އިންޑިއާގެ ތާރިހުގައި ހެދި އެންމެ މޮޅު 100 ފިލްމުގެ ތެރޭގައި ހިމެނޭ ''މިސްޓަރ އިންޑިއާ''ގެ މޮގެމްބޯގެ ރޯލް ކުޅެން އެންމެ ފުރަތަމަ ހުށައެޅީ އަނޫޕަމް ކޭރް އަށް ކަމަށް އޭނާ ބުނެފިއެވެ.
ބޯނީ ކަޕޫރް ޕްރޮޑިއުސްކޮށް ޝޭކަރް ކަޕޫރް ޑައިރެކްޓް ކުރި ފިލްމުގެ ލީޑް ރޯލް ކުޅެފައިވަނީ އަނިލް ކަޕޫރެވެ. އެ ފިލްމުގެ ވިލަން ''މޮގަމްބޯ'' ގެ ރޯލު ކުޅެފައި ވަނީ އަމްރިޝް ޕޫރިއެވެ.
ލޭގެ ކެންސަރު ބަލީގައި 2005 ވަނަ އަހަރު މަރުވި އަމްރިޝް ޕޫރީގެ ހަނދާންތައް އާކުރަމުން އަނޫޕަމް ބުނީ، އަމްރިޝް ޕޫރީއަކީ އޭނާގެ ވަރަށް ގާތް އެކުވެރިއެއް ކަމަށެވެ.
ދުނިޔެ ދޫކޮށްފައިވާ ރައްޓެހިންގެ ވާހަކަ ދެއްކުމަކީ އެކަމާ ވަރަށް ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށް ބުނެ އަނޫޕަމް ވަނީ، މިސްޓަ އިންޑިއާގައި މޮގެމްބޯގެ ރޯލް އެންމެ ފުރަތަމަ ހުށައަޅާފައި ވަނީ އޭނާ އަށް ކަމަށް ބުނެފައެވެ.
އެކަމަކު އޭގެ މަހެއް ނޫނީ ދެ މަހެއް ފަހުން ފިލްމު އުފެއްދި ފަރާތުން އޭނާގެ ބަދަލުގައި އަމްރިޝް ޕޫރީ އަށް އެ ރޯލް ދޭން ނިންމި ކަމަށް އޭނާ ބުންޏެވެ.
ފިލްމަކުން ފުރުސަތު ގެއްލުމަކީ އެކްޓަރުން އަބަދުވެސް އެކަމާ މެދު ދެރަވާ ކަމެއް ކަމަށް އަނޫޕަމް ބުންޏެވެ.
އެކަމަކު އެ ފިލްމުގައި މޮގެމްބޯގެ ރޯލުން އަމްރިޝް ޕޫރީ ފެނުމުން ފިލްމު ހެދި ފަރާތުން އަމްރިޝް އަށް އެ ރޯލް ދޭން ނިންމި ނިންމުން އެއީ ރަނގަޅު ނިންމުމެއްކަން މިހާރު ހިތަށް އަރާ ކަމަށް އަނޫޕަމް ބުންޏެވެ.
އެ ފިލްމުގައި އަމްރިޝް އަދާކޮށްފައިވާ މޮގެމްބޯގެ ރޯލްވެގެން ދިޔައީ ގިނަ ބެލުންތެރިން ބަލައިގަންނަ ރޯލެއްގެ ގޮތުގައެވެ. "މިސްޓަރ އިންޑިއާ" އަކީ މިހާރު ވެސް އިންޑިއާގެ ސިނަމާތަކުގައި ދައްކަމުން އަންނަ ފިލްމެކެވެ.