ކޮޕާ އެމެރިކާގައި އާޖެންޓީނާ އަދި ޗިލީވެސް ސެމީއަށް ދަތުރުކުރިއިރު، ކޮލަމްބިއާ ކަޓައިފިއެވެ.
ހުކުރު ދުވަހުގެ ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުން އާޖެންޓީނާ މޮޅުވީ ވެނެޒުއޭލާއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.
ބްރެޒިލްގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އާޖެންޓީނާއިންނެވެ. އެގޮތުން އެޓީމުން ވަނީ ވެނެޒުއޭލާގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފައްދަން މަސައްކަތް ކޮށްފައެވެ.
މި ހާފްގައި ވެނެޒުއޭލާގެ ފަރާތުން މާ ނުރައްކާތެރި ހަމަލާތަކެއް ފެނިގެން ނުދިޔަ ނަމަވެސް، އެޓީމުން ވެސް ވަނީ އާޖެންޓީނާގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފައްދަން މަސައްކަތް ކޮށްފައެވެ.
އާޖެންޓީނާއިން މެޗުގެ ލީޑު ނެގީ 10 ވަނަ މިނެޓުގައެވެ. މި ލަނޑު މެންޗެސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއެރޯގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ މާޓިނޭޒްއެވެ. މި ލަނޑަށްފަހު ވެސް އާޖެންޓީނާއަށް ވަނީ ލީޑު ފުޅާކުރަން ވެސް ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.
ދެވަނަ ހާފް ފެށިގެން ވެނެޒުއޭލާއިން އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށް، ގިނަ ވަގުތު ބޯޅަ ގެންގުޅުނެވެ. އެގޮތުން އެޓީމަށް ވަނީ ނަތީޖާ ހަމަހަމަ ކުރަން ވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި ހާފްގައި އާޖެންޓީނާގެ ފަރާތުން މާ އެދެވޭ ކުޅުމެއް ނުފެނުނު ނަމަވެސް، އެޓީމުން ވަނީ ފަހު 15 މިނެޓު ތެރޭގައި ކުޅުން ރަނގަޅު ކޮށްފައެވެ. އެގޮތުން 76 ވަނަ މިނެޓުގައި ލޮ ސެލްސޯގެ ލަނޑުން އެޓީމުން ވަނީ ލީޑު ވެސް ފުޅާކޮށްފައެވެ.
މި ނަތީޖާއާއެކު އާޖެންޓީނާ ސެމީއަށް ގޮސްފައިވާއިރު، އެޓީމު ސެމީގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ގައުމު ބްރެޒިލްއާއެވެ. މި މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހުއެވެ.
ސެމީގެ ޖާގައެއް ޗިލީން ކަށަވަރު ކުރީ ކުއާޓާގައި ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު މެޗު ޕެނަލްޓީ ޖަހައިގެން 4-5 ގެ ނަތީޖާއިން ކާމިޔާބު ކޮށްގެންނެވެ.
މި މެޗު ދެޓީމުން ކުރެ ޓީމަކަށް ވެސް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނުއިރު، ނަތީޖާ ނެރުމަށް ކުޅުނު ޕެނަލްޓީގައި ޗިލީން ވަނީ ކޮލަމްބިއާގެ މައްޗަށް ކުރިހޯދާފައެވެ.
ދެޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ލަނޑު ޖެހުމަށް ވެސް ދެޓީމުން ވަނީ ގިނަ ފުރުސަތުތައް ހޯދާފައެވެ. ނަމަވެސް ދެޓީމު ވެސް މުޅި މެޗުގައި ފެނިގެންދިޔައީ ޑިފެންސިވްކޮށެވެ.
މެޗުގެ ފުރަތަމަ ހާފް ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅުނީ ޗިލީންނެވެ. އަދި އެޓީމުން ވަނީ ކޮލަމްބިއާގެ ހާފަށް ބާރުބޮޑުކޮށް، ހަމަލާތައް ވެސް އުފައްދާފައެވެ.
މެޗު އެއްވަރުވެގެން ނިމުމުން، ޖެހީ ޕެނަލްޓީއެވެ. އެގޮތުން ޗިލީން ޖެހި ފަސް ޕެނަލްޓީ ވެސް ކާމިޔާބު ކޮށްފައިވާއިރު، ކޮލަމްބިއާއިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ ހަތަރު ޕެނަލްޓީއެވެ. ކޮލަމްބިއާގެ ޕެނަލްޓީ މިސްކުރީ ޓެސިލޯއެވެ.
މި ނަތީޖާއާއެކު ސެމީގައި ޗިލީ ބައްދަލުކުރަން ޖެހޭނީ އުރުގުއޭ އަދި ޕެރޫ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. ސެމީގައި ޗިލީ ކުޅޭ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުއެވެ.