Advertisement
ކ. މާލެ
|
2 މާރޗް 2017 | ބުރާސްފަތި 17:25
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަރާތުން ޖޭއެސްސީއަށް މެންބަރަކު ކަނޑަނާޅާތާ ހަމަސް ދުވަސް، މިމަހު 7 ވާނެ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަރާތުން ޖޭއެސްސީއަށް މެންބަރަކު ކަނޑަނާޅާތާ ހަމަސް ދުވަސް، މިމަހު 7 ވާނެ
މުހައްމަދު ޝަރުހާން
ޖޭއެސްސީގެ މެންބަރުކަން
ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް
ހަމަހަށްވުރެ ގިނަ ދުވަސް ވެއްޖެ
ލަސްވަމުންދާ ސަބަބެއް ނޭނގޭ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާ ހައިކޯޓުގެ ފަނޑިޔާރުގެ މަގާމުގެ ދައުރު ހަމަވެ، އިތުރު ފަނޑިޔާރަކު ކަނޑަނޭޅި ހަމަސް ދުވަސް ވެއްޖެއެވެ.

 

ޖޭއެސްސީގެ ގާނޫނުގައިވާ ގޮތުން އެ ކޮމިޝަންގެ މެންބަރެއްގެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަންކުރަންޖެހެ އެވެ.

 

މީގެ ކުރިން ޖޭއެސްސީގައި ހައިކޯޓު ތަމްސީލް ކުރެއްވީ ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ނަމަވެސް ފަނޑިޔާރު އަބްދުﷲ ހަމީދުގެ ދައުރު ވަނީ ހަމަވެފައެވެ.

 

ޖޭއެސްސީގެ ގާނޫނުގައި ބުނެފައިވާ ގޮތުން އެ ކޮމިޝަނަށް އައްޔަންކުރައްވާ ހައިކޯޓުގެ ފަނޑިޔާރަށް މެންބަރުކަމުގައި ހުންނެވޭނީ ފަސް އަހަރުގެ އެއް ދައުރަށެވެ.

 

ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރެއްވީ 7 ސެޕްޓެމްބަރު 2011 ގައެވެ. އަދި ގާނޫނުގައި ބުނާ ފަސް އަހަރުގެ އެއް ދައުރު ހަމަވެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ.

 

ހައިކޯޓުން ޖޭއެސްސީއަށް ކަނޑައަޅާ ފަނޑިޔާރު ހޮވަނީ ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައި ބާއްވާ އިންތިހާބަކުންނެވެ.

 

ހައިކޯޓުގެ ފަނޑިޔާރަކު ޖޭއެސްސީއަށް އައްޔަން ކުރުމާ ގުޅޭ ގޮތުން އެ ކޯޓުގެ ބަހެއް ހޯދުމަށް މީޑިއާ އޮފިޝަލަށް ގުޅާލުމުން ވިދާޅުވީ، އެކަމާ ގުޅޭގޮތުން އެއްޗެއް ދަންނަވަން އެނގޭނީ އެކަން ގޮސްފައިއޮތް ހިސާބެއް ބަލާލުމަށް ފަހުގައި ކަމަށެވެ.

 

މިހިނގާ މާޗު މަހުގެ ހަތްވަނަ ދުވަހަށް ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރާތާ ހަމަސް ދުވަސްވާއިރު، އެކަމާ ގުޅޭގޮތުން ޖޭއެސްސީން އަދި ހައިކޯޓުން ވެސް އެއްވެސް މައުލޫމާތެއް އާންމުކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
- ކޮމެންޓް