ކ. މާލެ
|
20 ޖޫން 2019 | ބުރާސްފަތި 10:23
ހަމަލާދިން އަލް ނޫރް މިސްކިތް
ހަމަލާދިން އަލް ނޫރް މިސްކިތް
ކްރައިސްޗާޗް ހަމަލާ
އާންމުން އަތުގައި ހުރި ބަޑި ގަތުމުގެ ޕްރޮގްރާމެއް ނިއު ޒިއުލޭންޑުން ފަށައިފި
މި ޕްރޮގްރާމަށް 137.6 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓެއް ކަނޑައަޅާފައިވޭ
ސްކީމް ކުރިޔަށް ދާނީ ހަ މަސް ވަންދެން

ކްރައިސްޗާޗް ހަމަލާއާ ގުޅިގެން ފެށި ހަތިޔާރު ގެންގުޅުން ހުއްޓުވުމުގެ މަސައްކަތުގެ ތެރެއިން، އާންމުން އަތުގައި ހުރި ބަޑިތައް އަނބުރާ ގަތުމުގެ ޕްރޮގްރާމެއް ނިއުޒިލެންޑުން ފަށައިފިއެވެ.

ނިއު ޒިލެންޑު ސަރުކާރުން މިކަމަށް 208 ނިއު ޒިލެންޑް ޑޮލަރު (136.7 އެމެރިކާ ޑޮލަރު) ގެ ބަޖެޓެއް ކަނޑައަޅާފައިވާ އިރު، މި ޕްރޮގްރާމްގެ ދަށުން ގަންނަން ހަމަޖެހިފައިވަނީ ސެމީ-އޮޓޮމެޓިކް ހަތިޔާރު އެކަންޏެވެ. ނިއު ޒިލެންޑުން ވަނީ އެ ޒާތުގެ ހަތިޔާރު ގެންގުޅުން މަނާކޮށްފައެވެ.

މި ސްކީމްގެ ދަށުން ސަރުކާރުން ގަންނާނީ ހަމައެކަނި ހުއްދަ ނަގައިގެން ގެންގުޅޭ ބަޑި އެކަންޏެވެ. ސްކީމް ދިގުދެމިގެން ދާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހާ ހަމަޔަށެވެ. މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ނިއު ޒިލެންޑުގެ މިނިސްޓަރ އޮފް ޕޮލިސް ސްޓުއަރޓް ނޭޝް ވިދާޅުވީ މި ސްކީމްގެ މައިގަނޑު މަގްސަދަކީ ނުރައްކާތެރި ހަތިޔާރު ދައުރުވުން ހުއްޓުވުން ކަމަށެވެ.

މި ސްކީމްގެ ބައިވެރިވާ ފަރާތްތަކުގެ އަތުން އެތަކެތީގެ އަސްލު އަގުގެ 95 އިންސައްތަ ލިބޭނެއެވެ. ފުލުހުން އަންދާޒާކުރާ ގޮތުގައި، މަނާކުރެވިފައިވާ ޒާތުގެ 14300 ބަޑި ނިއު ޒިލެންޑުގައި ގެންގުޅެއެވެ. އޭގެ ތެރެއިން މިހާތަނަށް 700 ބަޑި އަނބުރާ ދީފައިވާ އިރު، އިތުރު 5000 ބަޑި ފުލުހުންނާ ހަވާލުކުރުމަށް ރަޖިސްޓްރީ ކޮށްފައިވެއެވެ.

މި އަހަރުގެ މާޗް މަހުގެ ތެރޭގައި ނިއު ޒިލެންޑުގެ ކްރައިސްޗާޗުގައި ދިން ހަމަލާގައި، އޮސްޓްރޭލިޔާގެ ރައްޔިތެއް ކަމުގައިވާ ބްރެންޓަން ޓަރަންޓް ވަނީ ދެ މިސްކިތަކަށް ހުކުރު ވަގުތު ހަމަލާދީ 51 މީހަކު މަރާލާފައެވެ. އޭނާ ވަނީ މުޅި މި ރަހުމްކުޑަ ހަމަލާ ފޭސްބުކް ލައިވްސްޓްރީމް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާފައެވެ.

ޓަރަންޓްގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ 51 ދައުވާއާއި، މީހަކު މަރާލަން އުޅުމުގެ 40 ދައުވާ އަދި ޓެރަރިޒަމްގެ އެއް ދައުވާ އުފުލާފައިވެއެވެ. އޭނާ ވަނީ އޭނާގެ ވަކީލު މެދުވެރިކޮށް މި ހުރިހާ ދައުވާއަކަށް އިންކާރުކޮށްފައެވެ.

- ކޮމެންޓް