ދިވެހި ފުޓުބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް ށ. ފޯކައިދޫ ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން ކާމިޔާބުކޮށްފިއެވެ.
ދެ ލެގަކަށް ބަހާލައިގެން ކުޅުނު ޗެރިޓީ ޝީލްޑް ޓީސީން އުފުލާލީ މާލޭގައި ކުޅުނު ދެވަނަ ލެގުގެ މެޗު 1-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މި ދެ ޓީމު ށ. ފޯކައިދޫގައި ކުޅުނު ފުރަތަމަ ލެގު ނިމުނީ 1-1 ގެ ނަތީޖާ އިން އެއްވަރުވެގެންނެވެ. ޓީސީން ޗެރިޓީ ޝީލްޑް ކާމިޔާބުކުރީ 2-4 ގެ އެގްރިގޭޓުންނެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯކޮށް ރަނގަޅަށް ކުޅެމުންދިޔައީ ފޯކައިދޫއިންނެވެ. އެގޮތުން އެ ޓީމުން ވަނީ ޓީސީގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތަކެއް ވެސް އުފައްދާފައެވެ.
ނަމަވެސް ޓީސީން ވަނީ ފުރަތަމަ ހާފްގެ ވަކި ހިސާބަކުން މެޗުގެ ކޮންޓްރޯލް ހޯދާފައެވެ. އެގޮތުން 26 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް އައިޝަމްއެވެ.
މި ލަނޑަށް ފަހު ވެސް ޓީސީ އަށް ވަނީ ލީޑު ފުޅާކުރަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ނޭޕާލްގެ ފޯވާޑް ބިމަލް ގާތީ މަރުއަށް ލިބުނު ހުސް ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.
ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ފޯކައިދޫގެ މައްޗަށް ޓީސީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ފޯކައިދޫއިން އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައިވާއިރު، ލަނޑު ޖެހުމަށްވެސް ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ނަމަވެސް ލިބުނު ބައެއް ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފެއެވެ.
އެގޮތުން ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ އަކުރަމް އަބްދުލްޣަނީ (އަކޫ) އަތުގައި ޖެހިގެން ރެފްރީ ދިން ޕެނަލްޓީ ފޯކައިދޫގެ އަންސަރު އިބްރާހިމް (އަންކޮ) ފޮނުވާލިއިރު، އެ ޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިޔަށެވެ.
ފޯކައިދޫއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 56 ވަނަ މިނެޓުގައެވެ. މި ލަނޑު އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކުރީ ކުރިން ނިއުރޭޑިއަންޓަށް ކުޅުނު އަލީ ޝާމިއުއެވެ.
ނަމަވެސް ޓީސީން ވަނީ 69 ވަނަ މިނެޓުގައި އަނބުރާ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކުރީ ބިމަލްއެވެ. އޭނާ ވަނީ 76 ވަނަ މިނެޓުގައި ޓީސީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގައި އޭނާއަށް ހެޓްރިކް ހެދުމަށް ވެސް ފުރުސަތު ލިބި ބޭކާރުވިއެވެ.
މިއީ ހޯމް އެންޑް އަވޭ އުސޫލުން ފުރަތަމަ ޑިވިޝަންގެ މެޗެއް ރާއްޖޭގައި ކުޅުނު ފުރަތަމަ ފަހަރެވެ. އަދި މިއީ 2017 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕަށް ފަހު މާލެއިން ބޭރުގައި ފުރަތަމަ ޑިވިޝަންގެ މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ.