Advertisement
ކ. މާލެ
|
1 މާރޗް 2017 | ބުދަ 20:33
އިގްތިޞާދީ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި އެޗްޕީއޭ އާއި ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ އިސްވެރިން
އިގްތިޞާދީ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި އެޗްޕީއޭ އާއި ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ އިސްވެރިން
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރުމަށް މަޖިލީހުން ފާސްކޮށްފި
ދުންފަތާއި އެނާރޖީ ޑްރިންކް ބޭނުންކުރުމުން ރައްޔިތުން ހޭލުންތެރި ކުރުމަށް ޑިއުޓީގެ 5 ޕަސެންޓް ކަނޑައަަޅަން ހުށަހެޅި އިސްލާހު ވަނީ ބޭރުކޮށްލާފަ
އެބިލަށް އަމަލު ކުރުމަށް އޮތީ އެބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވާ ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރާ ދުވަހުން ފެށިގެން

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސިނގިރޭޓާއި އެނާޖީ ޑްރިންކް އަދި ސޮފްޓް ޑްރިންކުން ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެބިލް ފާސްކޮށްފައި ވަނީ 54 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އެބިލް ފާސްކުރުމަށް ނުފެންނަ ކަމަށް ހަތަރު މެމްބަރަކު ވޯޓް ދެއްވިއިރު، ވަކިގޮތަކަށް ވޯޓް ދެއްވަން ބޭނުންނުވާ ތިން މެމްބަރުން ތިއްބެވިއެވެ.

ސިނގިރޭޓާއި އެނާޖީ ޑްރިންކް އަދި ސޮފްޓް ޑްރިންކުން ޑިއުޓީ ބޮޑުކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ސަރުކާރު ކޯލިޝަނުގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރު އެވެ.

ސިނގިރޭޓާއި އެނާޖީ ޑްރިންކް އަދި ސޮފްޓް ޑްރިންކުން ޑިއުޓީ ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލްގައި ހުރި އަދަދުތަކަށް ވުރެ ބޮޑުކޮށް، ޑިއުޓީ ބޮޑު ކުރުމަށް އެބިލް ދިރާސާކުރި އިގްތިޞާދީ ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ. އިގްތިޞާދީ ކޮމެޓީން އެގޮތަށް ފާސްކޮށްފައިވަނީ މުޅި މަޖިލީހުގެ ކޮމެޓީން އެބިލް ދިރާސާކުރުމަށް އިގްތިޞާދީ ކޮމެޓީއަށް ފޮނުވުމުން ނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިޞާދީ ކޮމެޓީން އެބިލް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓްގައިވާ ގޮތުން ބޯފެނުގެ ޑިއުޓީ މިހާރު ވެސް އެކްސްޕޯޓް އިމްޕޯޓް ގާނޫނުގައިވާ ގޮތަށް 15 ޕަސެންޓް ނެގުމަށް ވަނީ ފާސްކޮށްފައެވެ. އަދި ސޮފްޓް ޑްރިންކާއި އެނާޖީ ޑްރިންކް ދެ ކެޓެގެރީއަކަށް ލުމަށް ފަހު، ސޮފްޓް ޑްރިންކުން ނަގަން ފާސްކޮށްފައިވަނީ ލީޓަރަކަށް 4.60ރ. އެވެ.

އެނާޖީ ޑްރިންކުން ނެގުމަށް ފާސްކޮށްފައިވަނީ ލީޓަރަކުން 33.64ރ. އެވެ. އެބިލް މަޖިލީހަށް ހުށަހެޅި އިރު އޮތީ، ސޮފްޓް ޑްރިންކާއި އެނާޖީ ޑްރިންކް އެއް ކެޓެގެރީއެއްގައެވެ.

ސިނގިރޭޓުން ޑިއުޓީގެ ގޮތުގައި 25 ޕަސެންޓް ނެގުމުގެ އިތުރުން، އެތެރެކުރާ ކޮންމެ ސިނގިރޭޓަކުން 2.00ރ. ނެގުމަށް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.

އިމްޕޯޓް އެކްސްޕޯޓް އިމްޕޯޓް ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ސިނގިރޭޓުން ޑިއުޓީ ނަގަމުންދަނީ 150 ޕަސެންޓްގެ އިތުރުން އެތެރެކުރާ ކޮންމެ ސިނގިރޭޓަކުން 90 ލާރި އެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލް ވަނީ ކޮމެޓީގެ އެރިޕޯޓަށް އިސްލާހު ހުށަހަޅުއްވާފަ އެވެ. އެއިސްލާހުގައި ވަނީ ދުންފަތާ އެނާރޖީ ޑްރިންކްގެ ޑިއުޓީން ފަސް ޕަސެންޓް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހިންގާ ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަކަށް ކަނޑައެޅުމަށެވެ. ނަމަވެސް އެއިސްލާހު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވަނީ ގާނޫނީ ހައިސިއްޔަތު ނެތްކަމަށް ވިދާޅުވެ މަޖިލީހުން ބޭރުކޮށްލާފަ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އިގްތިޞާދީ ކޮމެޓީން އެބިލް ދިރާސާ ކުރިއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މޯލްޑިވްސް ކަސްޓަމްސް ސާރވިސް އާއި ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ އިސްވެރިން ބައިވެރިވެވަޑައިގެން މައުލޫމާތު ހިއްސާކުރައްވާފައި ވެއެވެ.

ކަސްޓަމްސްއިން ބުނީ މިދިޔަ އަހަރު 497 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ރާއްޖެ އެތެރެކޮށްފައިވާއިރު، 2015 ވަނަ އަހަރު 460 މިލިއަން ސިނގިރޭޓް ރާއްޖެ އެތެރެކޮށްފައިވާ ކަމަށެވެ. އަދި ކޮންމެ އަހަރަކު ވެސް ސިނގިރޭޓް ރާއްޖެ އެތެރެކުރާ މިންވަރު އިތުރުވަމުންދާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން ބުނީ މިދިޔަ 2016 ވަނަ އަހަރު އެކަނިވެސް ދައުލަތަށް ސިނގިރޭޓްގެ ޑިއުޓީން 622 މިލިއަނަށް ވުރެއް ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ.

އެ ކޮމެޓީގައި ވާހަކަ ދައްކަވަމުން އެޗްޕީއޭ އާއި ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ އިސްވެރިން ވިދާޅުވެފައިވަނީ، ސިނގިރޭޓް ބުއިމުން ރައްޔިތުން ދުރުކޮށް، ހޭލުންތެރި ކުރުމަށް ހިންގުމަށް ހެލްތު މިނިސްޓްރީއާއި ކަމާބެހޭ އިދާރާތަކުން ރާވާފައިވާ އެއްވެސް ހަރަކާތަކަށް އެއްވެސް ބަޖެޓެއް ލިބިފައި ނުވާ ކަމަށެވެ.

ނަމަވެސް އެބިލަށް ބަހުސްކުރެއްވި ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވިދާޅުވެފައިވަނީ ޑިއުޓީ ބޮޑުކުރަނީ ކޮންމެހެން ދައުލަތަށް އާމްދަނީ އިތުރުކުރުމަށް ނޫން ކަމަށާއި ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ފޯރުކޮށްދިނުމާއި ސިއްހަތަށް ގެއްލުންދޭ ތަކެތިން ރައްޔިތުން ދުރުކޮށް ރައްކާތެރި ކުރުމަށް ކަމަށެވެ.

އެބިލަށް އަމަލު ކުރުމަށް އޮތީ އެބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ އެބިލް ތަސްދީގުކުރައްވާ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް