ޔޫރޯ ކޮލިފައިންގައި ސްވިޑެން ބަލިކޮށް ސްޕެއިން ގްރޫޕްގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.
ހޯމަ ދުވަހުގެ ރޭ ކުޅުނު މި މެޗު ސްވިޑެންއާ ވާދަކޮށް ސްޕެއިން ކާމިޔާބުކޮށްފައި ވަނީ 0-3 ގެ ނަތީޖާއަކުންނެވެ.
ސްޕެއިން ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެމުން ދިޔައީ އެ ޓީމުންނެވެ. އެ ގޮތުން ސްވިޒަލޭންޑްގެ ހާފަށް ބާރުބޮޑުކޮށް އެ ޓީމުން ވަނީ ހަމަލާތަކެއް އުފައްދާފައެވެ.
ފުރަތަމަ ހާފްގައި ސްޕެއިންގެ ފަރާތުން 13 ޝޮޓު ފެނިގެންދިޔައިރު، ފުރަތަމަ 20 މިނެޓަށްފަހު ގޯލާ ހަމާޒުކޮށް އެޓީމަށް ޝޮޓެއް ހެދިފައެއް ނުވެއެވެ.
ނަމަވެސް ދެވަނަ ހާފް ފެށިގެން ސްޕެއިން ވަނީ އެޓޭކްތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން 64 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ސާޖިއޯ ރާމޮސްއެވެ.
ސްޕެއިން އިން ލީޑު ފުޅާކުރީ 87 ވަނަ މިނެޓުގައެވެ. މި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ އަލްވަރާ މޮރާޓާއެވެ. އަދި އޭގެ މިނެޓެއް ފަހުން ސްޕެއިންގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ފަބިއަން ރުއިޒްގެ އެހީތެރިކަމާ އެކު މިކެލް އޮޔަޒަބަލްއެވެ.
މި ގްރޫޕްގައި ހިމެނޭ ނޯވޭއިން ފެރޯ އައިލޭންޑްސްގެ މައްޗަށް 0-2 ގެ ނަތީޖާއަކުން ކުރިހޯދާފައިވާއިރު، ރޯމޭނިއާއިން ވަނީ 0-4 ގެ ތަފާތު ބޮޑު ނަތީޖާއަކުން މަލްޓާގެ މައްޗަށް ކުރި ހޯދާފައެވެ.
ގްރޫޕްގެ އެއްވަނައިގައި 12 ޕޮއިންޓާއެކު ސްޕެއިން އޮތްއިރު، ދެވަނައިގައި އޮތީ ހަތް ޕޮއިންޓާއެކު ސްވިޑެންއެވެ. ތިންވަނައިގައި ސްވިޑެންއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން އޮތީ ރޯމޭނިއާއެވެ. ހަތަރުވަނައިގައި ފަސް ޕޮއިންޓާއެކު ނޯވޭ އޮތްއިރު، ފަސްވަނައިގައި ތިން ޕޮއިންޓާއެކު އޮތީ މަލްޓާއެވެ. އަދި ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި ފެރޯ އައިލޭންޑްސްއެވެ.