މުބާރާތް ބާއްވަމުން އަންނަ ފަރަންސޭސިވިލާތުގެ ޓީމު ކުއާޓަރ ފައިނަލުގައި ބަލިކުރުމަށް ފަހު، އަންހެނުންގެ ފުޓުބޯޅައިގެ ގަދަ ބާރެއް ކަމުގައިވާ އެމެރިކާ ސެމީފައިނަލަށް ދަތުރު ކޮށްފިއެވެ.
ފަރަންސޭސްވިލާތުގެ ޕެރިހުގައި ކުޅުނު މެޗުގައި ފަރަންސޭސްވިލާތުގެ އަންހެން ޓީމު ބަލިކުރުމަށް ފަހު ސެމީ ފައިނަލަށް އެމެރިކާ ދަތުރުކުރީ 2-1 ގެ ނަތީޖާއަކުން ކުޅުނު މެޗު ކާމިޔާބު ކުރުމަށް ފަހުގައެވެ.
އެމެރިކާ ޓީމަށް ދެ ލަނޑު ވެސް ކާމިޔާބު ކޮށްދިނީ އެ ޓީމަށް ކުޅެމުން އަންނަ 33 އަހަރުގެ ތަޖުރިބާކާރު ފޯވާޑް މޭގަން ރަޕީނޯއެވެ. ފުރަތަމަ ލަނޑު މެޗުގެ ފަސްވަނަ މިނިޓުގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކުރި އިރު، ދެވަނަ ލަނޑު އޭނާ ޖެހީ މެޗުގެ ދެވަނަ ހާފުގައި ޓޯބިން ހީތް ފޮނުވާލި ހުރަހެއް ގޯލަށް އަމާޒު ކޮށްގެންނެވެ. މެޗުގެ 74 ވަނަ މިނެޓުގައި އެމެރިކާގެ ހީތް ގޯލު ތެރެއަށް ބޯޅަ ވައްދާލި ނަމަވެސް، ރެފްރީ ނިންމީ އެއީ އޮފްސައިޑެއް ކަމަށެވެ.
މި މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ ދެ ޓީމުގެ ކުރިމަތިލުމުގައި، ފަރަންސޭސްވިލާތުން މޮޅަށް ކުޅެފައިވީ ނަމަވެސް، އެ ޓީމަށް އެމެރިކާ ތަރުތީބުކޮށްފައި އޮތް ޑިފެންސް ފޫއަޅުވާލެވޭ ވަރެއް ނުވިއެވެ. އެ ޓީމަށް ލަނޑެއް ކާމިޔާބު ކުރެވުނީ މެޗު ނިމެން ދިހަ މިނިޓަށް ވެފައި ވަނިކޮށެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ވެންޑީ ރެނާޑެވެ.
މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގައި ފްރާންސުން ޕެނަލްޓީއެއް ހޯދަން މަސައްކަތް ކުރި ނަމަވެސް، ރެފްރީ ވަނީ އެއީ ފައުލެއް ނޫން ކަމަށް ނިންމާފައެވެ. މިއީ ފަރަންސޭސި އަންހެން ޓީމު މުބާރާތުގެ މި ހިސާބުން ވިދިވިދިގެން އަލްވަދާއު ކިޔަން ޖެހުނު ދެވަނަ ފަހަރެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެމެރިކާއަށް ލަނޑު ޖަހައިދިން ރަޕީނޯއެވެ. އޭނާ ވަނީ އެ ދެ ލަނޑާއެކު މުބާރާތުގެ ލަނޑު ޖެހުމުގެ ޗާޓުގެ އެއްވަނައަށް ޖެހިލާފައެވެ. މިހާތަނަށް އޭނާ ވަނީ މި މުބާރާތުގައި ފަސް ލަނޑު ކާމިޔާބު ކޮށްފައެވެ.
މި މޮޅާއެކު އެމެރިކާ ދެން ވާދަކުރާނީ މުބާރާތުގެ ސެމީ ފައިނަލުގައި އިނގިރޭސިވިލާތާއެވެ. އެ ޓީމު ވަނީ އެ މީހުންގެ ކުއާޓަރ ފައިނަލް މެޗުގައި ނޯވޭ 3-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.