވާން އެޓްލެޓިކޯ މެޑްރިޑަށް ކުޅެމުން އައި ފްރާންސްގެ ފޯވާޑް އެންޓޯނިއޯ ގްރިޒްމަން އެއްބަސްވެއްޖެއެވެ.
ޑެއިލީ މެއިލްއިން ބުނީ، ކުރިޔަށް އޮތް ސީޒަނަށް ބާސާއަށް ކުޅެން ގްރިޒްމަން އެއްބަސްވެފައިވާ ކަމަށާއި، ބާސާއިން ހުށަހެޅި ހުށަހެޅުން ވެސް ގްރިޒްމަން ގަބޫލުކޮށްފައިވާ ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން ގްރިޒްމަން ބާސާއަށް ބަދަލުވާން ނިންމީ އަހަރަކު 17 މިލިއަން ޔޫރޯ މުސާރައިގެ ގޮތުގައި ލިބޭގޮތަށެވެ. ނަމަވެސް އޭނާ ބަދަލުވަނީ ކިހާ މުއްދަތަކަށް ކަމެއް އަދި ކަށަވަރެއް ނުވެއެވެ.
ދާދި ފަހުން ސްޕެއިންގެ ޓީވީއަކަށް ދިން އިންޓަވިއުއެއްގައި އެޓްލެޓިކޯގެ ޗީފް އެކްޒެކިއުޓިވް މިގުއެލް އެންހެލް ވިދާޅުވީ، ގްރިޒްމަން ބަދަލުވަނީ ބާސާއަށްކަން ވަރަށް ސާފު ކަމަށާއި، މިދިޔަ މާޗު މަހުން ފެށިގެން އެކަން އެނގޭ ކަމަށެވެ.
ދާދި ފަހުން ޓެލެމަޓިން އަށް ދިން އިންޓަވިއުއެއްގައި ގްރިޒްމަން ބުނީ، ކުރިޔަށް އޮތް ސީޒަނުގައި އޭނާ ކުޅޭނެ ޓީމު އެނގޭ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ދީފައެއް ނުވެއެވެ.
އެޓްލެޓިކޯ ދޫކޮށްލުމަށް ފަހު، ގްރިޒްމަން ބުނީ، މި ސީޒަނަށް ފަހު އެޓްލެޓިކޯ ދޫކޮށްލަން އޭނާ ނިންމާފައިވާ ކަމަށާއި، އާކަންތައްތަކެއް ތަޖުރިބާ ކުރުމަށް ބޭނުންވާ ކަމަށެވެ.
ގްރިޒްމަން އޭނާގެ ކެރިޔަރު ފެށީ 2009 ވަނަ އަހަރު ރެއާލް ސޮސައިޑާޑް އިންނެވެ. އޭނާ އެޓްލެޓިކޯ އަށް ބަދަލުވީ 2014 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ އެޓްލެޓިކޯގައި މިހާތަނަށް ހޭދަކުރި ފަސް ސީޒަނުގައި އެ ކްލަބަށް ކުޅުނު 257 މެޗުގައި 133 ލަނޑު ކާމިޔާބު ކޮށްފައެވެ.
އެޓްލެޓިކޯއާ އެކު ޔުއެފާ ޔޫރޮޕާ ލީގު، ޔުއެފާ ސުޕާކަޕް އަދި ސްޕެނިޝް ސުޕާކަޕް ކާމިޔާބު ކޮށްފައިވާ ގްރިޒްމަން ވަނީ އެ ކްލަބުގައި އަމިއްލަ ގިނަ ރެކޯޑްތައް ވެސް ހަދާފައެވެ.
ލަލީގާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2016 ވަނަ އަހަރު ހޯދާފައިވާ ގްރިޒްމަން ވަނީ ހަމަ އެ އަހަރު ބެލޮންޑޯ އެވޯޑުގެ ތިންވަނަ ފަހަރު ހޯދާފައެވެ. އަދި އޭނާ ވަނީ މިދިޔަ އަހަރު ބެލޮންޑޯ އެވޯޑުގެ ތިންވަނަ ވެސް ހޯދާފައެވެ.
ފްރާންސް ގައުމީ ޓީމާއެކު މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ގްރިޒްމަން ވަނީ 2010 ވަނަ އަހަރު ފްރާންސްގެ 19 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯ ވެސް ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 70 މެޗުގައި 29 ލަނޑު ކާމިޔާބު ކޮށްފައެވެ.