Advertisement
ކ. މާލެ
|
3 މާރޗް 2017 | ހުކުރު 14:08
ވައިކަރަދޫގެ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
ވައިކަރަދޫގެ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
ރާއްޖެ އެމްވީ
ފަލަސުރުޚީ
ފ.އަތޮޅު ވިއްކާލައިފިނަމަ އެ ސަރަހައްދަށް ވަދެވޭނީ ވިސާ ޖަހައިގެން: ނާޒިމް
މިފަދަ ފެންވަރަކަށް މި ޤައުމުގެ ސަރަހައްދެއް ގޮސްފި ކަމަށްވާ ނަމަ، މިއީ ވަރަށް ކަންބޮޑުވާ ކަމެއް

ފ.އަތޮޅަކީ ސައުދީގެ ސަރަހައްދެއް ކަމަށް ކަނޑައަޅައިފި ނަމަ، އެ ސަރަހައްދަށް ވަދެވޭނީ ވިސާ ޖަހައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫގެ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

 

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ސައުދީ ރަސްގެފާނު ފ.އަތޮޅުން ނަގާ ސަރަހައްދަކީ ރާއްޖޭގެ ސަރަހައްދުން ބޭރުގެ ސަރަހައްދަކަށް ވެގެންދާ މަންޒަރު ކަމަށާއި އެކަން ސިއްރު ކުރުމަށް މިދަނީ މަސައްކަތް ކުރެވެމުން ކަމަށެވެ.  

 

ނާޒިމް ވިދާޅުވީ މިފަދަ ފެންވަރަކަށް މި ޤައުމުގެ ސަރަހައްދެއް ގޮސްފި ކަމަށްވާ ނަމަ، މިއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

 

މަޖިލިސްގެ މެންބަރުން ދައްކަވަމުން ގެންދާ ވާހަކަތަކަށް ބަލާއިރު، 100 ބުރީގެ 50 އިމާރާތް އަޅާނެ ކަމަށާއި، 10 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ކަމަށް ވިދާޅުވާއިރު މި ކަމުން ރާއްޖޭގެ ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުކުރާ ކަމަށްވާނަމަ މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.

 

ޤާނޫނުތައް ހުއްދަ ކުރާ ގޮތުގެ މަތިން ބޮޑެތި އިންވެސްޓްމަންޓްތައް ގެނެސްގެން މަޝްރޫއުތައް ހިންގުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި، 99 އަހަރަށް ރިޒޯޓްތައް ކުއްޔަށް ދޫކޮށްގެން އާމްދަނީ ހޯދަމުންދާއިރު މިކަމުގަ އިދިކޮޅު ފަރާތްތަކުން ވެސް މައްސަލައެއް ނުޖައްސާއިރު، ގޮތް ނޭނގޭ އަޑި ނޭނގޭ ކަންކަމާއި އިދިކޮޅަށް ވާހަކަދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

 

ފ.އަތޮޅު ވިއްކާލުމުގެ ވާހަކަ މި ދެކެވެނީ ކުރީގަ ހެދިފައި އޮތް ޑީލެއްގެ ދަށުން ފާއިސާތަކެއް ނެގި، އެ ކައި ހުސްވެ، ގޮތް ހުސްވުމުގެ ސަބަބުން މަޖުބޫރީ ހާލަތަކަށް އައުމުން ކަމަށް ނާޒިމް ވިދާޅުވި އެވެ. ރާއްޖޭގެ އެއްވެސް ސަރަހައްދެއް އެހެން ބަޔަކަށް ދެވޭނީ ރައްޔިތުންގެ ރުހުމާއި އެކުގައި ކަމަށާއި މިކަން މިގޮތަށް ނުހިނގާ ކަމަށްވާނަމަ އެކަން ޤާބޫލު ނުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

 

ނާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ބަސް ކަމަށްވާއިރު މި ސަރުކާރުން ލޯނެއް ނެގި ކަމުގައިވީ ނަމަވެސް މަޖިލީހުގެ ހުއްދަ ނުހޯދައި ލޯނު ނެގޭ ގޮތަށް ޤާނޫނަށް މިވަނީ އިސްލާހް ގެނެސްފައި ކަމަށެވެ.

 

އިސްލާހާއި ތަރައްޤީއަކީ އެމްޑީޕީން ގެނައި އެއްޗެކެވެ. އެމްޑީޕީން ތަރައްޤީއާއި ދެކޮޅަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
- ކޮމެންޓް