ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހުކޮށް، އެކުލަވާލުމަށް ކަނޑައެޅި ކޮމެޓީގެ މަސައްކަތްތައް ކުރިއަށްނުދާތީ، އެ ކޮމެޓީގެ މެންބަރު މާރިއާ އަހުމަދުދީދީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދަށް ފާޑު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މަންޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދުދީދީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުއަށް ބުރާސްފަތި ދުވަހު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލިސް ފެށުމާއެކު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އެކުލަވާލުމަށް މަޖިލީހުން ކޮމެޓީއެއް އުފެއްދި ކަމަށެވެ.
ކޮމެޓީގެ މެންބަރެއްހެ ހައިސިއްޔަތުން އެމްޑީޕީގެ މެންބަރު މާރިޔާ ވިދާޅުވީ، އެ ކޮމެޓީ އެކުލަވާލިތާ ތިން އަހަރު ހަމަވާންދާއިރު އަދިވެސް ކޮމެޓީގެ މަސައްކަތްތައް ނިންމާނުލެވި ދިގުލައިގެން ގޮސްފައިވާ ކަމަށެވެ.
މާރިޔާ ވިދާޅުވީ އެ ކޮމެޓީގެ މަސައްކަތްތައް ދިގުލައި ނުނިމި ވަނީ އެ ކޮމެޓީގެ އަޣްލަބިއްޔަތު އޮތް ޕީޕީއެމް މެންބަރުންނާއި އެ ކޮމެޓީގެ މުގައްރިރާއި މަޖިލީހުގެ ރައީސާ ގުޅިގެން ކުރައްވަމުންގެންދަވާ ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ.
މީގެއިތުރުން މާރިއާ ވިދާޅުވީ ހަގީގަތުގައި ވެސް މިހާރު މަޖިލީސް ހިންގަމުންދަނީ ގަވާއިދެއްނެތި ކަމަށާއި މަޖިލީހުގެ ރައީސް މަޖިލިސް ހިންގަވަމުން ގެންދަވަނީ އެމަނިކުފާނު ހިތައްއަރާވަޑައިގެންނެވި ގޮތަކަށް ކަމަށެވެ.
މާރިއާ ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި މަޖިލީހުގެ ރައީސް މަސީހަށް އެކިގޮތްގޮތުން ކޮމެޓީގެ ބައްދަލުވުމެއް ބާއްވާދެއްވުމަށް ދެންނެވި ނަމަވެސް، ކޮމެޓީގެ ބައްދަލުވުމެއް ނުބޭއްވޭތާ ގިނަ ދުވަސް ތަކެއްވެފައިވާ ކަމަށެވެ.
މަޖިލީހުގެ އަގުވައްޓާލާ ޚަރާބުކޮށްލުމަށް ހިންގާ ހުތުރު އަމަލުތަކުގައި ބައިވެރިވުމަށް ބޭނުންނުވާތީ، މަޖިލީހުގެ ގަވާއިދު އިސްލާހު ކުރާކޮމެޓީގެ ނަމުގައި ހަދާފައިވާ ކޮމެޓީން އިސްތިއުފާ ދެއްވާކަމަށް މާރިއާގެ އެ ސިޓީގައި ވިދާޅުވެފައި ވެއެވެ.