މީގެ 10 އަހަރު ކުރިން 2001 ވަނަ އަހަރުގެ އޭޕްރީލް މަހު ވިޔަފާރިވެރިންގެ ޖަމިއްޔާ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ގއ. މާމެންދޫ ޖަވާހިރުމާގެ އަޒްލީނާ ނަފީސް މަރާލި ހާދިސާގެ މައްޗަށް ބިނާކޮށް ހަދާ ފިލްމު ''ލީނާ'' ޖުލައި މަހު 23 ގައި ސިނަމާގައި އެޅުމަށް ހަމަޖެހިއްޖެއެވެ.
އަބްދުﷲ މުއާޒް (މުއާ) ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ މިހާރު ނުނިމި ހުރީ ޑަބިންގެ މަސައްކަތެވެ. މުއާ ބުނީ، ފިލްމުގައި ހިމެނޭ ތިން ލަވައިގެ ތެރެއިން ދެ ލަވައިގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
އެ ހާދިސާ އަށް ފިލްމެއް ހަދަން ޝައުގުވެރިކަން އުފެދުނީ ސްކޫލުގައި އުޅުނު ދުވަސްވަރު ކަމަށް މުއާ ވަނީ ބުނެފައެވެ.
މުއާގެ ފުރަތަމަ ފީޗާ ފިލްމު "ލީނާ" ގެ ޓްރެއިލާ ނެރެފައިވަނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. ގިނަ ބަޔަކު ވަނީ އެ ޓްރެއިލާ ބަލާފައެވެ.
ޓްރެއިލާ އިން އައްޒަ، ނުޒުހަތު ޝުއައިބު (ނުޒޫ) އާއެކު ސަކަރާތް ޖަހާ މަންޒަރު ފެނިގެންދެއެވެ. ފިލްމުގައި ލީނާގެ ލޯބިވެރިޔާގެ ރޯލުން ފެނިގެން ދާނީ އަރަމުންނަ އަންނަ ދޮން އައްޔައެވެ.
އަދި ލީނާގެ ގާތިލް މުއާ (ޒުހޫރު) ވެސް ޓްރެއިލާއިން ފެނިގެންދެއެވެ. ޕޯސްޓަރުގައި މަރާލާފައި އޮންނަ އައްޒަ (ލީނާ) ފެންނައިރު އޭނާ އާ ތަންކޮޅެއް ދުރުގައި ކާކުކަން ނޭނގޭ ގޮތަށް ހިޔަންޏެއް ހުއްޓިގެން ހުރި ތަން ފެނެއެވެ.