Advertisement
ކ. މާލެ
|
3 މާރޗް 2017 | ހުކުރު 14:26
އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަރުގެ ޖަލްސާގަައި މަގޫދޫގެ ކައުންސެލަރު އަބްދުﷲ ވަހީދު، އެ ރަށުގައި
އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަރުގެ ޖަލްސާގަައި މަގޫދޫގެ ކައުންސެލަރު އަބްދުﷲ ވަހީދު، އެ ރަށުގައި
ރާއްޖެއެމްވީ
ފ. އަތޮޅު ވިއްކާލުން
ކަންބޮޑުވަނީ ފ. އަތޮޅަށް ހަދަން އުޅޭ ގޮތުގެ ހަޤީގަތް ސާފުކޮށް ނުދޭތީ: މަގޫދޫ ކައުންސިލަރ
ސަރުކާރާ ދެކޮޅަށް އެއްވެސް ކަމެއް ކުރާކަށް ނޫޅެން: ކައުންސިލަރ

ފ. އަތޮޅު ރައްޔިތުން ކަންބޮޑުވަނީ ހަޤީގަތް ހާމަނުކުރާތީއާއި، ސަރުކާރުން ފ. އަތޮޅުގައި ހިންގާ ބިޔަ ބޮޑު ޕްރޮޖެކްޓުން ފ. އަތޮޅަށް ވެގެންދާނެ ގޮތް ނޭނގޭތީ ކަމަށް މަގޫދޫ ކައުންސިލް މެންބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.

މަގޫދޫ އެމްޑީޕީ ހަރުގޭގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އަބްދުﷲ ވަހީދު ވިދާޅުވީ ސަރުކާރާ ދެކޮޅަށް ކަންތައްތަކެއް ކުރަން ބޭނުން ނުވާ ކަމަށާއި، ބޭނުންވަނީ ސަރުކާރުގެ ފަރާތުން އެ ބޭފުޅުން އެ ކުރައްވާ މަސައްކަތް ސާފުކޮށްދިނުން ކަމަށެވެ. 

ރައީސް މުހައްމަދު ނަޝީދު ފ. އަތޮޅަށް ތަރައްޤީ ގެނެސްދިން ހިސާބުން އެ އަތޮޅުގެ ރައްޔިތުން ތިބީ ތަރައްޤީ އަށް ފެން ބޮވައިގެންފައި ކަމަށާއި، ކޮންމެ ސަރުކާރަކުން އެ މަސައްކަތާއެކު ކުރިއަށް ދާން ތައްޔާރަށް ތިބިކަން އަބްދުﷲ ވަހީދު ފާހަގަކުރެއްވިއެވެ. ނަމަވެސް އޭގެ ބަދަލެއްގެ ގޮތުން ދަރިން ވިކި ޚަލާސްވެގެން ތަރައްގީ ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ސަރުކާރުން ކުރިއަށް ގެންދާ ބިޔަ ޕްރޮޖެކްޓްގެ މައުލޫމާތު ތިލަކޮށްދޭށޭ ބުނަން ޖެހެނީ، މިއަދުގެ ސަރުކާރާއެކު މިހާތަނަށް ހާސިލު ކުރެވުނު އިބުރަތް ތަކަށް ބަލާފައި ކަމަށް ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ނުފެނޭ އެ ތަރައްޤީއެއް. އަޅުގަނޑު މެންނަކަށް މިއަދާ ހަމައަށް އައި އިރުގައި މިއިން އެއްވެސް ކަމެއް ނުފެނޭ. އަޅުގަނޑުމެންނަށް އިނގޭހާ ވެސް އެއްޗަކީ ތަރައްގި އޭ ބުނެ ވާހަކަ ދައްކާއިރުގައި އަޅުގަނޑުމެން އެތައް ގުނައަކަށް އަޅުގަނޑުމެން ދަރައިގެން ދާތަން. އެތައް ލޯނުތަކެއް ނެގިގެން ދާތަން. އެހެންވީއިރުގައި އަޅުގަނޑުމެން އެބަޖެހޭ މިކަން ސާފުކުރަން" ވަހީދު ވިދާޅުވިއެވެ.

ސައުދީ ރަސްގެފާނަށް ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް މުޒާހަރާކުރަން ރާވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާއިރު، ވަހީދު ވިދާޅުވީ މަގޫދޫގައި ޣައިރުޤާނޫނީ އެއްވެސް ކަމެއް ކުރަން ނޫޅޭ ކަމަށެވެ. 

"އަޅުގަނޑުމެން ނިކުމެ ކަމެއް ކުރާނަމޭ ބުނީމާ، ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރަނީއޭ ބުނީމާ އަޅުގަނޑުމެންނަށް ބިރުދެއްކުމަށްޓަކައި ތިބޭފުޅުން ތި ކުރައްވާ މަސައްކަތް ވެސް އެބަޖެހޭ މިހާރުން މިހާރަށް ހުއްޓާލަން،" ސައުދީ ރަސްގެފާނުގެ ކަރާމާތަށް އުނިކަމެއް ލިބޭފަދަ އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ކަމަށް ބުނެ ފުލުހުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ވަހީދު ވިދާޅުވި އެވެ. 

ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަން ހާމަކުރައްވަމުން ކައުންސިލަރ ވިދާޅުވީ، ސަރުކާރުން ބިޔަ ބޮޑު ޕްރޮޖެކްޓެއް ހިންގުމަށް ބުނާއިރު، އިދިކޮޅު ފަރާތްތަކުގެ ހައިސިއްޔަތުން ސަރުކާރުން އެ ކުރަނީ ކޮން ކަމެއްތޯ ބަލަންޖެހޭ ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި މިއަދު ކުރަމުން މި ގެންދަނީ އެ މަސައްކަތް ކަމަށެވެ. 

ފ. އަތޮޅު ވިއްކާލާކަމުގެ އަޑުތައް ފެތުރިފައިވާއިރު، ވަހީދު ވިދާޅުވި ގޮތުގައި، އެކަމާ އެ އަތޮޅުގެ ރައްޔިތުން ކަންބޮޑުވަނީ އެ އަތޮޅުގެ އަސްލު ގެއްލި، ދެން އުފައްދާ ކައުންސިލެއް ސައުދީ ކައުންސިލަކަށް ވެގެން ގޮސްދާނެތީ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް