މެލޭޝިއާގައި ބާއްވާ ޓީ ޓުވެންޓީ އިންޓަނޭޝަނަލް ޓްރައި ސީރީޒްއަށް ތައްޔާރުވުމުގެ ގޮތުން މިވަގުތު އެ ގައުމުގައި ކޭމްޕް ކުރަމުން އަންނަ ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެއެވެ.
ބުދަ ދުވަހު މެލޭޝިއާ ޕްރެޒިޑެންޓްސް އެކްސައިއާ ދެކޮޅަށް ކުޅުނު މެޗު ރާއްޖެއިން ކާމިޔާބުކުރީ ފަސް ވިކެޓުންނެވެ.
މެޗުގައި ފުރަތަމަ ކުޅެން އަރާ މެލޭޝިއާ ޕްރެޒިޑެންޓްސްއިން ވަނީ 20 އޯވަރު ތެރޭގައި 8 ކުޅުންތެރިން ނުބައިވެ، 105 ލަނޑު ހަދާފައެވެ. ޖަވާބުގައި ރާއްޖެއިން ވަނީ ކުޅެން އަރާ 18.2 އޯވަރު ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 109 ލަނޑު ހަދާ މެޗު ކާމިޔާބުކޮށްފައެވެ.
ތިން ޓީމު މެދުގައި ކުރިޔަށްދާ މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން މެލޭޝިއާގެ ކިންނާރާ އޯވަލް ކްރިކެޓް ސްޓޭޑިއަމްގައި ތަމްރީންތައް ފުރިހަމަކުރަމުންދާއިރު، އިތުރު ރަހުމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މި މަހުގެ 24 އިން 29 ގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތުގައި ރޭންކިންގެ 72 ވަނައިގައި އޮތް ރާއްޖޭގެ އިތުރުން ވާދަކުރަނީ ރޭންކިންގެ 33 ވަނައިގައި އޮތް މެލޭޝިއާ އަދި ރޭންކިންގެ 55 ވަނައިގައި އޮތް ތައިލޭންޑެވެ.
މި މުބާރާތަށް ފުރި ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަނަކީ މުހައްމަދު މަހުފޫޒެވެ. އަދި ވައިސް ކެޕްޓަނަކީ ޝަފްރާޒް ޖަލީލެވެ. ޓީމުގެ ކޯޗަކީ ދެކުނު އެފްރިކާގެ އާސިފް ހާން އެވެ.