ފ. ނިލަންދޫގައި ހަރަކާތްތެރިވަމުންދިޔަ މޯލްޑިވްސް އިންޑިޕެންޑެންޓް ނޫހުގެ ދެ ނޫސްވެރިންނަށް އެ ރަށު މީހުންތަކެއް ބިރުދެއްކުމުން ފުލުހުންގެ ހިމާޔަތް ހޯދައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހިމާޔަތް ހޯދާފައިވަނީ މޯލްޑިވްސް އިންޑިޕެންޑެންޓްގެ ހަސަން މުހައްމަދާއި ހަސަން މޫސާ އެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓް އިން މައުލޫމާތު ދޭ ގޮތުގައި ފ. އަތޮޅު ނިލަންދޫގައި ހަރަކާތްތެރިވަމުންދިޔަ ދެ ނޫސްވެރިންނަށް ބުދަ ދުވަހުގެ ރޭ ބަޔަކު ބިރުދެއްކުމުން ހިމާޔަތް ހޯދުމަށް ޕޮލިސް ސްޓޭޝަނަށް ދިޔަ ކަމަށެވެ. އަދި އެހާ ހިސާބުން ދެ ނޫސްވެރިންގެ ފޯނު ވެސް ނިއްވާލާފައިވާ ކަމަށް އެ ނޫހުން މައުލޫމާތުދެ އެވެ.
ަފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާހައުލު ރައްކާތެރި ނޫން ކަމަށް ބުނެ އަމިއްލަ އަށް އެދިގެން ނިލަންދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމުން އެ ދެ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ. ނަމަވެސް ބިރު ދެއްކި މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ނުދެ އެވެ. އެމީހުން ހައްޔަރުކުރި ކަމެއް ނުވަތަ ނޫން ކަމެއް ވިދާޅެއް ނުވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ ނޫސްވެރިން ނިލަންދޫ އަށް ދިޔައީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އަދި އެ ރަށުގެ ގިނަ އަދަދެއްގެ މީހުންގެ އިންޓަވިއުތަކެއް ނަގާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
އެ އިންޓަވިއުތައް ނެގުމުން އެ ރަށުގެ ބައެއް މީހުން ދެ ނޫސްވެރިންނަށް މަގުމަތިން ދިމާކޮށް ބިރުދައްކައި، އެ ރަށުން ފޭބުމަށް އިންޒާރު ވަނީ ދީފަ އެވެ.
މިހާރުވެސް އެ ދެ ނޫސްވެރިން ތިބީ ނިލަންދޫ ޕޮލިސް ސްޓޭޝަނުގަ އެވެ.