ރެއާލް މެޑްރިޑުގައި އެ ކްލަބުގެ ފޯވާޑް ކަރިމް ބެންޒެމާއާއެކު ކުރިޔަށް ކުޅެވޭނެކަމަށް ލޫކާ ޖޮވިކް ބުނެފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެމުން ރެއާލްއާ ދާދިފަހުން ގުޅުނު ފޯވާޑް ބުނީ، ބެންޒެމާ ރެއާލްއާ ގުޅުނީ އޭނާގެ އުމުރުން 11 އަހަރުގައި ކަމަށާއި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނޭކަމަށެވެ.
އެގޮތުން ޖޮވިކް ބުނީ، ބެންޒެމާގެ ފަރާތުން ގިނަ ކަންކަން ދަސްވާނެ ކަމަށާއި، އޭނާއާއެކު ކުރިޔަށް ކުޅެވޭނެ ކަމަށެވެ. ނަމަވެސް ޖޮވިކް ބުނީ، ގޮތް ނިންމާނީ ކޯޗު ޒައިނުއްދީން ޒިދާން ކަމަށެވެ.
މީގެއިތުރުން ޖޮވިކް ބުނީ، އެހެން ކްލަބަކުން އޭނާ ހޯދަން މަސައްކަތް ކުރިކަން ނޭނގޭ ކަމަށާއި، ރެއާލްއަށް ބަދަލުވީ އެ ކްލަބުން ހުށަހެޅުމުން ވަރަށް ކުއްލި ގޮތަކަށް ކަމަށެވެ.
ޖޮވިކް ރެއާލްގައި ކުޅޭނެ ޖޯޒީ ނަމްބަރ އަދި ކަށަވަރުނުވާއިރު، އޭނާ ބުނީ ނަމްބަރ އަކީ މުހިންމު އެއްޗެއް ނޫން ކަމަށެވެ. އަދި އޭނާ ބުނީ ކޮންމެ ނަމްބަރެއް ލިބުނަސް އޭނާއަށް ފަރުވާލެއް ނެތް ކަމަށެވެ.
އުމުރުން 21 އަހަރުގެ ޖޮވިކް ރެއާލްއަށް ސޮއިކޮށްފައިވަނީ 70 މިލިއަން ޔޫރޯގެ ޓްރާންސްފާއެއްގެ ދަށުން ހަ އަހަރަށެވެ.
ސާބިއާގެ ރެޑް ސްޓާއިން 2012 ވަނަ އަހަރު ކެރިޔަރު ފެށި ޖޮވިކް ވަނީ ބެންފީކާއަށްވެސް ކުޅެފައެވެ. އޭނާ ވަނީ ރެޑް ސްޓާއާއެކު ސާބިއަން ސުޕަލީގް ކާމިޔާބުކޮށްފައެވެ.
ބެންފީކާގެ ޔޫތު ޓީމަށްވެސް މެޗުތަކެއް ކުޅެ ލަނޑުތަކެއްވެސް ކާމިޔާބުކޮށްފައިވާ ޖޮވިކް ވަނީ އެ ކްލަބުގެ ސީނިއާ ޓީމަށް ހަތަރު މެޗު ކުޅުމުގެ އިތުރުން، އެ ކްލަބާއެކު ދެ ލީގު ތަށި ހޯދާފައެވެ.
ލޯން އެއްބަސްވުމެއްގެ ދަށުން 2017 ވަނަ ސީޒަނުގައި ފްރެންކްފާޓްއަށް ބަދަލުވި ޖޮވިކް ވަނީ އެ ކްލަބާއެކު ޖަރުމަން ކަޕް ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ އެ ކްލަބަށް ކުޅުނު 75 މެޗުގައި 36 ލަނޑު ކާމިޔާބުކޮށްފައެވެ.
ސާބިއާ ގައުމީ ޓީމަށް ހަތަރު މެޗު ކުޅެ އެއް ލަނޑު ކާމިޔާބުކޮށްފައިވާ ޖޮވިކް ވަނީ އެ ސާބިއާގެ އެކި އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށްވެސް ކުޅެފައެވެ.