ކޮޕަ އެމެރިކާގައި ބޮލީވިއާ ބަލިކޮށް ބްރެޒިލް އިން ފެށުން ރަނގަޅުކޮށްފިއެވެ.
ބްރެޒިލްއިން ބޮލީވިއާގެ މައްޗަށް ކުރި ހޯދީ 0-3 ގެ ނަތީޖާއަކުންނެވެ.
ބްރެޒިލްގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އެ ޓީމުންނެވެ. އެގޮތުން ލަނޑު ޖެހުމަށް ވެސް އެ ޓީމުން ވަނީ ގިނަ ފުރުސަތުތައް މި ހާފްގައި ތަނަވަސްކޮށްފައެވެ.
ފުރަތަމަ ހާފްގައި ލީޑު ނެގުމަށް އެންމެ ރަނގަޅު ފުރުސަތު ލިބުނީ ބްރެޒިލްގެ ތިއާގޯ ސިލްވާ އަދި ރޮބާޓޯ ފިރްމީނޯއަށެވެ. އަދި ފިލިޕޭ ކުޓީނިއޯ އަށް ވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތު ލިބި ބޭކާރުވެފައެވެ.
ދެވަނަ ހާފް ފެށިގެން ބްރެޒިލް އިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު 50 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކުޓީނިއޯއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ.
ބްރެޒިލްއިން ލީޑު ފުޅާކުރީ 53 ވަނަ މިނެޓުގައެވެ. މި ލަނޑުވެސް ކާމިޔާބުކުރީ ކުޓީނިއޯއެވެ. ކުޓީނިއޯ މި ލަނޑު ކާމިޔާބުކުރީ ފިރްމީނޯގެ އެހީތެރިކަމާ އެކު ގައެވެ.
މެޗު ނިމުމުގެ ކުރިން ބްރެޒިލްގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ފެނާންޑީނިއޯގެ އެހީތެރިކަމާއެކު ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އެވަޓަންއެވެ.
މުބާރާތުގައި ބްރެޒިލް ދެން ނިކުންނާނީ އަންގާރަ ދުވަހު ވެނެޒުއޭލާއާ ދެކޮޅަށެވެ. ހަމަ އެދުވަހު ބޮލީވިއާ ނިކުންނާނީ ޕެރޫއާ ދެކޮޅަށެވެ.