ބްރެޒިލްގައި ކުރިޔަށްދާ ކޮޕާ އެމެރިކާގައި އާޖެންޓީނާ އާއި ގަތަރު ބައްދަލުކުރި މެޗުން އާޖެންޓީނާ މޮޅުވެ ކުއާޓާ ފައިނަލައް ދަތުރުކޮށްފިއެވެ.
މި މެޗް އާޖެންޓީނާއިން ކާމިޔާބުކޮށްފައި ވަނީ 2-0 އިންނެވެ.
މެޗް ފަށައިގެން 3 ވަނަ މިނެޓުގައި އާޖެންޓީނާއިން ޒުވާން ފޯވާޑް މާޓިނޭޒް ޖަހައިދިން ލަނޑާއެކު އެ ޓީމް ވަނީ ލީޑް ނަގައިފަ އެވެ.
ގަތަރުން އެޓީމުގެ ކުޅުން ރަނގަޅުކޮށް އާޖެންޓީނާގެ ގޯލަށް ނުރައްކާ ކުރެވޭތޯ ބެލި ނަމަވެސް އާޖެންޓީނާއިން އައީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ގަތަރުގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.
މެޗްގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-0 ގެ ނަތީޖާ އަކުން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ.
މެޗްގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ފެނުނީ ހަމަހަމަ ކުޅުމެކެވެ. ނަމަވެސް އާޖެންޓީނާގެ ހަމަލާތައް ފެނިގެން ދިޔައީ ވަރުގަދަ ކޮށެވެ.
މެޗުގެ 82 ވަނަ މިނެޓުގައި އާޖެންޓީނާއިން ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށް ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސާޖިއޯ އަގުއެރޯއެވެ.
މި ނަތީޖާއާއެކު، އާޖެންޓީނާ ވަނީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ. ގްރޫޕް ބީ ގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލަށް ދަތުރު ކުރީ ކޮލަމްބިއާއެވެ.