ކ. މާލެ
|
24 ޖޫން 2019 | ހޯމަ 15:19
އިންތިހާބު ކާމިޔާބު ކުރުމަށް ފަހު އެކްރަމް އިމަމޯގްލޫ ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަނީ
އިންތިހާބު ކާމިޔާބު ކުރުމަށް ފަހު އެކްރަމް އިމަމޯގްލޫ ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަނީ
ރޮއިޓަރސް
އިސްތަންބޫލު މޭޔަރު އިންތިހާބު
އިސްތަންބޫލު މޭޔަރު އިންތިހާބު: އުރުދުގާންގެ އޭކޭޕީއަށް ބޮޑު ލަދެއް
 
މިއީ ތުރުކީގެ ރައީސް އުރުދުގާންއަށް ކުރިމަތިލާން ޖެހުނުު ބޮޑު ނާކަމިޔާބީއެއް
 
އުރުދުގާންއާ އެކީ މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް އިމަމޯގްލޫ ވިދާޅުވި
 
ކުރިން އިންތިހާބުން 13000 ވޯޓުގެ ތަފާތުން މޮޅިވި އިރު، މި ފަހަރު 775،000 ވޯޓުގެ ތަފާތު އެބައުޅޭ

އިންތިހާބުގައި ނުރަނގަޅު ކަންތައްތަކެއް ހުރި ކަމަށް ނިންމުމުން އަލުން ބޭއްވި އިސްތަންބޫލުގެ މޭޔަރު ހޮވުމުގެ އިންތިހާބުގައި، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާނުގެ އޭކޭޕީގެ ކެނޑިޑޭޓު ކުރިޔަށް ވުރެ ބޮޑު ފަރަގަކުން ނާކާމިޔާބު ވެއްޖެއެވެ.

ވޯޓުގެ 99 އިންސައްތަ ގުނާ ނިމިފައިވާ އިރު، އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) ގެ ކެނޑިޑޭޓު އެކްރެމް އިމަމޯގްލޫ އުޅެނީ 775،000 ވޯޓު ކުރީގައެވެ. ކުރިން ބޭއްވި އިންތިހާބުގައި އޭނާ ކުރި ހޯދީ އެންމެ 13000 ވޯޓުގެ ތަފާތުންނެވެ.

އޭކޭޕީގެ ކެނޑިޑޭޓު، ކުރީގެ ބޮޑު ވަޒީރު ބިނާލީ ޔިލްދްރިމް ބަލި ގަބޫލުކޮށްފައިވާ އިރު، ރައީސް އުރުދުގާން ވަނީ އިމަމޯގްލޫ ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔާ ޓްވީޓް ކޮށްފައެވެ. މިއީ އިސްތަންބޫލު ކާމިޔާބުކުރާ ބަޔަކު ތުރުކީ ކާމިޔާބުކުރާނެ ކަމަށް ވިދާޅުވި އުރުދުގާންއަށް ބޮޑު ނާކާމިޔާބީއެކެވެ.

އިންތިހާބު ކާމިޔާބުވުމާއި ގުޅިގެން ސަޕޯޓަރުންނާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި އިމަމޯގްލޫ ވިދާޅުވީ، މިއީ އިސްތަންބޫލަށާއި މުޅި ގައުމަށް ވެސް "އާ ފެށުމެއް" ކަމަށެވެ. އޭނާ ބުނީ މިއަދު އިސްތަންބޫލުގައި މިހުޅުވެނީ "އާ ސޮފުހާ" އެއް ކަމަށާއި އެ ސޮފުހާގައި ވަނީ އިންސާފާއި، ހަމަހަމަކާއި، ލޯބިކަމަށެވެ. އިމަމޯގްލޫ ވަނީ ރައީސް އުރުދުގާންއާ އެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް ވިދާޅުވެފައެވެ.

އޭކޭޕީއަށް ލިބުނު ނާކާމިޔާބީ އަކީ، ފަހުގެ ތާރީހެއްގައި ވެސް ތުރުކީ ދުށް އެންމެ ބާރުގަދަ އަދި ނުފޫޒުގަދަ ލީޑަރު ކަމުގައިވާ އުރުދުގާންގެ ސިޔާސީ ކުރިމަގާ މެދު ސުވާލު އުފެދޭ ވަރުގެ ނާކާމިޔާބީއެކެވެ. އެގޮތުން އަލުން އިންތިހާބު ބާއްވަން ނިންމުން އެއީ ހެދުނު ވަރަށް ބޮޑު ގޯހެއްގެ ގޮތުގައި މާހިރުން ވަނީ ސިފަކޮށްފައެވެ.

ނާކާމިޔާބީގެ ސަބަބުން އުރުދުގާންގެ އޭކޭޕީގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދި، އަވަސް އިންތިހާބަކަށް ދާން ޖެހިދާނެ ކަމަށް ވެސް ވަނީ ބެލެވިފައެވެ. ރައީސް އުރުދުގާންގެ ދައުރު ހަމަވާނީ 2023 ވަނަ އަހަރުގައެވެ.

މިއީ 25 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު، ސީއެޗްޕީއަށް އިސްތަންބޫލު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. ސީއެޗްޕީއަކީ ޖުމްހޫރީ ތުރުކީގެ ބާނީ އަތަތުރްކްގެ ސެކިއުލަރ ފިކުރަށް ތާއީދުކުރާ ޕާޓީއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
50%
50%
0%
0%
0%
ކޮމެންޓް