ކުށުގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ ޝަރީއަތްތައް ހިންގުމަށް ޗައިނާއަށް ފޮނުވާލެވޭ ގޮތަށް (އެކްސްޓްރެޑޭޓް ކުރެވޭ ގޮތަށް) ހޮންގ ކޮންގގެ ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި ހުށަހެޅުން މަޑުޖައްސާލުމަށް ނިންމާފައިވާކަމަށް ހޮންކޮންގގެ ޗީފް އެގްޒެކްޓިވް ކެރީ ލެމް އިއުލާނުކުރައްވައިފިއެވެ.
ބިލާމެދު ނުރުހުން ފާޅުކޮށް މުޒާހަރާކުރުމުންވެސް އެކަމަނާ ކުރިންވަނީ ބިލް އަނބުރާ ގެންދަވަން ދެކޮޅު ހައްދަވާފައެވެ.
ކެރީ ލެމް ވަނީ ޚިޔާލުތަފާތުވުން ބޮޑު އެބިލް ދިފާއުކުރައްވައި އެއީ އެ ޓެރިޓަރީގެ މުސްތަގުބަލަށްޓަކައި ކޮންމެހެން ގެންނަންޖެހޭ ގާނޫނީ ބަދަލެއްކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ.
"ބިލްގެ ސަބަބުން މުޖުތަމައުގައި އެތައް ބައިބައިވުމެއް އުފެދިއްޖެ" ބިލުގައި އޮޅުން އެރުން ހުރިކަމަށް ފާހަގަކުރައްވައި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.
އެ ކަމަނާ ވިދާޅުވީ "މަޑުކޮށްލުމަށްފަހު ވިސްނާލުމަށް" ގޮވާލި ގޮވާލުމުގެ އަޑު އެކަމަނާގެ ސަރުކާރަށް އިވިވަޑައިގެންފައިވާކަމަށެވެ.
މީގެ އިތުރުން ގާނޫނުހަދާ މަޖިލީހުގެ ދައުރު މި އަހަށް ނިންމާލުުމުުގެ ކުރިން ބިލުގެ މަސައްކަތް ނިންމުމަށް ކޮންމެހެން ބޭނުންވި ހާލަތު މިހާރު ނެތްކަމަށެވެ.
ބިލުގެ މަަސައްކަތް ހުއްޓަވާލެއްވިކަން އިއުލާނުކުރައްވާފައި މިވަނީ އިތުރު މުުޒާހަރާއެއް އާދީއްތަ ދުވަހަށްވެސް ރާވާފައިވަނިކޮށެވެ.
ބިލުގެ މަސައްކަތް ހުއްޓާލާފައިވީ ނަމަވެސް މަސައްކަތް އަލުން ފަށާނެ ތާރީޚެއް ހޮކޮންގ ސަރުކާރުން އިއުލާނެއް ނުކުރެއެެވެ.
ހޮންގ ކޮންގއަކީ ޗައިނާގެ ހާއްސަ އިދާރީ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ ގައުމެކެވެ.
އިނގިރޭސިންގެ އިސްތިއުމާރުގެ ދުވަސްވަރު, ސަތޭކަ އަހަރުގެ އެއްބަސްވުމެއްގެ ދަށުން އެ މީހުންގެ ދަށުގައި އޮތުމަށް ފަހު، އެ ސަރަހައްދު އަނބުރާ ޗައިނާއާ ހަވާލުކުރެވުނީ 1997 ވަނަ އަހަރުގެ ތެރޭގައެވެ.
ޗައިނާގެ ހާއްސަ އިދާރީ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައި އޮތުމުން، ހޮންގ ކޮންގއަށް ވަނީ އަމިއްލަ ސަރުކާރުގެ ހިންގުމުގެ ނިޒާމަކާއި އިގްތިސާދެއް ހިންގުމުގެ މިނިވަންކަން ދީފައެވެ.