ކ. މާލެ
|
10 ޖޫން 2019 | ހޯމަ 22:24
ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކުރެވުނު ކުރީގެ ރައީސް އަލީ ޒަރްދާރީ
ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކުރެވުނު ކުރީގެ ރައީސް އަލީ ޒަރްދާރީ
ގެޓީ އިމޭޖަސް
ޒަރްދާރީ ހައްޔަރުކުރުން
ކޮރަޕްޝަނުގެ ތުހުމަތުގައި ޕާކިސްތާނުގެ ކުރީގެ ރައީސް ޒަރްދާރީ ހައްޔަރުކޮށްފި
 
ޒަރްދާރީއަކީ މަރާލެވިފައިވާ ކުރީގެ ބޮޑުވަޒީރު ބޭނަޒީރް ބުއްޓޫގެ ހުވަފަތް ފިރިކަލުން
 
ކުރިން ވެސް ތަފާތު ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައިވޭ
 
އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުގައި 400 މިލިއަން ޑޮލަރު ލޯންޑަރ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ

މަނީ ލޯންޑަރިންގ މައްސަލައެއްގައި، ޕާކިސްތާނުގެ ކުރީގެ ރައީސް އާސިފް އަލީ ޒަރްދާރީގެ ކަފާލާތުގެ ހުށައެޅުން ކޯޓުން ބޭރު ކޮށްލުމާއި ގުޅިގެން އޭނާ ހައްޔަރުކޮށްފިއެވެ.

ހޯމަ ދުވަހު ޒަރްދާރީ ހައްޔަރު ކުރަން ދިޔުމުން، އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާކިސްތާނު ޕީޕަލްސް ޕާޓީ (ޕީޕީޕީ) އަށް ތާއީދުކުރާ މީހުންނާއި ފުލުހުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ. ގިނަ ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައިވާ ޒަރްދާރީއަށް ޕާކިސްތާނުގެ ގިނަ ބަޔަކު "މިސްޓަރ ޓެން ޕާސެންޓް" އޭ ވެސް ކިޔާ އުޅެއެވެ. ޒަރްދާރީއަކީ މަރާލާފައިވާ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ފިރިކަލުންނެވެ. ޒަރްދާރީ ޕާކިސްތާނުގެ ރައީސްކަން ކުރެއްވީ 2008 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރަށެވެ.

ޒަރްދާރީގެ އިތުރުން އޭނާގޭ އަންހެން ކޮއްކޮއަކު ކަމުގައިވާ ފަރިޔާލް ތާލްޕޫރްގެ މައްސަލައެއްވެސް ޕާކިސްތާނުގެ ނެޝަނަލް އެކައުންޓަބިލިޓީ ބިއުރޯ (އެންއޭބީ) އިން ތަހުގީގު ކުރަމުން އަންނަ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. ދެ ބޭފުޅުން ވެސް ވަނީ އެ ބޭފުޅުންގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

ޒަރްދާރީގެ މައްޗަށް މި ފަހަރު ކުރެވެނީ، ޝައްކުކުރެވޭ ބޭންކް އެކައުންޓްތަކަކަކާއި ކުންފުނިތަކެއް ބޭނުންކޮށްގެން މިލިއަނުން ޑޮލަރު ލޯންޑަރ ކުރިކަމުގެ ތުހުމަތެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ތަހުގީގުކުރާ ފަރާތްތަކަށް ވަނީ، ގިނަ އަދަދެއްގެ ފަގީރުންތަކެއްގެ އެކައުންޓަށް ފައިސާ ޖަމާކުރުމަށް ފަހު، އެ ފައިސާ ނަގާފައިވާ ކަމަށެވެ. ސެޕްޓެމްބަރު މަހުގެ ތެރޭގައި ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އެ މައްސަލަ ބަލަން އުފެއްދި ކޮމިޝަނަށް ވަނީ، އެ އެކައުންޓްތަކުގެ ތެރޭގައި 400 މިލިއަން ޑޮލަރު ރޯލްވެފައިވާ ކަން ފާހަގަވެފައެވެ.

ޒަރްދާރީގެ މައްޗަށް އޭނާގެ ސަރުކާރުގައި ހިންގި ހައުސިން ސްކީމްއެއްގައި މަގާމުގެ ނުފޫޒުން އަމިއްލަ ކުންފުންޏަކަށް ނާޖައިޒު ފައިދާއެއް ހޯދައި ދީފައިވާ ކަމުގެ ތުހުމަތު ވެސް ކުރެވިފައިވެއެވެ. މިހާރުގެ ބޮޑުވަޒީރު އިމްރާން ހާންގެ ވެރިކަމުގައި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވެސް ހުންނެވީ ހަތް އަހަރުގެ ޖަލު ހުކުމެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް