ކޮޕަ އެމެރިކާގައި އިކުއެޑޯ ބަލިކޮށް ޗިލީ ކުއާޓާއަށް ދަތުރުކޮށްފިއެވެ.
އިކުއެޑޯއާ ދެކޮޅަށް ކުޅުނު މެޗު ޗިލީން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.
ބްރެޒިލްގައި ކުޅުނު މި މެޗު ފެށިގެން އަށް ވަނަ މިނެޓުގައި ޗިލީން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުއެންޒަލިޑާއެވެ.
މި ލަނޑާ އެކު އިކުއެޑޯއިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށްފައިވާއިރު، ލަނޑު ޖެހުމަށް ވެސް އެ ޓީމުން ދިޔައީ ފުރުސަތު ތަނަވަސްކުރަމުންނެވެ. އެގޮތުން 28 ވަނަ މިނެޓުގައި ވެލެންސިއާ ކާމިޔާބުކުރި ލަނޑުން އެ ޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ދެ ޓީމަށް ވެސް ވަނީ ލަނޑު ޖެހުމަށް އިތުރު ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް އެ ލިބޭ ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ދެ ޓީމަށް ވެސް ނުހިފެއެވެ.
ދެވަނަ ހާފް ފެށިގެން ޗިލީން އެ ޓީމުގެ އެޓޭކްތައް ވަރުގަދަކޮށް، ފުލުފުލުގައި ހަމަލާތައް ވަނީ އުފައްދާފައެވެ. އެގޮތުން 51 ވަނަ މިނެޓުގައި އެލެކްސަސް ސަންޗޭޒް ކާމިޔާބުކުރި ލަނޑުން އެ ޓީމުން ވަނީ އަނބުރާ ލީޑު ހޯދާފައެވެ.
މެޗުގެ ފަހު 15 މިނެޓު ތެރޭގައި އިކުއެޑޯގެ ފަރާތުން ގިނަ ހަމަލާތައް ފެނުނު ނަމަވެސް، އެ ޓީމަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކުރެވިފައެއް ނުވެއެވެ.
މި ނަތީޖާއާ އެކު ގްރޫޕްގެ އެއް ވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ ޗިލީއެވެ. ދެވަނައިގައި ހަތަރު ޕޮއިންޓާ އެކު އުރުގުއޭ އޮތްއިރު، ތިންވަނައިގައި އެއް ޕޮއިންޓާ އެކު އޮތީ ޖަޕާނެވެ. އަދި ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ އިކުއެޑޯއެވެ.
ގްރޫޕްގައި ހިމެނޭ ހަތަރު ޓީމަށް ވެސް ބާކީ އެއް މެޗު އެބައޮތެވެ. އެގޮތުން ހޯމަ ދުވަހުގެ ރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޗިލީ އަދި އުރުގުއޭއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ އިކުއެޑޯ އަދި ޖަޕާނެވެ. މި ދެ މެޗު ވެސް ކުޅޭނީ އެއް ގަޑިއެއްގައެވެ.
މުބާރާތް ރޭވިފައިވާ ގޮތުން ގްރޫޕްގައި ހިމެނޭ ހަތަރު ޓީމުގެ ތެރެއިން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނީ ގަދަ ދެޓީމަށެވެ. ތިންވަނަ ޓީމު ދެވަނަ ބުރަށް ދިޔުމަށް ކޮލިފައިން ކުޅެން ޖެހޭއިރު، ފުލަށްދާ ޓީމު ކަޓާނެއެވެ.