ކުލަގަދަ ހަފްލާއަކާއެކު ވީ މިޑިއާގެ ފުރަތަމަ ފީޗާ ފިލްމު ''ދައުވަތު'' ޕްރިމިއާކޮށްފި އެވެ.
މަޝްހޫރު ފިލްމީ ތަރީ އަދި މިހާރު ވީ ޓީވީގެ ޕްރޮޑަކްޝަން ޓީމްގެ ކޯޑިނޭޓަރ ޔޫސުފް ޝަފީއު (ޔޫއްޕޭ) ލިޔެ ޑައިރެކްޓް ކޮށްފައިވާ ''ދައުވަތު'' ޕްރިމިއާ ކުރުމުގެ ހަފްލާގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.
އެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވީ، ގައުމެއް ބިނާވެގެން އަންނަނީ ވާހަކައިން ކަމަށެވެ. އަދި 80 ގެ އަހަރުތަކުން ފެށިގެން ރާއްޖޭގައި ފީޗާ ފިލްމު ހަދަމުން އައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ އަރިހުގައި ވީ މީޑިއާގެ ބާނީ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން ވީ މީޑިއާގެ މެނޭޖިން ޑިރެކްޓަރ އަދި ގާސިމްގެ ދަރިކަލުން ސިޔާދު ގާސިމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ވީ މީޑިއާގެ މުއައްޒަފުންގެ 100 ޕަސެންޓްގެ މަސައްކަތް ހިމެނޭ އެ ފިލްމަކީ ރާއްޖޭގެ ދެކުނު ރަށެއްގައި ހިނގާފައިވާ ހަގީގީ ހާދިސާގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. ފިލްމުން ފެނިގެން ދަނީ އަލަތު ކައިވެނީގެ ކުރުމަށް ފަހު ދެމަފިރިއަކު ''ހަނީމޫން'' ގައި ހިނގާ ކަންތައްތަކެވެ. މި ފިލްމުގައި ދައްކުވައިދެނީ ސިހުރުގެ ނުރައްކާތެރި ކަމާއި އެކަމުން ސަލާމަތްވުމަށް ފަރުދީ ގޮތުން ކުރެވިދާނެ ކަންތައްތަކެވެ.
ފިލްމުގައި ފެނިގެންދާ ތަރިންގެ ތެރޭގައި، އައްޒަ، އަހުމަދު އީސަ (އަނަންދު)، އަލީ އާޒީމް (ދޮން އައްޔަ) ގެ އިތުރުން ސްޓެޕް އައްޔަގެ އިތުރުން ޒިޔާދާއެވެ.
ފިލްމު ބެލި މީހުން ބުނީ، ފިލްމު ވަރަށް ތަފާތު އަދި އެހާމެ ފުރިހަމަ ކަމަށެވެ. ފިލްމު ތަފާތު ފިލްމަކަށް ވެފައިވާއިރު ގިނަ ބެލުންތެރިން ވަނީ އެ ފިލްމުގައި ނުބައިބައި ރޯލުން ފެނިގެންދާ އާނަންދުގެ ރޯލަށް ތައުރީފްކޮށްފައެވެ.
ބެލުންތެރިޔަކު ބުނީ އާނަންދުގެ އެކްޓިން އެހެން ތަރިންނާ ވަރަށް ތަފާތުކަމަށެވެ. އާނަންދު ބުނީ، ފިލްމުގައި އޭނާ އަދާކުރި ނުބައި ރޯލާއި މެދު ހިތް ހަމަޖެހޭކަމަށާއި، ވީހާވެސް ގިނަ ބެލުންތެރިންނަށް އެ ފިލްމު ކަމުގޮސްފައިވާތީ އެކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.
ފިލްމުގެ ޑައިރެކްޓަރު ޔޫއްޕެ ބުނީ، ސިހުރާ ބެހޭ ގޮތުން ފިލްމެއް ހަދަން ހިޔާލަށް އައީ މީގެ ކުރިން ރާއްޖޭގައި ސިހުރު ހެދުން ގިނަވެގެން ދިޔަ ދަނޑިވަޅުގައި ކަމަށެވެ. އަސްލާ އެއްގޮތް ކުރުމުގެ ގޮތުން ގިނަ މަސައްކަތެއް ކޮށްފައިވާ ކަމަށް ޔޫއްޕޭ ބުންޏެވެ. އަދި އެ ފިލްމުގެ ކޮންމެ ތަރިއަކުވެސް ވަރަށް މަސައްކަތް ކޮށްފައިވާ ކަން އޭނާ ފާހަގަ ކުރިއެވެ.
ފިލްމު އޮލިމްޕަހުގައި ހޮނިހިރު ދުވަހާ ހަމަޔަށް އަޅުވަން ހަމަޖެހިފައިވާއިރު ޓިކެޓް ލިބެން ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު ދިހައަކުން ރޭގަނޑު އަށަކަށް ކަމަށް ވީމީޑިއާ އިން ބުންޏެވެ.