އެޕްރީލް މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް، މިހާރު ރަޖިސްޓްރީ ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކަށް ރީރަޖިސްޓަރ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފިއެވެ.
މިދިޔަ ފެބްރުއަރީ 19 އިން ފެށިގެން މާޗް 2 ވީ ބުރާސްފަތި ދުވަހުގެ ނިއަލަށް ދީފައިވާ ފުރުސަތު އިތުރުކޮށްފައި މިވަނީ މާޗް މަހުގެ 9 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 03:00 ގެ ނިޔަލަށް ކަމަށް އެ ކޮމިޝަނުން އިއްޔެ ނެރުނު އިއުލާނުގައި ވެއެވެ.
މިހާރު ރަޖިސްޓަރީ ވެފައިވާ ތަނުގެ މައުލޫމާތު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިންނާއި އެސްއެމްއެސް (VR (space) IDNO) މެދުވެރިކޮށް 1414 އަށް އެސް އެސް ކޮށްގެން ބެލޭނެ ކަމަށް އެ ކޮމިޝަނުން މަޢުލޫމާތު ދެއެވެ.
ރަޖިސްޓަރ ވުމަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި، އައްޑޫ ސިޓީ އަދި ފުއައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި، މާލޭގައި ނަމަ ލޯކަލް ކައުންސިލް އިންތިޚާބު 2017 ގެ އިންތިޚާބީ މަރުކަޒު (ބާ ޖަމާލުއްދީން) އިން ކަމަށް ކޮމިޝަނުން މަޢުލޫމާތު ދެއެވެ. މީގެ އިތުރުން ހުޅުމާލެއާއި ވިލިގިލީގައި ނަމަ މި ދެ ރަށުގެ ފެރީ ޓަރމިނަލްގައި ގާއިމް ކުރެވިފައިވާ ސްޓޭޝަން ތަކުން ވެސް ފޯމު ދކުރުމާއި ބަލައިގަތުން ކުރިއަށްދާނެ ކަމަށް މި އިއުލާނުގައި ވެއެވެ.
އިލެކްޝަން ކޮމިޝަނުން ނެރެފައިވާ އިއުލާނުގައި ވާގޮތުން ރަޖިސްޓްރީ ވުމަށް އެދި ފޯމު ދުކުރުމާއި ހުށަހެޅުން އޮންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން ހަވީރު 03:00 އަށް ފޯމު ހުށަހެޅުން ކުރިއަށްދާއިރު، ހުކުރު ދުވަހު ފޯމު ބަލައިގަތުން ހަމަޖެހިފައިވަނީ މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.
ފޯމު ހުށަހަޅާއިރު ކާކުކަން އަންގައިދޭ މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ އަސްލާއި ކޮޕީއެއް ބޭނުންވާނެ ކަމަށް ވެސް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.