ސްކޮޓްލެންޑުގެ ލޮކްނަސް ކޯރުން ފެންނަކަމަށް ބުން ލޮކް ނަސް މޯންސްޓަރއާ ވައްތަރު، 70 މިލިއަން އަހަރުވެފައިވާ ޖަނަވާރެއްގެ ފޮސިލްއެއް އެންޓާޓިކާއިން ފެނިއްޖެއެވެ.
ގިނަ އަހަރުތަކެއްގެ ބުރަ މަސައްކަތަށް ފަހު ދިރާސާކުރާ ފަރާތްތަކުން ހޯދާފައިވާ ޖަނަވާރަކީ، އެލަސްމޮސޯރ (Elasmosaur) ގެ ނަން ދެވިފައިވާ ކަނޑުގައި ދިރިއުޅުނު "ރެޕްޓައިލް" އެކެވެ. އޭތީގެ ބަރުދަނުގައި 15 ޓަނު ހުންނާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެފައިވެއެވެ.
ހަރުފައެއްގެ ސިފައިގައި ހުންނަ ބޮލަކާއި، ޖައްރާފާއެއްގެ ހުންނަ ކަހަލަ ދިގު ކަނދުރާއެއް ހުންނަ ކަމަށް ބުނާ އެލަސްމޮސޯރ ދިރިއުޅެފައިވަނީ ސާރުތައް އުޅުނު ޒަމާނުގައެވެ. ދިގުމިނުގައި 40 ފޫޓު ހުންނަ ޖަނަވާރަކީ މިހާތަނަށް ފެނިފައިވާ އެންމެ ބަރު އެއް ޖަނަވާރެވެ. އަދި މިއީ މިހާތަނަށް ފެނުނު އެންމެ ފުރިހަމަޔަށް ރައްކާކުރެވިފައި އޮތް ފޮސިލްކަމަށް ވެސް އޭތި ހޯދި ދިރާސާކުރާ ފަރާތްތަކުން ބުނެފައިވެއެވެ.
މި ފޮސިލް އެންމެ ފުރަތަމަ 1989 ވަނަ އަހަރުގެ ތެރޭގައި ހޯދިފައިވީ ނަމަވެސް، ދިރާސާކުރާ ފަރާތްތަކަށް އޭތި ކޮނުމުގެ މަސައްކަތް ކުރެވިފައިވަނީ ކޮންމެ އަހަރަކުވެސް އެންމެ ދެ މަސް ދުވަހުގެ މަދު ހަފުތާ ތަކެއްގެ ތެރޭގައެވެ. އަދި ބައެއް އަހަރުތަކުގައި އެ ސަރަހައްދަށް ނުދެވުމުގެ ސަބަބުން އެއްވެސް މަސައްކަތެއް ކުރެވިފައި ނުވެއެވެ. ފޮސިލް ފެނުނު އެންޓާޓިކާގެ ސޭމޯ އައިލެންޑަކީ މުޅި ދުނިޔޭގެ ވެސް އެންމެ ފިނި އަދި އެންމެ ވައިބާރު ސަރަހައްދުތަކުގެ ތެރެއިން ސަރަހައްދެކެވެ.
ފޮސިލް ކޮނުމުގެ މަސައްކަތް އެއްކޮށް ނިމުނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. މި ޖަނަވާރާ ބެހޭގޮތުން އިތުރު ކަންކަން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެފައިވެއެވެ.