ސަލްމާން ހާން ދަބަންގްގެ ތިން ވަނަ ފިލްމަށް ތައްޔާރުވުމުގެ މަސައްކަތް ފަށައިފިއެވެ.
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ މަޝްހޫރު ވެބްސައިޓެއްގައި ބުނެފައިވާ ގޮތުން، ދަބަންގް 3 ގައި ސަލަމާން ފެނިގެން ދަނީ 20 އަހަރުގެ ޗުލްބުލް ޕާންޑޭގެ ރޯލުން ކަމަށެެވެ.
އުމުރުން 20 އަހަރުގެ މީހެއްގެ ރޯލު ކުޅުމަށް ވާން ޖެހޭ ތައްޔާރީތައް ސަލްމާން ދަނީ މިހާރު ވަމުންނެވެ. އެގޮތުން ޖިމަށް ގޮސް ވިހި އަހަރުގެ މީހެއްގެ ސިފަ ގެނައުމަށްޓަކައި އޭނާ ދަނީ ކަސްރަތު ކުރަމުންނެވެ.
ދަބަންގް އެކެއް އަދި ދޭއް ގައި ސަލްމާންގެ އަންހެނުންގެ ރޯލް ކުޅެފައިވާ ސޮނާކްޝީގެ ބަދަލުގައި އާ ފިލްމުގައި ފެނިގެން ދާނީ އެހެން އެކްޓްރެސްއެއް ކަމަށް ރިޕޯޓް ބުނެއެވެ. އެކަމަކު އެ ރޯލުން ފެނިގެންދާނީ ކާކު ކަމެއް އަދި ހާމައެއް ނުކުރެއެވެ.
އަރްބާޒް ހާން ޕްރޮޑިއުސްކުރާ މި ފިލްމުގައި ނުބައި ރޯލުން ފެނިގެން ދާނީ ކަންނަޑާ ފިލްމުތައް ކުޅޭ މަޝްހޫރު އެކްޓަރު ސުދީޕްއެވެ. މީގެ ކުރިން ދަބަންގްގައި ޕްރަކާޝް ރާޖްގެ އިތުރުން ސޯނު ސޫދުވެސް ވަނީ ވިލަންގެ ރޯލް އަދާކޮށްފައެވެ. ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.