ކޮޕަ އެމެރިކާގައި ކޮލަމްބިއާ ދެވަނަ ބުރުން ޖާގަ ހޯދިއިރު، އާޖެންޓީނާ އެއްވަރުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރޭ ގްރޫޕް ބީގައި ކުޅުނު މެޗުން ކޮލަމްބިއާ މޮޅުވީ ގަތަރާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ކޮލަމްބިއާއިންނެވެ. އެގޮތުން އެ ޓީމުން ވަނީ ގަތަރުގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތުތައް ތަނަވަސްކޮށްފައެވެ.
މި ހާފްގައި ގަތަރަށް ވެސް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައިވާއިރު، އެ ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.
ދެވަނަ ހާފް ފެށިގެން ވެސް ކޮލަމްބިއާގެ ފަރާތުން އެޓޭކިންގ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ލަނޑު ޖެހުމަށް ވެސް ފުރުސަތުތަކެއް ވަނީ ލިބިފައެވެ. މި ހާފްގައި ވެސް ގަތަރަށް ވަނީ މަދުން ނަމަވެސް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 86 ވަނަ މިނެޓުގައި ކޮލަމްބިއާއަށް ކާމިޔާބުކޮށްދިނީ ހަމޭސް ރޮޑްރިގޭޒްގެ އެހީތެރިކަމާއެކު ޒަޕާޓާއެވެ.
މި ގްރޫޕްގައި ހިމެނޭ އާޖެންޓީނާ އަދި ޕެރެގުއޭ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ލަނޑު ޖެހުމަށް ވެސް ދެ ޓީމަށް ވެސް ވަނީ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޕެރެގުއޭއިންނެވެ. މި ލަނޑު 37 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ސަންޗޭޒްއެވެ. މި ލަނޑަށް ފަހު ވެސް ޕެރެގުއޭއަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި ހާފްގައި އާޖެންޓީނާގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔައިރު، ޕެރެގުއޭއިން ވަނީ މޮޅު ޑިފެންސެއްކޮށް އާޖެންޓީނާގެ ހަމަލާތައް ދިފާއުކޮށްފައެވެ.
ދެވަނަ ހާފް ފެށިގެން އާޖެންޓީނާއިން ކުޅުން އިތުރަށް ވަރުގަދަކޮށްފައިވާއިރު، 57 ވަނަ މިނެޓުގައި އެޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ކެޕްޓަން ލިއޮނެލް މެސީއެވެ.
މެޗުގެ ފަހު 15 މިނެޓު ތެރޭގައި ދެ ޓީމަށް ވެސް ވަނީ ލީޑު ނެގުމަށް ގިނަ ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ދެ ޓީމަށް ވެސް އެންމެ އެދެވޭ ގޮތެއްގައި ބޭނުން ކުރެވިފައެއް ނުވެއެވެ.
މި ނަތީޖާއާ އެކު ގްރޫޕްގެ އެއްވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު ކޮލަމްބިއާއެވެ. އެ ޓީމު ވަނީ ބާކީ އެއް މެޗު އޮއްވައި ދެވަނަ ބުރުން ޖާގަ ހޯދާފައެވެ. ދެ ޕޮއިންޓާ އެކު ދެވަނައިގައި ޕެރެގުއޭ އޮތްއިރު، ތިންވަނައިގައި އޮތީ އެއް ޕޮއިންޓާ އެކު އޮތީ ގަތަރެވެ. އަދި ފުލުގައި އޮތީ ގަތަރާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން އާޖެންޓީނާއެވެ.