Advertisement
ކ. މާލެ
|
2 މާރޗް 2017 | ބުރާސްފަތި 19:30
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ބޭރުގެ ފޯރަމެއްގައި ރާއްޖެ ތަމްސީލުކުރައްވަނީ
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ބޭރުގެ ފޯރަމެއްގައި ރާއްޖެ ތަމްސީލުކުރައްވަނީ
އަޒުމޫން އަހުމަދު
ކުންފުނިތައް އުވާލުން
އަހަރީ ފީ ނުދައްކާ ތިން ހާހަށްވުރެ ގިނަ ކުންފުނި އުވާލުމަށް ކޯޓަށް ހުށަހަޅަނީ
ޖޫރިމަނާ ޚަލާސްކުރުމަށް ފުރުސަރު ދީފައިވޭ

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ހަތް ވަނަ މާއްދާގެ (ށ) ގެ ދަށުން އަހަރީ ފީ ނުދައްކާ އެތައްހާސް ކުންފުންޏެއް އުވާލުމަށް ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
 

އެގޮތުން ކުންފުންޏާބެހޭ ޤާނޫނުގެ ހަތް ވަނަ މާއްދާގެ (ށ) ގެ ދަށުން 6349 ކުންފުނި އުވާލުމުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.

 

އިކޮނޮމިކް މިނިސްޓްރީން ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެކުލަވާލާފައިވާ އަހަރީ ފީ ނުދައްކާ ކުންފުނިތަކުގެ ލިސްޓެއް ވެސް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

 

ޕްރައިވެޓް ކުންފުނިތަކުން އަހަރީ ފީގެ ގޮތުގައި ދައްކަން ޖެހެނީ 2,000 ރުފިޔާއެވެ. އަދި ސަރުކާރު ކުންފުނިތަކުން އަހަރީ ފީގެ ގޮތުގައި ދައްކަން ޖެހެނީ 10,000 ރުފިޔާއެވެ.

 

ބުރާސްފަތި ދުވަހު މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި އުވާލަން ހުށަހަޅާ ކުންފުނިތަކުގެ ލިސްޓުގައި ހިމެނޭ ކުންފުންޏެއްގެ ނަން ކުންފުނީގެ ދަފްތަރުން އުނިކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވާލާފައިވެއެވެ.

 

އެގޮތުން އެ ކުންފުންޏަކުން ދައްކަންޖެހޭ އަހަރީ ފީ އަދި ޖޫރިމަނާ ފައިސާގެ އަދަދު ދައްކައި ހަލާސްކުރުމަށްފަހު، 2 އެޕްރީލް 2017 ގެ ކުރިން، ފައިސާ ދެއްކި ކަމުގެ ރަސީދު މި މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުސަތުވަނީ ދީފައެވެ. އަދި ދަރަންޏެއް އޮތްނަމަ ކަންކުރަންވީ ގޮތް ވެސް ވަނީ އިއުލާން ހިމަނާފައެވެ.

 

"ލިސްޓުގައި ހިމަނާފައިވާ އެއްވެސް ކުންފުންޏެއްގެ މައްޗައް، އެއްވެސް ދަރަންޏެއް ނުވަތަ ދަޢުވާއެއް އޮތްނަމަ، ނުވަތަ މިއިން އެއްވެސް ކުންފުންޏަކުން، އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ މިއިން އެއްވެސް ކުންފުންޏެއްގެ މައްޗައް އެއްވެސް ފަރާތަކުން ހުށަހަޅާ ދަޢުވާއެއް އޮތްނަމަ، ކަމާގުޅޭ ތަފްޞީލު، 2 އެޕްރިލް 2017ގެ ކުރިން، ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ." މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

 

އަހަރީ ފީ ނުދައްކާ ކުންފުނިތައް އުވާލަން ކޯޓަށް ހުށަހެޅުމަކީ ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ ޒިންމާއެއް ކަމަށް ކުންފުންޏާ ބެހޭ ގާނޫނުގައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
- ކޮމެންޓް