އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން ކަމަށާއި އެ ފަރާތްތަކުން ދައްކަނީ ޒިންމާދާރުކަން ކުޑަ ވާހަކަ ތަކެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުރަހީމް އަބްދުއްﷲ ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އަބްދުއްރަހީމް ވިދާޅުވީ، ސައުދީ އަރަބިއްޔާ އަކީ ރާއްޖެފަދަ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވާ އިރު، އެ ގައުމުގެ ރަސްގެފާނަކު ފުރަތަމަ ފަހަރަށް ރާއްޖެއަށް ވަޑައިގަންނަވާ ދަތުރުފުޅަށް ހުރަސް އަޅައި، ގައުމު ހަލަބޮލި ކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.
ފ އަތޮޅު ޕްރޮޖެކްޓު ކުރިއަށްދާނެގޮތް ރައީސް އަބްދުﷲ ޔާމީން ކިޔާދީފައިވާ އިރު ވެސް ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމު ވިދާޅުވީ، 2018 ވަނަ އަހަރު ގެއްލިގެންދާނެހެން ހީވުމުން ގައުމު ހަލަބޮލިކަން އުފައްދަން އިދިކޮޅު ފަރާތްތަކުން މިހާރު މަސައްކަތް ފަށާފައިވާ ކަމަށާއި އެއީ އެއްވެސް ހާލެއްގާ ގައުމަށް ހެޔޮއެދޭ ބައެއް ނޫން ކަމަށެވެ.
" އަޅުގަނޑުމެންނާ އަޅާ ނުކިޔޭވަރުގެ މުއްސަނދި ގައުމެއް ސައުދީ އަރަބިއްޔާ އަކީ. އެ ތަނުގެ ރަސްގެފާނަކު މި ގައުމަށް ވަޑައިގަންނަވާތީ އެކަމާ ކަންބޮޑުވާންވީއެއް ނޫން. އެކަމާ އުފާކުރަން ޖެހޭނީ." އަބްދުއް ރަހީމު ވިދާޅުވި އެވެ.
އެފަދަ ރަސްކަލަކު ރާއްޖެވަޑާއިގަންނަވާ އިރު މަރުހަބާ ދެންނެވުމަކީ ގައުމުގެ ހުރިހާ ރައްޔިތުންގެ މައްޗަށް ވާޖިބެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ފ އަތޮޅު ވިއްކާލުމާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، މިކަމާ ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީން އެންމެ ފަހުން ވިދާޅުވީ، ފ. އަތޮޅަށް ގެނައުމަށް ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ އަގުބޮޑު މިކްސްޑް ޑިވެލޮޕްމަންޓް މަޝްރޫޢެއް ކަމަށާއި، އެކަމާ ގުޅޭ ތަފްޞީލް ހާމަކުރެވޭ ވަރަށް މަޝްވަރާތައް ކުރިއަށް ދިއުމުން އެ ތަފްޞީލު ހާމަ ކުރައްވާނެ ކަމަށެވެ.
މި މަޝްރޫއުގެ އަގު ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.