ކ. މާލެ
|
24 ޖޫން 2019 | ހޯމަ 19:51
ގެޒީ ޕާކްގެ ހިމާޔަތުގައި ފެށުނު މުޒާހަރާތައް ފަހުން ބަދަލުވެގެން ގޮސްފައިވަނީ ސަރުކާރާ ދެކޮޅަށް ޝުއޫރުފާޅުކުރި މުޒާހަރާތަކަކަށް
ގެޒީ ޕާކްގެ ހިމާޔަތުގައި ފެށުނު މުޒާހަރާތައް ފަހުން ބަދަލުވެގެން ގޮސްފައިވަނީ ސަރުކާރާ ދެކޮޅަށް ޝުއޫރުފާޅުކުރި މުޒާހަރާތަކަކަށް
ރޮއިޓަރސް
ތުރުކީ
ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ތުރުކީގައި 16 މީހަކަށް ދައުވާކޮށްފި
އިންސާނީ ހައްގުތަކަށް ގޮވާލާ ފަރާތްތަކުންވަނީ އެ ދައުވާތަކަކީ އަސްލެއް ނެތް ދައުވާތަކެއްކަމަށް ބުނެފައި

ސަރުކާރު ވައްޓާލަން އުޅުނުކަމަށާއި ޓެރެރިޒަމްގެ އަމަލުތަކެއް ހިންގިކަމަށް ތުހުމަތުކޮށް ތުރުކީގައި 16 މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

ތުރުކީގައި 2013 ވަނަ އަހަރު ކުރި މުޒާހަރާ ތަކަކާއި ގުޅިގެން ޓެރެރިޒަމްގެ ދައުވާއާއި ގާނޫނާޚިލާފަށް މުޒާހަރާއެއް ކުރިކަމުގެ ދައުވާ އެ މީހުންގެ މައްޗަށް އުފުލުމުން ހައްގުތަކަށް ގޮވާލާ ފަރާތްތަކުންވަނީ އެ ދައުވާތަކަކީ އަސާސެއް ނެތް ދައުވާތަކެއްކަމަށް ބުނެފައެވެ.

ޖުމްލަ 657 ސަފްހާ ހިމެނޭ ދައުވާގެ ބަޔާނުގައިވާގޮތުން އެމީހުންވަނީ ސަރުކާރު ވައްޓާލުމަށް މުޒާހަރާ އިންތިޒާމްކޮށް ހިންގުމަށް ޚަރަދުކޮށްފައެވެ.

ސަރުކާރު ވައްޓާލަން އުޅުމުގެ ކުށަކީ ތުރުކީގައި ޕެރޯލްގެ ފުރުސަތު ނުދެވޭ އަދި އުމުރު ދުވަހުގެ ޖަލުހުކުމެއް އަންނަ ކުށެކެވެ.

މި ޝަރީއަތް ފެށިފައިވަނީ އިސްތަންބޫލްގެ ރައްބޭރުގައި ހުންނަ ޖަލު ކޮމްޕްލެކްސްއެއްގައި ހޯމަ ދުވަހުއެވެ.

މަދަނީ ހަރަކާތްތަކުގައި މަޝްހޫރު މި 16 މީހުންގެ ތެރޭގައި ހިމެނޭ ފިލަންތްރޮޕިސްޓް އުސްމާން ކަވާލާ ޝަރީއަތުގެ ކުރިން ޖަލަށްލެވިފައި ހުންނަތާ 20 މަސްދުވަސް ވެފައިވާއިރު ކުޑަކުދިންނަށް ކިޔަވައިދޭ ފައުންޑޭޝަނެއްގައި މަސައްކަތްކުރާ ޔިޖިތް އަކަސަކޮގުލޫ ޖަލުގައި ހުންނަތާ އަށް މަސްވަނީ ވެފައެވެ.

އިސްތަންބޫލްގެ މެދުތެރޭގައި އޮންނަ ގެޒީ ޕާކްގެ ހިމާޔަތުގައި 2013 ވަނަ އަހަރު ފެށުނު މުޒާހަރާތައް ފަހުން ބަދަލުވެގެން ގޮސްފައިވަނީ ސަރުކާރާ ދެކޮޅަށް ޝުއޫރުފާޅުކުރި މުޒާހަރާތަކަކަށެވެ.

- ކޮމެންޓް