ކ. މާލެ
|
20 ޖޫން 2019 | ބުރާސްފަތި 16:10
ހުއާން މަޓާ
ހުއާން މަޓާ
ގެޓީ އިމޭޖަސް
ހުއާން މަޓާ
ޔުނައިޓެޑުގެ އެއްބަސްވުން މަޓާ އާކޮށްފި
 
މަޓާ އެއްބަސްވުން އާކުރީ 2021 ގެ ނިޔަލަށް

މެންޗެސްޓާ ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުން ސްޕެއިންގެ މިޑްފިލްޑަރ ހުއާން މަޓާ އާކޮށްފިއެވެ.

އުމުރުން 31 އަހަރުގެ މަޓާ ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފައިވަނީ 2021 ވަނަ އަހަރުގެ ނިޔަލަށެވެ.

އާ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މަޓާ ބުނީ، ކްލަބާއެކު ފަސް އަހަރު ހޭދަކުރެވިފައިވާ ކަމަށާއި، އޯލްޑް ޓްރަފޮޑްއަކީ ގެކަމަށް ފަހުރުވެރިކަމާއެކު ބުނެވިދާނެ ކަމަށެވެ.

ޔުނައިޓެޑުގެ ކޯޗު ސޯލްޝެއާ ބުނީ، އޭނާއާއެކު މަސައްކަތްކުރި ކުޅުންތެރިންގެ ތެރެއިން މަޓާއަކީ ވަރަށް ގާބިލު ކުޅުންތެރިޔެއް ކަމަށާއި، އޭނާއަކީ ވަރަށް ހުނަރުވެރި މޮޅު ކުޅުންތެރިޔެއް ކަމަށެވެ. އެގޮތުން ސޯލްޝެއާ ބުނީ، މަޓާގެ ތަޖުރިބާއާއެކު ގިނަ ކުޅުންތެރިންނަށް ކަންކަން ދަސްވާ ކަމަށާއި، ކުރިޔަށް ހުރި ސީޒަންތަކުގައި މަޓާގެ ބޭނުން ޓީމަށް ހިފޭނެ ކަމަށެވެ.

ރެއާލް މެޑްރިޑްގެ ޒުވާން ޓީމުން 2006 ވަނަ އަހަރު ކެރިއަރު ފެށި މަޓާ ވަނީ ވެލެންސިއާ އަދި ޗެލްސީ އަށް ވެސް ކުޅެފައެވެ.

މަޓާ ވަނީ ވެލެންސިއާ އަށް ކުޅުނު 174 މެޗުގައި 46 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ވެލެންސިއާއާ އެކު ކޮޕާޑެލްރޭ ވެސް އެއް ފަހަރު ކާމިޔާބު ކޮށްފައެވެ. ޗެލްސީއަށް ކުޅުނު 135 މެޗުގައި 33 ލަނޑު ކާމިޔާބު ކޮށްފައިވާ މަޓާ ވަނީ އެ ކްލަބާއެކު އެފްއޭ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔުއެފާ ޔޫރޮޕާ ލީގު ވެސް ކާމިޔާބުކޮށްފައެވެ.

ޗެލްސީ ދޫކޮށް މަޓާ ޔުނައިޓެޑަށް ބަދަލުވީ 2013 ވަނަ އަހަރެވެ. މިހާތަނަށް ޔުނައިޓެޑަށް ކުޅުނު 218 މެޗުގައި 45 ލަނޑު ކާމިޔާބުކޮށްފައިވާ މަޓާ ވަނީ ޔުނައިޓެޑާއެކު އެފްއޭ ކަޕް، ލީގު ކަޕް، އެފްއޭ ކޮމިއުނިޓީ ޝީލްޑް އަދި ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

ސްޕެއިން ގައުމީ ޓީމަށް 41 މެޗުގައި 10 ލަނޑު ކާމިޔާބުކޮށްފައިވާ މަޓާ ވަނީ ސްޕެއިންގެ 19 އަދި 21 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯ ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް