ރާއްޖޭގެ އެންމެ ދެކުނުން ފެށި ރާޅުޑީގެ ހަރަކާތަކީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވާ ހަރަކާތެކެވެ. ބޮޑެތި ގޮންޖެހުން ތަކަކާއެކުވެސް ހަތަރު ސާފަރުންކުރާ މި ދަތުރު ވަނީ ނިމުމަކާއި ކައިރިވެފައެވެ.
އައްޑޫ ސިޓީއިން ދަތުރު ފެށުމަށް ހަމެޖެހިފައިވީ ނަމަވެސް ވައި ނުޖެހުމުގެ ސަބަބުން ކައިޓް ސާފަރުންނަށް ބައެއް އަތޮޅުތައް ދޫކޮށްލަން ޖެހުނެވެ. އެގޮތުން ރާޅުގުޑީގެ ޓީމު ދަތުރުފެށީ މ. އަތޮޅުންނެވެ. މ. އަތޮޅުން ފެށިގެން ކައިޓް ސާފަރުން އެކި ރަށްރަށައް މަޑު ކުރަމުން ނ. އަތޮޅު ހުރަސްކޮށް މިހާރު ވަނީ ށ. އަތޮޅު ފުނަދޫ އާއި ހިސާބުގައެވެ.
ނ. އަތޮޅު ޅޮހިން ފުރައިގެން 42 ނޮޓިކަލް މޭލު ހުރަސްކޮށް ށ. ފުނަދޫއަށް ރާޅުގުޑި ޓީމަށް ދެވުނީ މިއަދު ހަވީރުގެ ވަގުތުގައެވެ.
މިއަދުގެ ދަތުރުގައި ދިމާވި އެންމެ ބޮޑު ދައްޗަކީ ހުޅަނގަށް ދަތުރު ކުރަން ޖެހުމާއި، އޮއި ބާރުވުމުންނެވެ. ރާޅުގުޑި ޓީމު މިރޭ ށ. ފުނަދޫގައި މަޑުކުރާނެއެވެ. މި ޓީމުގެ ދަތުރު މާދަމާ ފަށާނީ ހދ. ކުޅުދުއްފުއްޓަށެވެ.
ދެކުނުން އުތުރަށް ކުރާ މި ދަތުރުގައި ބައިވެރިވާ ހަތަރު ކައިޓް ސާފަރުންނަކީ އަހުމަދު ހަމްދާން ހަމީދު (ހަމްބެ) އާއި އާސިމް މުހައްމަދު ފުޅު (ސިމްބެ) އަދި އަބްދުﷲ ތަސްލީމް (ޑެލިއޯ) ގެ އިތުރުން ކައިޓް ސާފިންގެ ދުނިޔޭގެ އިވެންޓުތައް ކާމިޔާބުކޮށްފައިވާ ޔޯރީޒޫންއެވެ.
ރާޅުގުޑި އިވެންޓު އިންތިޒާމު ކުރަނީ މާފުށި ޑައިވް، ސްލޯޓޭޕް، ޔޫތު މިނިސްޓްރީ އަދި ޕާލޭ މޯލްޑިވްސްއެވެ.
މި އިވެންޓު ބޭއްވުމުގެ މައިގަނޑު އެއް ސަބަބަކީ ތިމާވެއްޓަށް ހޭލުންތެރި ކުރުވުމެވެ. ރާއްޖޭގެ އިގްތިސޯދުގެ މައިގަނޑު އެއް ބަޔަކީ ރާއްޖޭގެ ތިމާވެއްޓެވެ. ހާއްސަކޮށް ކަނޑުގެ ތިމާވެއްޓެވެ.
އެހެންވެ ކަނޑުތައް ހަޑިވާން މެދުވެރިވާ ކުނީގެ މައްސަލައާ މެދު މީހުންގެ ހޭލުންތެރި ކުރުވުމަކީ ވެސް މި އިވެންޓު ބޭއްވުމުގެ އެއް ސަބަބެވެ. އެކަމަށްޓަކައި ސަރުކާރުގެކަމާއި ބެހޭ އިދާރާތަކުން ވެސް މި އިވެންޓުގައި ބައިވެރިވާނެ އެވެ. މި އިވެންޓުގެ ސަބަބުން ޒުވާނުންނަށް ފުރުސަތު ތަކެއް ހުޅުވިގެންދާނެ އެވެ.
އައްޑު އަތޮޅުން ތުރާކުނަށް ރާޅުގުޑީގައި ކުރާ މި ދަތުރުގައި 15 ދުވަސް ނަގާނެ އެވެ. އަދި އެ މުއްދަތުގައި 20 ރަށެއްގައި މަޑުކުރާނެ އެވެ. އަދި މި ރަށްރަށުގައި ހާއްސަ ބައެއް ހަރަކާތްތަކެއް ހިންގާނެ އެވެ.