Advertisement
ކ. މާލެ
|
2 މާރޗް 2017 | ބުރާސްފަތި 01:03
މަޖިލިސް މެމްބަރު ފައްޔާޒު އިސްމާއީލް
މަޖިލިސް މެމްބަރު ފައްޔާޒު އިސްމާއީލް
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް
ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
ފައްޔާޒު ހުށަހެޅި އިސްލާހު މަޖިލިސް ރައީސް މަސީހު ބޭރުކޮށްލާފައިވަނީ ހައިސިއްޔަތެއް ނެތްކަމަށް ވިދާޅުވެ

ސިއްހަތަށް ގެއްލުން ދޭ ތަކެތިން ރައްޔިތުން ދުރުކޮށް، އެކަމަށް ރައްޔިތުން ހޭލުންތެރެކުރުމަށްޓަކައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހިންގާ ހަރަކާތްތަކަށް، ފައިސާ ހޯދުމަށް ދުންފަތާއި ދުންފަތުގެ ބާވަތްތަކުންނާއި އެނާރޖީ ޑްރިންކުން ނެގޭ ޑިއުޓީން ފަސް ޕަސެންޓް ކަނޑައެޅުމަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

އެ އިސްލާހު ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލް އެވެ. ފައްޔާޒު އެ އިސްލާހު ހުށަހެޅުއްވީ ސިނގިރޭޓާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ހުށަހެޅި އިސްލާހު ގެނައުމުގެ ބިލާ ގުޅިގެން ނެވެ.

އެބިލަށް ފައްޔާޒު ހުށަހެޅުއްވި އިސްލާހުގައި ވަނީ ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި ދުންފަތުގެ ބަދަލު ބޭނުންކުރާ ބާވަތްތަކުން ނެގޭ ޑިއުޓީން ދައުލަތަށް ލިބޭ ޖުމްލަ އާމްދަނީގެ ފަސް ޕަސެންޓް، އެއީ ދުންފަތުގެ ސަބަބުން ލިބޭ ގެއްލުންތަކާއި ބެހޭ ގޮތުން އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުން ހިންގާ ހަރަކާތްތަކާއި ޕްރޮގްރާމްތަކަށް ޚަރަދުކުރުމަށް ހާއްސަ ކުރެވިފައިވާ ފައިސާކަމުގައި ކަނޑައަޅަންވާނެ ކަމަށެވެ. ހަމައެގޮތަށް އެނާރޖީ ޑްރިންކާއި ސޮޕްޓް ޑްރިންކުން ނެގޭ ޑިއުޓީއިން ދައުލަތަށް ލިބޭ ޖުމްލަ އާމްދަނީގެ ފަސް ޕަސެންޓް އެތަކެތިން ލިބޭ ގެއްލުންތަކާއި ބެހޭގޮތުން އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުން ހިންގާ ހަރަކާތްތަކާއި ޕްރޮގްރާމްތަކަށް ޚަރަދު ކުރުމަށް ހާއްސަ ކުރެވިފައިވާ ފައިސާކަމުގައި ކަނޑައަޅަންވާނެ ކަމަށް ވެސް ފައްޔާޒު ހުށަހެޅުއްވި އިސްލާހުގައި ވެއެވެ.

 

ފައްޔާޒު އެއިސްލާހު ހުށަހެޅުއްވިއިރު، އެބިލް ދިރާސާ ކުރި އިގްތިސާދީ ކޮމެޓީގައި ސިއްހަތާބެހޭ އިދާރާތަކުގެ އިސްވެރިންވަނީ ވަނީ ހޭލުންތެރިކަމުގެ ހަރާކާތްތައް ހިންގުމަށް ދައުލަތުން އެއްވެސް ބަޖެޓެއް ލިބިފައިނުވާ ކަމަށެވެ. ކަސްޓަމްސްއިން ބުނެފައިވަނީ ރާއްޖެ އެތެރެކުރާ ދުންފަތުގެ ބާވަތްތަކާއި ސިނގިރޭޓް އެތެރެކުރާ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށެވެ. އަދި ސިނގިރޭޓްގެ ޑިއުޓީގެ ގޮތުގައި މިދިއަ އަހަރު އެކަނިވެސް 622 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

 

ނަމަވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރުން އެބިލަށް ބަހުސް ކުރައްވަމުން ވިދާޅުވެފައިވަނީ ސިނގިރޭޓުންނާއި އެނާރޖީ އަދި ސޮޕްޓް ޑްރިންކުން ޑިއުޓީ ބޮޑުކުރަން ނިންމާފައިވަނީ ކޮންމެހެން ދައުލަތަށް އާމްދަނީ އިތުރު ކުރުމަށް ނޫން ކަމަށާއި ސިއްހަތަށް ގެއްލުންދޭ ތަކެތި ބޭނުންކުރުން ދުރުކުވުމަށް ކުރާ ކަމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް