ކ. މާލެ
|
29 ޖޫން 2019 | ހޮނިހިރު 10:30
އިރާނުގެ ސުރޫޝް ތެޔޮ ވަޅުތައް ހުންނަ ސަރަހައްދުން ތެޔޮ ނަގަނީ
އިރާނުގެ ސުރޫޝް ތެޔޮ ވަޅުތައް ހުންނަ ސަރަހައްދުން ތެޔޮ ނަގަނީ
ރޮއިޓަރސް
އީރާންގެ ތެޔޮ ގަންނަ މައްސަލަ
އީރާނުގެ ތެޔޮ ގަންނަ ކޮންމެ ގައުމަކާ ދެކޮޅަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅަން ތައްޔާރު: އެމެރިކާ
އޭޝިއާގެ ގައުމުތަކާއި އެކީ ކުރާ ވިޔަފާރިއަށް ފާރަވެރިވާނެ ކަމަށް ބުނެފައިވޭ
އެމެރިކާއިން ބޭނުންވަނީ ކުރިން ސޮއިކުރެވުނު ނިއުކްލިއަރ އެއްބަސްވުމުގެ ބައެއް މާއްދާތައް މުރާޖައާކުރަން
ވަކި ގައުމަކަށް ބެލުމެއް ނެތި ފިޔަވަޅު އަޅާނެ

އީރާނުގެ ތެޔޮ ގަންނަ ކޮންމެ ގައުމަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅަން ތައްޔާރަށް އޮތް ކަމަށް އެމެރިކާއިން އީރާނަށް ކަނޑައަޅާފައިވާ ހާއްސަ މަންދޫބު ބްރަޔަން ހުކް ވިދާޅުވެއްޖެއެވެ.

އޭޝިއާގެ ގައުމުތަކުން އީރާނުގެ ތެޔޮ ގަންނަ މައްސަލައާއި ގުޅިގެން ކުރި ސުވާލަކަށް ޖާވާބު ދެއްވަމުން ހުކް ވިދާޅުވީ، އެ ހުރިހާ ގައުމަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ. ހާއްސަކޮށް ޗައިނާއިން އީރާނުގެ ސާފުނުކުރާ ތެޔޮ ގަންނަ މައްސަލަ ބަލާނެކަމަށް އޭނާ ވިދާޅުވިއެވެ. މިވަގުތު އެއްވެސް ކަހަލަ ލުޔެއް އެއްވެސް ގައުމަކަށް އެކަމުގައި ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އީރާނުން ދަނީ ބާޒާރުގައި ހުރި އަގުތަކަށް ވުރެ ދަށް އަގުތަކުގައި ބްރެޒިލް، ޗައިނާ އަދި އިންޑިއާ ފަދަ ގައުމުތަކަށް ވިއްކަމުން އަންނަ ކަމަށް ރޮއިޓާޒް އިން ރިޕޯޓްކޮށްފައިވެއެވެ. އަދި އެ މުއާމަލާތްތަކަކީ އީރާނާއެކު ދުނިޔާގެ ބާރުތަކުން ވެވުނު ނިއުކްލިއަރ އެއްބަސްވުމުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެމެރިކާ ވަކިވީ ފަހުން ހިންގާފައިވާ މުއާމަލާތްތަކެއް ކަމަށް ވެސް އެ ރިޕޯޓްގައި ވެއެވެ.

އެމެރިކާއިން އެ އެއްބަސްވުމުން ވަކިވީ، ދުރުރާސްތާ މިސައިލް އުފެއްދުމުގެ ގާބިލިއްޔަތުކަމާއި ގުޅޭ މާއްދާތަކާއި، ސަރަހައްދުގައި އީރާނުގެ ނުފޫޒު ކުޑަކުރުމާއި ގުޅޭ މާއްދާތައް އެއްބަސްވުމުގައި ހިމަނަން ޖެހޭ ކަމަށް ބުނެއެވެ. ހުކް ވިދާޅުވީ އީރާނުން ޑިޕްލޮމަސީގެ ބަދަލުގައި އަބަދުވެސް އިހްތިޔާރުކޮށްފައިވަނީ އެނޫން ގޮތްތައް ކަމަށާއި އެކަން ހުއްޓުވަން އެބަޖެހޭ ކަމަށެވެ.

އެމެރިކާއިން ވަނީ އެންމެ ފަހުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި، އީރާން ސަރުކާރުގެ އިސް އޮފިޝަލުންގެ އިތުރުން އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުއްލާ އަލީ ހާމަނާއީއާ ދެކޮޅަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އީރާނުން ވަނީ އެމެރިކާއަށް ދޫނުދޭނެ ކަމުގެ އިންޒާރު ދީފައެވެ.

- ކޮމެންޓް